ދުނިޔެ

އަފްގާން ހަނގުރާމައިގައި އަނިޔާވި އާންމުންގެ އަދަދު ރެކޯޑް އަދަދަކަށް

އަފްގާނިސްތާނުގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި އަނިޔާވި މީހުންގެ އަދަދު އަނެއްކާވެސް ރިކޯޑް އަދަދަކަށް އިތުރުވެއްޖެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ހަނގުރާމަތަކުގައި އަނިޔާވި އާއްމުންގެ އަދަދު 11،002 އަށް އަރާކަމަށް އެމެރިކާއިން ނެރުނު އެނުއަލް ރިޕޯޓުން ދައްކަ އެވެ.

މި ރިޕޯޓުގައި މި ހަނގުރާމަތަކުގައި އަފްގާންގެ އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ލިބޭކަން ފާހަގަކޮށްފައިވެ އެވެ. އެގައުމުގައި ދޭ ގިނަ ޓެރަރިސްޓު ހަމަލާތަކަކީ ތާލިބާން ފަދަ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުން ދޭ ހަމަލާތަކެވެ.

މިދިޔަ އަހަރު ހަނގުރާމަތަކުގައި މަރުވި މީހުންގެ އަދަދުގެ ގޮތުގައި ރިކޯޑު ކުރެވުނު އަދަދަކީ 3،545 އެވެ.

2014 ވަނަ އަހަރަށްވުރެ މިދިޔަ އަހަރު ހަނގުރާމަތަކުގައި އަފްގާނުން އަނިޔާވި މީހުންގެ އަދަދު ހަތަރު ޕަސެންޓު އިތުރުވެފައިވާއިރު އަނިޔާވި ކޮންމެ ހަތަރު މީހަކުން އެކަކަކީ ކުޑަ ކުއްޖެކެވެ. އަދި ކޮންމެ 10 މީހަކުން އެކަކަކީ އަންހެނެއް ނުވަތަ އަންހެން ކުއްޖެކެވެ.

މިކަމާއި ގުޅިގެން އަފްގާނުގައި ހުންނަ ޔޫއެންގެ ހާއްސަ މަންދޫބު ނިކޮލަސް ހައިސަން ވިދާޅުވީ މިއަދަދަކީ ގަބޫލުކުރެވޭނެ އަދަދެއް ނޫން ކަމަށެވެ. އަދި ހަނގުރާމައިން ކުށެއް ނެތް އާއްމު ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އަފްގާން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިކޮލަސް ގޮވާލެއްވި އެވެ.

އެމެރިކާއިން ނެރުނު އެނުއަލް ރިޕޯޓުގައި ބުނާ ގޮތުގައި ހަނގުރާމައިގައި ޒަހަމްވި މީހުންގެ ތެރެއިން 62 އިންސައްތަ މީހުންގެ ޒިންމާ "އެންޓި ގަވަމެންޓް އެލެމެންޓްސް" އިން ނަގަން ޖެހޭނެ ކަމަށެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން މިހާތަނަށް 59،000 މީހުންނަށް އަފްގާން ދާހިލީ ހަނގުރާމައިގައި އަނިޔާ ލިބިފައިވާ ކަމަށް ޔޫއެންގެ ރިކޯޑުތަކުން ދައްކަ އެވެ.