ރިޕޯޓް

ކުނީގެ މައްސަލަ ހައްލު ކުރަން ނިކުމެއްޖެ! މިފަހަރު މިކަން ވާނެތަ؟

  • މަސައްކަތް ހަވާލުކުރީ ވެމްކޯއާ
  • އެ ކުންފުނިން ބުނަނީ އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް
  • ކުނީގެ ކަންކަން މެނޭޖް ކުރަން ޒަމާނީ ގޮތްތައް ބޭނުން ކުރާނެ

ޒަމާނުއްސުރެއް ކުނީގެ މައްސަލަ ވެފައި އޮތީ ދިވެހިންނަށް ބޮޑު ބޮލުގަ ރިހުމަކަށެވެ. ކުނީގެ އުނދަގުލާ ހެދި އެތައް ތަކުލީފުތަކެއް އޮތީ އުފުލަން ޖެހިފަ އެވެ. އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ ވެރިރަށް، މާލޭ ސިޓީގައި އެ އުނދަގޫ އަދި ނިކަން ބޮޑެވެ. އެއްވެސް ސަރުކާރެއްގައި އެކަން ހައްލު ކުރަން ކުރެވުނުހާ މަސައްކަތެއް ދިޔައީ ފެނަށެވެ. އެތައް މޮޅަތި ޕްލޭންތަކެއް ހެދި ނަމަވެސް އެކަމަށް އަމަލީ މަސައްކަތެއް ގެންނަން އެދެވޭ މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ.

މީހުން ތޮއްޖެހި ފުރިފައިވާ މާލެއަށް ބަލައިލާ އިރު ހާލަތު އޮތީ އަދި ވަކިން ގޯސްކޮށެވެ. އެތަށް ހާސް ގެޔަކުން ނެރޭ ކުނިތަށް މާލޭގެ ކާރޫބާރޫ މަގުތަކުގައި ދައުރުވެ، އެ މަގުތައް ވެސް ބަދަލުވެފައި ވަނީ ބޮޑު ގޮނޑަކަށެވެ. ބަންގްލަދޭޝް މީހުން ބައިސްކަލްތަކުގައި ކުނި އުކާލުމުގެ މަސައްކަތް ކޮށްދީ ނިމޭ އިރު އޭގެ ދެބައިކުޅަ އެއްބައި ގޮނޑަށް ދިޔުމުގެ ބަދަލުގައި އޮންނަނީ މަގުމައްޗަށް ވެރި ހުސްވެފަ އެވެ. ސަރުކާރުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބައިސްކަލުގައި ކުނި އުފުލާއި 500 އަށް ވުރެއް ގިނަ ބިދޭސީ އިން އުޅެއެވެ. އެކަމަކު މިއީ އެއްވެސް ބަޔަކު އަޅާލާ ކަމެއްހެން ހިޔެއް ނުވެ އެވެ.

އެހެން ނަމަވެސް ބޮޑު ތަކުލީފަކަށް ވެފައި އޮތް މި މައްސަލައަށް ހައްލެއް ހޯދަން މި ސަރުކާރުން މި ވަނީ ނުކުމެފަ އެވެ. މާލޭ ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް ރަނގަޅު ފެންވަރެއްގައި ކުރުމަށް ސަރުކާރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މި ވަނީ ހަވާލުކޮށްފަ އެވެ. ރަނގަޅު ނުކުރެވޭހާ ދައްފެންވަރަކަށް މާލޭ ކުނިގެ މައްސަލަ ބޮޑުވެފައިވީ ނަމަވެސް މި ކުންފުނީގެ އުންމީދާއި އަމާޒު ހުރީ ހަރުދަނާ އުސޫލަކުން ކުނި މެނޭޖުކޮށް، މާލޭގައި މިދިމާވެފައިވާ މައްސަލައަށް އިނގިލާބީ ބަދަލެއް ގެނައުމަށެވެ. މިކަން މި މީހުންނަށް ވާނެ ހެއްޔެވެ؟

"މާލެގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް މިހާތަނަށް ކުރެވެމުން އައީ އޭގެ އެންމެ ރަނގަޅު ނަތީޖާ ނިކުންނާނެ ކަހަލަ ގޮތަކަށް ނޫން. އަޅުގަނޑުމެން ރައީސް މައުމޫން ސަރުކާރުގައި ވަރަށް ބައިވަރު ވެހިކަލްތަކާއި ވެސަލްތައް ބޭނުންކޮށްގެން މިކަން ކުރަމުން އައީ. މިއަދު އެހުރީ ހުރިހާ އެއްޗެއް ހަމަ ޝަޓްޑައުން ވެފައި. މިއީ ސިޓީ ކައުންސިލުން ވެފައި އޮތް ވަރަށް ބޮޑު އިހުމާލެއް. އެއީ މިމަސައްކަތް އެތަނުގެ ދަށުގައި އޮތް އިރުގައި މުޅިން ހުއްޓި އުޅަނދުތައް އަލުން މަރާމާތު ނުކުރެވޭ ވަރަށް ހުރީ ހަލާކުވެފައި. ދެން މިހުރިހާ އެއްޗެއް ހަލާކުކޮށްލައިފައި ހުރީ ކުއްޔަށް ހިފާފައި ހުރި އެއްޗެހި ތަކެއް ނެރިގެން. އެހެންވީަ މިކަމުން ދައުލަތުގެ ބަޖެޓަށް ވަރަށް ބާރު ބޮޑު. މީގެ ކުރީގެ އަހަރު ތަކުގައި 300 މިލިއަން އަށް ވުރެ ގިނަ ރުފިޔާ މިކަމަށް ހަރަދުކުރެވިފައި އެބަ ހުރި. އެހެންވެ ކޮންމެ އަހަރަކު އެހެން ހަރަދު ކުރުމުގެ ބަދަލުގައި މިސަރުކާރުގެ ވިސްނުމަކަށްވީ ކޯޕަރޭޝަނެއް އުފައްދަވާފަ ދެމެހެއްޓެނެވި ގޮތަކަށް މިކަން ކުރަން،" ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ގޮތުގައި މާލޭގެ ކުނީގެ މައްސަލަ އެއްކޮށް ހައްލު ކުރުމަށްޓަކައި ސަރުކާރުން ވެމްކޯއަށް އަމިއްލަ ވެސަލްތަކާއި ލޭންޑިން ކްރާފްޓު އަދި އެސްކަލޭޓާ ފަދަ ތަކެތި ގަންނަން އިންވެސްޓު ކުރާނެ ކަމަށެވެ. ހަދަން ޖެހޭ ސާވޭތައް ހަދަމުން އަންނަ ކަމަށާއި އަދި ނަތީޖާ ލިބޭ ވަރަކުން މަސައްކަތް ފަށަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުންފުނީގެ ވިސްނުން ހުރީ ހަރުދަނާ، ނިޒާމަކުން މާލެ ތެރޭގައި ދައުރުވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ތިލަ ފުށީގައި ޖެހިގެން އުޅޭ މައްސަލަތައް ވެސް ވެމްކޯ އިން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފުއާދު ގަބޫލު ކުރައްވަ އެވެ.

މާލެތެރޭ ދައުރުވާ ކުނީގެ މައްސަލަ!

