ސުޕްރީމް ކޯޓް

ބަންދުގެ މުއްދަތު އިސްތިއުނާފް ކުރަން 48 ގަޑިއިރު

ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު އިސްތިއުނާފް ކުރަން ބޭނުންނަމަ ބަންދުގެ މުއްދަތުގެ އަމުރު ނެރޭތާ 48 ގަޑިއިރުގެ ތެރޭގައި (ރަސްމީ ބަންދު ނުހިމެނޭ ގޮތަށް) ހުށަހަޅަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

ބަންދުގެ މުއްދަތު އިސްތިއުނާފް ކުރުމަށް ހުށަހަޅަންޖެހޭ މުއްދަތުގެ ގޮތުގައި މިގާރު ކަނޑައަޅާފައިވަނީ އެއަމުރެއް ނުވަތަ ހުކުމެއް ނެރޭތާ ދިހަ ދުވަހުގެ މުއްދަތެވެ.

އެކޯޓުން މިއަދު ނެރުނު އާންމު ސިޓީއެއްގައި ބުނީ ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުން ކުރާ ހުކުމްތަކާއި ނިންމުންތައް އިސްތިއުނާފް ކުރުމަށް ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދިހަ ދުވަސްތެރޭ ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އަމުރު ނެރޭތާ 48 ގަޑިއިރުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށެވެ.