ހަބަރު

މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަނީ

Feb 14, 2016

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާގޮތަށް މަޖިލީހުން ނިންމައިފި އެވެ. އެކަން އަންގައި މެންބަރުންނަށް ވަނީ މިހާރު އެސްއެމްއެސް ވެސް ފޮނުވައިފި އެވެ.

ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމަށް، ރައީސް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މި މަހުގެ ހަތަރު ވަނަ ދުވަހު ދަރުބާރުގޭގައި ވަނީ ބާއްވައިފަ އެވެ. އެ ޖަލްސާ ދަރުބާރު ގޭގައި ބާއްވަން ޖެހުނީ މަޖިލީހުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޗެމްބަރުގެ ކަރަންޓް ނަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

އެހެންވެ މަޖިލީހުގެ ޖަލްސާތައް ފެށުން ވެސް އޮތީ ލަސްވެފަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ ޖަލްސާތައް ހޯމަ ދުވަހު ހެނދުނު 9:00 ގައި ފަށާނެ ކަމަށް އަންގައި މަޖިލީހުގެ މެންބަރުންނަށް މެސެޖް ފޮނުވައިފަ އެވެ. އެހެން ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި ހިއްސާ ކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު އަށް ގުޅުމުން ފޯނު ނުނަންގަވާތީ މިކަމުގައި މަޖިލީހުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.