މާލެގައި މީހުން ގިނަވެ ތޮއްޖެހިފައި އޮތްވަރުން ނޭވާވެސް ލެވެނީ ހަމަ ކިރިޔާއެވެ. ނަމަވެސް މާލޭގައި ޒަމާނުއްސުރެއް ކުރަމުން އަންނަ ކަމަކީ އެ ފުރި ބާރުވެފައި ހުންނަ ހިމަ މަގުތަކާއި ގޯޅިތަކުގައި ބޮޑެތި ލޮރީ އަދި ޕިކަޕު ތަކުގަޔާއި ބައިސިކަލު ތަކުގައި ހާމަ ގޮތަކަށް ކުނި އުފުލައި މަގަށް ކުނި އަޅަމުން ދިޔުމެވެ. މީގެ ސަބަބުން ގިނަ ބަޔަކު ހުންނަނީ ރުޅި ގަދަވެފައެވެ. ދެން އެހެން ކުނިތަށް މގުތަކުގައި ދަމަމުން ގެންގޮސް އަޅަނީ ބާޖުތަކަކަށެވެ. އެވެސް އެއްވެސް އުސޫލެއްގެ މަތިން ހިނގައި ކަމެއް ނޫނެވެ. ހަމަ ގޮސް އަޅާ ހުސްކުރަނީ އެވެ. ކަނޑަށާއި މުޅި އެސީބަށް ވެސް އޮންނަނީ ކުނިން ފުރިފައެވެ. ނަމަވެސް މިކަން ވެސް ބަލަހައްޓާނެ ބަޔަކު ނެތެވެ.

ހަގީގަތަކީ މިހާރު މިކުރަނީ ކުނި މެނޭޖެއް ނޫނެވެ. "އަމާ ބުނީތީ ފަރައްދާ" ގޮތަށް މިމަސައްކަތް ކުރަމުން އަންނަ އިރު މިކަން ރަނގަޅު ގޮތަކަށް ކުރެވޭނެ ކަން އެންމެން ގަބޫލު ކުރެއެވެ. އެގޮތުން ވެމްކޯ އިން ވިސްނުން ގެންގުޅެނީ ކުނި އުފުލުމަށާއި މާލެއިން ނެރުމަށް ހަރުދަނާ އުސޫލެއްގެ މަތިން ކުރުމަށް "ވޭސްޓް ކަލެކްޝަން ސާވިސް" އެއް ގާއިމް ކުރުމަށެެވެ.

"އަޅުގަނޑުމެން މާލެ 13 ބަޔަކަށް ބަހައިލާ ކޮންމެ ސަރަހައްދެއްގައި ކުނި އުކާލާނެ ފުރިހަމަ ނިޒާމެއް ގާއިމް ކުރާނަން. ވޭސްޓް ކަލެކްޝަން ސާވިސް އުފެދުމުން ގެޔަށް ކުނި އުކާލުމަކަށް ބަނގާޅިންނެއް ނުތިބޭނެ. ގޭބީސީތަކުންނާއި ރެސްޓޫރަންޓު ތަކުން އަދި އެހެނިހެން ތަންތަނުން ވެސް ކުނި އުފުލުމުގެ މަސައްކަތް ކުރާނީ އެސާވިސް އިން. އެމީހުން ތިބޭނީ ހަމަ ކުނި އުފުލުމުގެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ޔުނީފޯމާއި އަންގި ލައްވާގެން،" ފުއާދު ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގައި ކުނި އުފުލުމުގެ މަސައްކަތް ކުރުމަށް ޓްރައި ސައިކަލް ތަކާއި ވޭސްޓް ކަލެކްޝަން ސާވިސްގެ މަސައްކަތް ޒަމާނީ ފެންވަރަކަށް ކުރުމަށް ބޭރުން އުޅަނދުފަހަރުތަކެއް ގެނައުމަށް ރާވައިފަވާނެ ކަމަށާއި އެގޮތުން މާލެ ތެރޭގެ ކުނި އުކާލުމަށް ޓްރައި ސައިކަލް އަކާއި ކޮންޓެއިނާ ޕިކަޕެއް އަދި ކޮމްޕްރެސާ ޓްރަކްތަކެއް ގެންނާނެ ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

