ހަބަރު

އިމްރާންގެ މައްޗަށް ހުކުމް ކުރުން މާދަމާ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ. އަޑުއެހުންތައް ނިންމާލައްވަމުން ގާޒީ ވިދާޅުވީ މާދަމާ ހުކުމް ކުރުމަށް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ދެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވައިފަ އެވެ. އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، މޭޑޭގައި ބޭއްވި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ކަންކަން ރޭވި ކަމުގެ ތުހުމަތުގަ އެވެ. އެހެން ނަމަވެސް އިމްރާން އެ ދައުވާއަށް އިންކާރު ކުރައްވަ އެވެ. ދައުލަތުން ހުށަހެޅު ހެކިން ބުނަނީ، އެ ދުވަހު ހަމަނުޖެހުން ހިނގީ އިމްރާންގެ ސަބަބުން ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

ދައުލަތުގެ ހުލާސާ ފާހަގަ ކުރި ބައެއް ކަންކަން:

  • ކާނަލް ނާޒިމްގެ މައްޗަށް ހުކުމެއް އިއްވާފައިވަނިކޮށް އެކަން ސަރުކާރުގެ އިސްވެރިންގެ ބޮލުގައި އަޅުވައި ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފައިވާކަން
  • ރައީސް ޔާމީން ސުލްހައިގެ މޭޒަށް ދިއުމަށް އިންކާރުކުރައްވާފައި ވަނިކޮށް އެނޫން ގޮތެއް ރައީސްއަށް ނެތްކަމަށް ބުނެ އިންޒާރު ދީފައިވާކަން
  • ތަހުގީގުކުރަމުންދާ ރިލްވާންގެ މައްސަލަ ވަކި ބައެއްގެ ބޮލުގައި އަޅުވައި، ފުލުހުންގެ އަގު ވައްޓާލާފައިވާކަން
  • ވެރިކަން ބަދަލުކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވިދާޅުވެފައިވާކަން
  • އިރިއޮއްސުމަށްފަހު، ސުލްހަވެރިކަން އުވާލާ ހަމަނުޖެހުމަކަށް ގޮވާލާފައިވާކަން
  • މުޒާހަރާގައި ކުރިއަށްދާނެ ގޮތް މުޒާހަރާގެ އިސްވެރިން އަންގާނެ ކަމަށް ވިދާޅުވެފައިވާކަން

އިމްރާނުގެ ހުލާސާ ބަޔާނުގައި ފާހަގަކުރި ބައެއް ކަންކަން:

  • ރައްޔިތުން ބިރުގަންނަ ކަމެއް ނުވަތަ އަމަލެއް އިމްރާން ކުރައްވާފައިނުވާކަން
  • އިންޒާރެއް ދީފައި ނުވާކަން
  • ވާހަކަ ދައްކާ ޖޯޝާއި ރާގަށް ދައުވާ ނުކުރެވޭނެކަން
  • އިލްޒާމެއް އެޅުވުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދެވަނަ މާއްދާގެ ކ އަށްދާ ކަމެއް ނޫން ކަން (އިމްރާންގެ މައްޗަށް ދައުވާ ކޮށްފަިއވަނީ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ ކ ގެ ދަށުން)
  • ފުލުހުންނާ މެދު ނަފުރަތު އުފެދޭ ވާހަކައެއް ދެއްކުމަކީ ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދެވަނަ މާއްދާގެ ކ އަށްދާ ކަމެއް ނޫން ކަން
  • އިމްރާން ދެއްކެވި ވާހަކަތައް ދައުލަތުން ވަކި ގޮތަކަށް މާނަކުރާކަން، މާނަ ކުރަން ވެއްޖެނަމަ އެއީ ދައުވާ ސާފުނުވަނީކަން

އިމްރާންގެ އަޑުއެހުމެއް އިއްޔެ ބާއްވަން ޝެޑިއުލް ކުރި ނަމަވެސް ޕީޖީ އިން ބައެއް ކަންކަން އޮޅުންފިލުވައިދޭން ބޭނުން ވާ ކަމަށް ކޯޓްގައި އެދުމުން އަޑުއެހުން މިއަދަށް ފަސްކުރީ އެވެ.