ހަބަރު

މަޝްވަރާ ކުރަންވީ ހައްޔަރުގައި ތިބި ބަޔަކު ދޫކުރާކަން ނޫން: ރައީސް

  • ކުށެއް ކޮށްފިއްޔާ އެންމެންނަށް ވެސް އަދަބު ލިބޭނެ
  • އުފެއްދުންތެރި މަޝްވަރާތަކަށް ފުރުސަތު އޮންނާނެ
  • ސިޔާސީ މީހުންގެ ވިސްނުން ކޮށި ކަމަށް ވިދާޅުވި

ސިޔާސީ ޕާޓީތަކާ އެކު ވާހަކަ ދައްކާނީ ހައްޔަރުގައި ތިބި ފަރާތްތަކެއް ދޫކޮށްލަން ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީތަކުން ވާހަކަ ދައްކަން އަންނަވީ އެންމެން ގުޅިގެން ގައުމު ތަރައްގީ ކުރާނެ ސިޔާސަތުތަކެއް އެކުލަވާލުމަށް ކަމަށެވެ.

ގދ. ގައްދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ސަރުކާރުން ހުޅުވާލި މަޝްވަރާގެ ފުރުސަތުގައި ހުރިހާ ޕާޓީތަކުން އައިސް މަޝްވަރާ ކުރަންވީ، ރާއްޖޭގެ ވެރިކަން ހަވާލު ކުރާނީ ކޮން ބޭފުޅަކާތޯ ކަނޑައަޅަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގުޅިގެން ގައުމު ތަރައްގީ ކުރުމަށް ސިޔާސަތުތައް އެކުލަވާލައި އުފެއްދުންތެރި މަޝްވަރާތަކެއް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީބަޔަކު ހައްޔަރުކޮށްފައި ތިބީ ސިޔާސީ މީހުންނަށް ވީމަ ނޫން ކަމަށެވެ. އެމީހުން ހައްޔަރުކުރީ ސިޔާސީ މީހުންނަށްވުރެ ބޮޑަށް "ސިޔާސަ" ވެގެން ގޮސް ކުރެވުނު ކުށްތަކަކުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮންމެ މީހަކަށް ވިޔަސް ކުށެއް ކޮށްފި ނަމަ އަދަބު ދެއްވާނެ ކަމަށެވެ. އަދި އަދަބު ލިބެން ޖެހޭނީ ނިކަމެތި ރައްޔިތުންނަށް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ކުށެއް ކޮށްފި ނަމަ، ސިޔާސީ މީހަކަށް އަދަބު ލިބެން ނުޖެހޭ ކަމަށް ގަބޫލު ކުރާ ނަމަ އެއީ ސިޔާސީ މީހުންގެ ކޮށި ވިސްނުމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެފަދަ ކަންކަމާ މެދު މަޝްވަރާ ކުރެވެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ހުރިހާ ބޭފުޅުންވެސް ވަޑައިގަންނަވަންވީ ވާހަކަ ދައްކަވަން. ވާހަކަ ދައްކަންވީކީ ކުށް ކޮށްގެން ހައްޔަރުކޮށްފައިވާ މީހުން ވީއްލާކަށް ނޫން. އަޅުގަނޑާއެކީ ވާހަކަ ދައްކަން ވަޑައިގަންނަވާ. ގައުމު އާރާސްތުކުރުމަށް މިކުރާ މަސައްކަތުގައި މިއަށްވުރެން ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި މަޝްރޫޢުތައް މިއަށްވުރެން ހަލުވި ކަމާއެކީ ކޮށްދެވޭނީ ކިހިނެތްތޯ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ބަދުނާމު ނުކުރައްވާ އެމަނިކުފާނާއެކު ވާހަކަ ދައްކަވަން ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ. އެ މަޝްވަރާތަކުގެ ތެރެއިން އެންމެން ގުޅިގެން ރާއްޖެ ބޭރުގައި އިޝްތިހާރުކޮށްގެން، ރާއްޖެ އަކީ ހުރިހާ މެހެމާނުންނަށް ކަމޭހިތާ މަންޒިލެއް ގޮތުގައި ޕްރޮމޯޓުކުރަން ވާހަކަތައް ބޭއްވުމަށް ރައީސް ގޮވާލެއްވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ބޮޑުކޮށްގެން ދައްކައި ރާއްޖެ ފަލީހަތް ކުރުމަށް ކުރާ މަޝްވަރާތަކަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑާއެކީ ވާހަކަ ދައްކަން ވަޑައިގަންނަވާ، ގައްދޫއަށް އިތުރު ތަރައްގީ ބޭނުން ކަމަށްވަންޏާ ގައްދޫއަށް އިތުރު ތަރައްޤީ ގެނެސްދެވޭނީ ކޮންކަހަލަ މަޝްރޫޢުތަކެއް ހިންގައިގެންތޯ. އަޅުގަނޑުމެން އާދައިގެ ނިކަމެތި ރައްޔިތުންނަށް ބޭނުންވަނީ ކޮންކަމެއްތޯ. އަޅުގަނޑުމެން އާދައިގެ ނިކަމެތި ރައްޔިތުންނަށް ބޭނުންވާނީ އެރަށުގެ ލަފާ ފުރުމުގެ ދަތިކަން ހުރިއްޔާ އެކަންކަން ސަރުކާރުން ފަސޭހަ ކޮށްދޭން. މާލެއަށް ދާން އަގުބޮޑިއްޔާ އަގުހެޔޮ ކޮށްދޭން. ކަރަންޓު ބިލު ބޮޑިއްޔާ އަގުހެޔޮ ކޮށްދޭން." ރައީސް ވިދާޅުވި އެވެ.