"ޒަމާނީ ޓްރައި ސައިކަލްތަކުގެ މޮޑަލް ތަކެއް އަޅުގަނޑުމެން އެބަ ބަލަން. އެ ހުންނާނީ ތިން ފޮރޮޅުލާފަ. ފަސޭހައިން ހިމަ މަގުތަކުން ދެވޭ އިރު 200 ކިލޯ ކުނި ބަރުކޮށްގެން އުފުލޭނެ. އަދި އެ ސައިކަލް ކަރަންޓުން ޗާޖްވެސް ކުރެވޭނެ. ދެން ގޭބިސީ ތަކުން ކުނި ނަގަން ކޮންޓެއިނާ ޕިކަޕް ތަކެއް ގެނެވޭނެ. މީގެ އިތުރުން ދެން ގެންނަ ކޮމްޕްރެސާ ޓްރަކްތައް ގެނެވޭނީ ވިޔަފާރިތަކާއި ހޮޓާތަކަށް ހާއްސަ ކޮށްގެން. އާމުގޮތެއްގައި އެތަންތަން ބަނދު ކުރާނީ ދަންވަރު ގަޑީ މީހުން މަދު ވަގުތު. އެހެންވީމަ އުޅަނދު ބޮޑު ވިޔަސް އުނދަގުލެއް ނުވާނެ،" އަދި ގިނަ އަދަދަކަށް ކުނި އުފުލޭނެ،" ފުއާދު ވިދާޅުވި އެވެ.

ދެން އޮތީ މިގޮތަށް އުފުލައި ކުނިތަށް މާލެ އިން ބޭރު ކުރުމެވެ. އެގޮތުން މިހާރު އެކަން ކުރާއިރު ކުނި ވާޒާތުގެ ހުރިހާ ކުންޏެއް މާލޭ ެކުނު ފަރާތަށް އަޅަމުން އަންނަ އިރު ދެން ހުރި ކުނި އަޅަނީ އެމްޕީއެލް ސަރަހައްދަށެވެ. ނަމަވެސް އެކުނިތަށް ހުރި ގޮތަށް އުކާލައި އިރު ކަނޑަށާއި މުޅި އެހިސާބު ގޮނޑަކަށް ވެފައި އޮތުން ހުއްޓުމަކަށް ގެނައުމަށް ޓަކައި އެމަސައްކަތްތަށް ބަދަލު ކުރުމަށް ވެސް ވެމްކޯ އިން ވަނީ ނިންމާފަ އެވެ.

"ވަރަށް ބޮޑު ފަސޭހަ އަކަށް ވެގެންދާނެ އެސަރަހައްދުގެ ކުނި މެނޭޖު ކުރުން ރަނގަޅު ފެންވަރަށް ކުރިޔަށް ގެންގޮއްސިއާ. އެހެންވެ އަޅުގަނޑުމެން ރާވައިފާ އޮތީ އެތަނަށް ގެންނަ ކުނިތައް ކޮމްޕްރެސްކޮށްފައި ކޮންޓެއިނަރު ތަކެއްގައި ބާޖުތަކަށް ލައިގެން ރީތި ގޮތަކަށް ތިމާވެއްޓަށާއި މީހުންނަށް އުންދަގޫ ނުވާނެ ގޮތަކަށް ކުނި ބޭރު ކުރުން. އޭރުން މޫޑަށް އެޅުން ކަހަލަ ކަން ކަން ވެސް އަޅުގަނޑު މެންނަށް ވަރަށް ބޮޑަށް ހައްލު ކުރެވޭނެ،" ފުއާދު ވިދާޅުވި އެވެ.

ތިލަފުއްޓަށް ކުނި ގެންދިޔުމަށް ފަހު ދެން ވާނީ ކިހިނެތް؟

ކުނި މެނޭޖުކޮށް ހަރުދަނާ އުސޫލެއްގެ މަތިން މާލޭ ސަރައްހައްދު ސާފުވިޔަސް ނިމުނީ އެއް ނޫނެވެ. ދުވާލަކަށް 700 ޓަނުގެ ކުނި ތިލަފުއްޓަށް މާލެއިން އެކަނިވެސް ގެންދާ އިރު އެތާންގައި ފަރުބަދަ ހެދޭ ވަރަށް ކުނި އެއްކޮށްފައި ބެހެއްޓުމުގެ ބަދަލަށް އެ ކަންވެސް ހައްލު ކުރުން މުހިންމެވެ. ކުނި އަަޅައިގެން ހިއްކާފައި އޮތް ތިލަފުށީގެ މައްސަލައަކީ ވެސް މިހާތަނަށް ހައްލުނުވެފައި އޮތް މައްސަލައެކެވެ. އެހެން ނަމަވެސް މާލެ ސަރަހައްދުން ކުނި މެނޭޖު ކުރުމުގެ މަސައްކަތާއި ހަވާލުވެ ހުންނެވި ވެމްކޯގެ ވިސްނުން މާލެއިން ބޭރަށް ތިލަފުއްޓަށް ވެސް ދެއެވެ.

