ރިޕޯޓް

ތިނަދޫގެ ތަރައްގީ އާ އެކު މިނިވަންކަމުގެ އިހުސާސް މާ ފޮނި

  • ތިނަދޫގެ މީހުން އާބާދުވިތާ މިއަހަރަށް 50 އަހަރުފުރޭނެ
  • ރަށަށް ބޭނުންވާ ތިން މަޝްރޫއެއް ނިންމާ އިފްތިތާހު ކުރާނެ
  • ރަށުގެ ރައްޔިތުން ތިބީ ހިތްހަމަޖެހި އުފަލުން ފޮޅިފައި

ގދ. ތިނަދޫ އިން؛ އައިމިނަތު އިބްރާހިމް

"ދައްތާ މެންނަށް މިއޮތީ މުސްތަގްބަލް ފެނިފައި. މިއަދު މި ތިބެނީ ވަރަށް އުފަލުން. މީގެ ބަރާބަރު 55 އަހަރު ކުރިން ރަށުން މީހުން ބާލައި ތަޅައި މަރައި ސުންނާފަތިކުރި އިރު މިވަރުގެ ތަރައްގީ ރަށެއް މި ރާއްޖެއަކު ނެތް. އޭގެ ފަހުން ރަށަށް މީހުން އައިސް ވަޒަންވެރި ވިޔަސް، އެ ތަރައްގީ އެއް ނުފެނޭ މިވީހާ ދުވަސް ވީއިރު. އަލުން ވަޒަން ވެރިވިތާ 50 އަހަރު ފުރުނަކަސް އެ މިނިވަންކަން އިހުސާސް މިވަނީ އަދި ކިރިޔާ،" ތިނަދޫގައި އަލަށް ހެދި ބަނދަރު ސަރަހައްދު ރީތިކުރަން ކުދި ބޮޑު އެންމެން ހޭބޯނާރާ އުޅޭ މަންޒަރު ބަލަން އިން 69 އަހަރުގެ މާމަ އަކު ބުނެލީ މިހެންނެވެ.

އެ ދައްތަގެ ވާހަކަޔަށް ތާއީދު ނުކުރާ ކުދި، ބޮޑު ރައްޔިތަކު މިރަށަކު ނެތެވެ. "ހުވަދޫ ބަޣާވާތަށް" ފަހު ތިނަދޫ އަލުން އާބާދުވި ފަހުން މިއަހަރުގެ އޮގަސްޓު 22 ގައި ފުރޭ 50 އަހަރާ އެކު ރައްޔިތުން ތިބީ ހަގީގަތުގައި ވެސް ހެވި ދިލިފަ އެވެ.

ތިނަދޫގެ ކަޅު ސޮފުހާތަކުގެ ގޮތުގައި ލިޔެވިފައިވާ މަޝްހޫރު "ހުވަދޫ ބަޣާވާތް" ނުވަތަ "ދެކުނުގެ ބަޣާވާތަށް" 55 އަހަރު ފުރިއްޖެ އެވެ. އޭޕްރީލް 4، 1961 ވަނަ ދުވަހަކީ މުޅި ތިނަދޫގެ ތާރީހު ބަދަލުކޮށްލި ދުވަހެވެ. ދެކުނުގެ ތިން އަތޮޅު ގުޅިގެން ހިންގި ވަކިވެ ގަތުމަށް އުފެދުނުގެ ހަރަކާތް ނައްތާލުމަށް އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހިންގެވި ހަރަކާތްތަކުގައި އަމާޒުވި ބަޑީގެ ހަމަލާތަކުން މުޅި ރަށް ހަސްފަސްކޮށްލި އެވެ. އެ ހަމަލާތައް ދީ ނިމުނު އިރު ތިނަދޫ އޮތީ ފަޅުވެފަ އެވެ. އެތަކެއް ޒަމާންތަކެއް ވަންދެން އެރަށު މީހުން ކުރި މަސައްކަތާއި ހޯދި ތަރައްގީ ވެއްޔާއި މޮޑެވި އުންމީދުތައް އޮތީ ފަޅު ރަށެއްގައި މަގުމަތިވެފަ އެވެ. މި ކަންތައްގަނޑަށް ފަހު، ތިނަދޫ އަލުން އާބާދު ވާން ފެށީ 22 އޮގަސްޓް 1966 ވަނަ އަހަރު އެވެ. ރަށު މީހުން އެ ދުވަސް ފާހަގަ ކުރަނީ އެ މީހުންނަށް މިނިވަންކަމެއްގެ ގޮތުގަ އެވެ.

"މިރަށުގެ ރައްޔިތުން ބޭއިންސާފު ދިރިއުޅުން އުޅޭތާ ވެއްޖެ އަހަރުތަކެއް. ހިތާމައިގަ. އެކަމަކު މިއަދު ބައެއް ޝަކުވާތައް މަދު ވެއްޖެ. ހިތަށް ފިނިކަން ލިބިއްޖެ، ބޭބެމެން ދުނިޔޭގައި ތިއްބާ މި ދުވަސް ފެންނާނެ ކަމަކަށް އުންމީދެއް ވެސް ނުކުރަން،" ތިނަދޫ މަގެއްގެ ޖޯލިފައްޗެއްގައި އިށީނދެލައިގެން އިން އުމުރުން ދުވަސްވީ ބޭބެއަކު ބުންޏެވެ.

