ފިނިޕޭޖް

މޯލްޑިވިއަން އައިޑޮލްއާ އެކު ދިރާގުން ފަހިކޮށްދޭ ފުރުސަތު ވެސް ވަރަށް ބޮޑު

  • ދިރާގަކީ މި ޝޯގެ ޓައިޓްލް ސްޕޮންސާ
  • އޭގެ ފައިދާ ދިރާގުގެ ކަސްޓަމަރުންނަށް ވެސް ކުރޭ
  • އާޓިސްޓުންގެ އަގުވަޒަންކުރުމުގައި ދިރާގުގެ ރޯލު ބޮޑު

މޯލްޑިވިއަން އައިޑޮލްގެ ސަބަބުން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާ ކަމަށް ދިރާގުން ބުނެފި އެވެ.

އެ ކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައްތަކެއް ކުރާ ކަމަށާއި ހާއްސަކޮށް ޒުވާނުން ބިނާ ކުރުމަކީ ދިރާގުގެ މުހިންމު ދައުރެއް ކަމަށެވެ.

"މޯލްޑިވިއަން އައިޑޮލް ކީނަމަވެސް މިއީ އެންމެ ވަރުގަދަ އިންޓަނޭޝަނަލް ބްރޭންޑް. މި ވަރުގެ އިންޓަނޭޝަނަލް ބްރޭންޑެއް އައުމަކީ ރާއްޖެއަށް ލިބޭ ފަހުރެއް. މި ބްރޭންޑް ރާއްޖެއައުމާއެކު މި ބްރޭންޑް މެދުވެރިކޮށް ވަރަށް ގިނަ ޒުވާނުން ތަކަށް ފުރުސަތު ހުޅުވިގެންދޭ. އެ ޒުވާން ޓެލެންޓެޑް ޒުވާނުންގެ ހުނަރު ދައްކާލަން ފުރުސަތު ލިބޭ. އެހެންވެ ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެސޯސިއޭޓް ވާން ބޭނުންވޭ،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވިގެންދާ ކަމަށެވެ.

"މޯލްޑިވިއަން އައިޑޮލްއިން ޒުވާނުން އިންޓަނޭޝަނަލް ޕްލެޓް ފޯމްތަކުގައި ކުރިއަރަން ފުރުސަތުތަކެއް ލިބިގެންދާނެ،" އިމްޖާދު ވިދާޅުވި އެވެ.

"މިއީ ކަސްޓަމަރުން އުފާވާ ކަމެއް"

އިމްޖާދު ވިދާޅުވީ "މޯލްޑިވިއަން އައިޑޮލް" އައުމުގެ ކުރިން "އިންޑިއަން އައިޑޮލް" އާއި "އެމެރިކަން އައިޑޮލް" ވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގޭ މިފަދަ ރިއާލިޓީ ޝޯވްއެއް ދިވެހިން ބޭނުންވާވަރު. ދިވެހިންނޭ އަޅުގަނޑު މި ދަންނަވީ އަޅުގަނޑުމެންގެ ކަސްޓަމަރުން. ކަސްޓަމަރުން މިފަދަ ޝޯއެއް ބޭނުންވާނެ. މިއާ އެސޯސިއޭޓް ވެގެން ގެންދިއުމުން ކަސްޓަމަރުން އުފާވޭ. މިއާ ދިރާގު އެސޯސިއޭޓް ވުމުން ކަސްޓަމަރުން އުފާވޭ،" އިމްޖާދު ވިދާޅުވި އެވެ.

"އަސްލު ހަގީގަތުގައި ބޭނުމަކީ ދިރާގުގެ އިޝްތިހާރު ދައްކާ ދެއްކުން އެކަންޏެއް ނޫން. މީގައި މުހިންމު ވަނީ ބޭރުގެ ބްރޭންޑެއް، މިފަދަ ބޮޑު ޕްލެޓްފޯމެއް ރާއްޖެއަށް ދާދިއުން. މިކަމުގައި އަޅުގަނޑުމެން ބައިވެރިވެ ފެސިލިޓޭޓް ކޮށްދިނުން. މި ފަދަ ބްރޭންޑެއްގައި ދިރާގުގެ ނަން ފެނުމަކީ ބޮޑު އުފަލެއް،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަން އައިޑޮލް ދިރާގުން ދައްކަމުންދާއިރު ގިނަ މައުލޫމާތުތައް ގެނެސްދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަފާތު ހިދުމަތްތައް އެކި މީސް މީހުންނަށް ދައްކާލަން ފުރުސަތު ލިބޭ،" އިމްޖާދު ވިދާޅުވި އެވެ.

"އަވަސް އޮންލައިން ވަނީ އެހެން މީޑިޔާތަކާ އަރާ ހަމަކޮށްފައި"

އިމްޖާދު ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ އޮންލައިން މީޑިޔާ ޕާޓްނަރު ކަމަށްވާ "އަވަސް އޮންލައިން" ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.

"އަވަސް އޮންލައިން އިން އަވަސް ހަބަރު ގެނެސް ދިނުމުގެ އިތުރުން ތަފާތު މުނިފޫހި ފިލުވުމުގެ ހަބަރުތައް ގެނެސްދޭ. ތަފާތު ޓެބްލޮއިޑް ހަބަރުތައް ވެސް ގެނެސްދޭ، ދިރިއުމުގައި މުނިފޫހި ފިލުވުމުގެ ރަނގަޅު މައުލޫމާތުތަކެއް ވަރަށް ފުރިހަމައަށް އަވަސްއިން ގެނެސްދޭ،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަވަސްގެ ޒުވާނުން ޓީމްގެ ބުރަ މަސައްކަތުން ގިނަ ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. ހާއްސަކޮށް މޯލްޑިވިއަން އައިޑޮލްގެ ފަރުދާގެ ފުރަގަހުން ވާ ކަންތައްތަކުގެ މައުލޫމާތު އަވަސް އޮންލައިނުން ގެނެސްދޭ ގޮތް އިމްޖާދު ފާހަގަ ކުރި އެވެ.

"މޯލްޑިވިއަން އައިޑޮލްގެ ފަރުދާގެ ފުރަގަހުގައި މައުލޫމާތުތައް ގެނެސްދޭތީ މޯލްޑިވިއަން އައިޑޮލް މުއްސަނދިވޭ. މި މައުލޫމާތު ގެނެސްދޭއިރު މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވާ ކުދިންގެ މައުލޫމާތު ގެނެސްދޭ ގޮތް ވަރަށް ކަމުދޭ. އެ ކުދިންގެ ތަފާތު މައުލޫމާތު ގެނެސް ދިނުމަކީ މުޅި ޝޯ މުއްސަނދިވެގެންދާ ކަމެއް،" އިމްޖާދު ވިދާޅުވި އެވެ.