އެގޮތުން ވެމްކޯ އިން ތިލަފުށީގެ ޖަމާވެފައިވާ ހުރި ކުނި ސިފަ ކުރަނީ ބޮޑެތި ފަރުބަދަތަކެއްގެ ސިފާގައެވެ. ގާތްގަނޑަކަށް 60 ފޫޓަށް ވުރެއް އުސްކޮށް ކުނި ޖަމާވެފައި ހުންނަށް އިރު ކޮންމެ ދުވަހަކުވެސް ފަރުބަދަ ދަނީ އުސްވަމުންނެވެ. އަދި ކުނި އެންދޭ މިންވަރާއި ބަލައިފަ ކުނި އަޅަމުން ގެންދާ ވަރު ދަނީ އިތުރު ވަމުންނެވެ. އެހެން ކަމުން ވެމްކޯ އިން ރޭވީ ތިމާވެއްޓައި ރައްޓެހި އަދި ދެމެހެއްޓެނެވި ގޮތަކަށް ތިލަފުށށީގެ މައްސަލަ ހައްލު ކުރުމަށެވެ.

"މާލޭގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތަށް ވުރެ މިިހާރު ތިލަ ފުށީގައި ޖަމާވެފައި ހުރި ކުނިޔަށް ހައްލެއް ގެނައުމަކީ މާ އުންދަގޫ ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ތިލަފުށީގައި ޒަމާނީ ވަސީލަތްތަކެއް ގާއިމްކުރުން. އޭގެ ތެރެއިން އެއް ގޮތަކީ އިންސިނަރޭޓާ [ތިމާވެއްޓައި ރައްޓެހި ގޮތަކަށް މަދުން ދުން އަރައި ގޮތަކަށް ގިނަ އަދަދެއްގެ ކުނި އެންދޭ މެޝިނެއް] ބަހައްޓާގެން ކުނި އެންދުން. އެމަސައްކަތް އަންނަ އަހަރު ފަށާނަން. ދެން އޮތް ގޮތަކީ ތިމާވެއްޓައި އެއަށްވުރެއްވެސް ރައްޓެހި އުސޫލުތަކެއް. ރީސައިކަލްކޮށް ރީޔޫޒް ކުރުން. ތިލަފުށީގައި ރީސައިކަލް ކުރެވެން ޕްލާސްޓިކާއި، ދަނގަނޑު އަދި ގާފަދަ ތަކެތިވެސް ގިނަ އަދަދަކަށް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން ވިސްނުން ގެންގުޅެނީ ދެމެހެއްޓެނިވި ގޮތަކަށް ރީސައިކަލް އަދި ރީޔޫޒް ކުރުމަށް ބާރު އަޅަން،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ގޮތުގައި ވެމްކޯ އިން މިއަހަރު ތެރޭގައި ތިލަފުށީގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް، ޕްލާސްޓިކް ރީސައިކަލް ކޮށް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ފަށާނެ އެވެ. މީގެ އިތުރުން މާލޭގައި ވެސް ރީސައިކަލް ކޮށްފައިހުރި ތަކެތި ވިއްކުމަށް ފިހާރަތަށް ހުޅުވަން ރާވައިފަވާ ކަމަށެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމުގައި އެންމެންގެ ޒިންމާ