ތިނަދޫގެ ރައްޔިތުން މިއަދު ތައްޔާރުވަމުން ދަނީ މިނިވަންކަމާ އެކު ތަރައްގީގެ އުފާ ފާޅުކުރާށެވެ. އެތަކެއް އަހަރު ބޭނުންވެފައި ތިބި ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދެއްވި ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީން އަށް އެރަށުގެ މީހުން ޝުކުރުވެރިވެ އެވެ. މި ސަރުކާރުން ތިނަދޫގައި ހިންގި ތިން މަޝްރޫއެއް ރައީސް ޔާމީން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނެ އެވެ. ތިނަދޫގެ ނަރުދަމާގެ މަސައްކަތް ނިމި އެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތަށް ފެނަކަ އޮފީހުން އެރަށް ތައްޔާރުކުރަމުންދާ އިރު، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރަން މިދިޔަ އަހަރު ހައުސިން މިނިސްޓްރީން ފެށި 20.8 މިލިއަން ރުފިޔާގެ މަސައްކަތް ވެސް ރައީސް މިއަދު އިފްތިތާހުކޮށްދެއްވާނެ އެވެ. އަދި 2.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން މިދިޔަ އަހަރު އެރަށުގައި ހަދަން ފެށި ބަނދަރުގެ މަސައްކަތް ނިމުމާއި ގުޅިގެން އެ ބަނދަރުވެސް މިއަދު ރައީސް ހުޅުވައިދެއްވާނެ އެވެ.

ރައީސް ތިނަދުއަށް ވަޑައިގަންނަވާނީ މިއަދު ހަވީރު 4:15ގަ އެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމަށް 50 ފުރޭ މުނާސަބާ އިތުރަށް ފުރިހަމަވެއްޖެ. އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރު ހައްގު. މި ތަރައްގީ އަކީ ތިނަދޫގެ ރައްޔިތުންގެ ހައްގެއް. މިކަން ވިލެއް އަދިވެސް މާ ލަސް. އެކަމަކު އެ ޝަކުވާ މިއަދު ކުރާކަށް ބޭނުމެއް ނުވޭ. މިނިވަންކަމަށް 50 ފުރޭ މުނާސަބަތަށް މިއަވުރެ ރަނގަޅު ހަދިޔާއެއް ތިނަދޫ ރައްޔިތުންނަކަށް ނުލިބޭނެ،" ބަނދަރުމަރީގައި ކުނިކަހަން ހުރި މެދު އުމުރުގެ އަންހެނަކު ޝުއޫރު ފާޅުކޮށްލި އެވެ.

ތިނަދޫގެ ނަރުދަމާގެ މަސައްކަތް ހިންގައި ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމާ އެކު، ފެނަކައިން ފޯރުކޮށްދޭ ތިން ހިދުމަތް ވެސް އެރަށަށް ކަށަވަރު ވީ އެވެ. އެކަމުގެ އުފާ ފާޅުކުރުމަށް މިއަދު ބާއްވާ ރަސްމިއްޔާތަށް އެރަށުގެ ގައުމީ އެކި ކުލަތަކުން ޒީނަތްތެރިކޮށްފަ އެވެ. ރަށުތެރެ އާއި ބަނދަރުމަތީގައި ދިދަފަތި ދަމާ ރީތިކޮށްފައިވާ އިރު، އެ މަސައްކަތްތަކުން ފެންނަނީ ތިނަދޫ ރައްޔިތުންގެ އެއްބައިވަންތަކަމެވެ. އިއްޔެއިން ފެށިގެން ރަށް ރީތިކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެކަމުގައި އެންމެ ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ވަނީ ބައިވެރިވެފަ އެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ އަޅުގަނޑުމެންގެ މުސްތަގުބަލު އުޖާލާ ވެއްޖެ ކަމުގެ އިހުސާސް ކުރެވޭތީ. މަންމަމެން ވެސް ވަރަށް ހެޕީ. އަދި ހުރިހާ އެންމެ މިގޮތަށް އެކީގައި އެކުވެރިކޮށް އުޅޭތީ ވަރަށް މަޖާ. މިކަހަލަ ކަންކަމުން އެންމެން އެކުވެރި ވާނެ،" މަންމައާ އެކު ރަށުގެ ބަނދަރު މަތި ސާފުކޮށްލަން އެހީތެރިވަމުން ދިޔަ 14 އަހަރުގެ ކުއްޖަކު ބުންޏެވެ.

ތިނަދޫގައި މިއަދު ބާއްވާ ރަސްމިއްޔާތުގައި އިފްތިތާހުކުރާ ތިން މަޝްރޫއުގެ އިތުރަށް، އެރަށުގެ މަގުތަކުގައި ތާރަ އަޅަން ސަރުކާރުން ފަށާފައިވާ މަގު ހެދުމުގެ މަޝްރޫއު ވެސް ރައީސް އިފްތިތާހުކޮށްދެއްވާނެ އެވެ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއަކީ ބިޔަ މަޝްރޫއެކެވެ. އެ މަސައްކަތަށް 80 މިލިއަން ރުފިޔާ ހޭދަވާއިރު، ރަށުގެ ބޮޑު ހުރިހާ މަގެއްގައި ހަމަސް ދުވަހުގެ ތެރޭގައި ތާރަ އަޅައި ނިންމާނެ ކަމަށް އެ މަސައްކަތް ކުރާ އެމްއާރްޑީސީން ބުންޏެވެ. އެ މަސައްކަތުގެ ދަށުން މިހާރުވެސް ވަނީ ތިނަދޫގެ ބައެއް މަގުތަކުގައި ތާރަ އެޅުމުގެ މަސައްކަތް ފަށާފަ އެވެ.