ހަގީގަތަކީ ސަރުކާރުން ކިތަންމެ ގިނަ ކޯޕަރޭޝަންތަކެއް ހުޅުވައި ނުވަތަ ގިނަ މަސައްކަތްތަކެއް ކުރިޔަސް އެންމެންގެ އެއްބާރުލުން ނެތީއާ މިމައްސަލައަށް އެކަށީގެންވާ ނަތީޖާއެއް ދުވަހަކުވެސް ނާންނާނެ އެވެ. ކޮންމެ ބައެއް ވެސް މާލެ ސާފު ތާހިރުތަނެއްގޮތުގައި ބެހެއްޓުމަށް އެމީހެއްގެ ދައުރު އަދާ ކުރަން ޖެހެއެވެ. އެހެން ނަމަވެސް ކުނީގެ މަސައްކަތް ކުރާ ބަޔަކު ކުރާނެ ކަމެއް ކުރަން ދޫކޮށްލައި ތިބުމުން މައްސަލަތައް ހައްލެއް ނުވާނެ އެވެ.

އެގޮތުން ބަލައި ނަމަ އެންމެ ގިނަ އަދި ބަރު ޒާތުގެ ކުނި ބޭރު ކުރަނީ ކޮންސްޓަރަކްޝަން ސައުޓުތަކުންނެވެ. އިމާރާތްތައް ތަޅައިގެން ނޫނީ އިމާތާތް ކުރާއިރު އުފެދޭ އެކީ ކުނިތައް ވިޔަފާރި ކުރާ ތަންތަނުން އެކަނި ވެސް އެތަށް ސަތޭކަ ޓަނުގެ ކުނި ކޮންމެ ދުވަހަކު މާލެއިން ނެރެން ޖެހެއެވެ. އެހެން ކަމުން ވެމްކޯ އިން މިހާރު ވަނީ އެކަން އުސޫލަކަށް ކުރިޔަށް ގެންދިޔުމަށް، އިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެދޭ ކުނިން ފީ ނަގަން ވަނީ ފަށައިފައެވެ. އެހެން ނަމަވެސް އެއްވެސް ބައެއް ވިޔަފާރި ވެރިން އެއްވެސް އުސޫލެއް ނެތި، ކުނި ގިނަ ވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުން ދެއެވެ.

"ހަމަ އެކަނި ފީއެއް ނަގައި ވާހަކަދައްކީމަ ރައްޔިތުންނަށް މިކަން އޮޅެނީ. މާލެއިން ދުވާލަކަށް ނިކުމޭ 700 ޓަނުގެ ކުނި. މި އެބަ ޖެހޭ ކޮންޓްރޯލް ކުރެވެން. އެކަމަކު އަޅުގަނޑަށް ވަރަށް ފާހަގަ ކުރެވޭ ބާޒާރުމަތި. އެތާ އެއޮތީ ހުސް ވިޔަފާރިވެރިން. އެކަމަކު އެތަންތަނުން އުފެދޭ ހުރިހާ ކުނިތަކެއް އެމީހުން އެއްކޮށްފައި ބަހައްޓަނީ މަގުމަތީގައި. ދެން ހައުސިން މިނިސްޓްރީ އިން ގޮސް ޖެހެނީ އެވެސް ނަގައި ސާފު ކުރަން. އެހެންވީމަ ސަރުކާރުން މި ސާފުކޮށޤ ބަލަހައްޓަނީ ވިޔަފާރި ވެރިން ކުނި އަޅައިވަރަށް. މީގެ އެއްވެސް އުސޫލެއް ނެތް. ކުނި އުފައްދާ ވިޔަފާރި ވެރިން ވެސް ރެސްޕޮންސިބަލް ވާން އެބަ ޖެހޭ. ހަމަ ދައުލަތުގެ ބަޖެޓުން އެތަން ސާފުކޮށް ބެލެހެއްޓީމަ އެކަން ދިމާނުވާތަން އެބަ އާދެ. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުން އެބަ ހުރި ހައުސިން މިނިސްޓްރީގައި ދަންނަވާގެން އެވެސް ކޮންމެސް ފީއެއް ޗާޖުކޮށްގެން ކޮންމެވެސް ގޮތަކަށް އެކަން ކުރުމަށް،" ފައާދު ވިދާޅުވި އެވެ.