ހަބަރު

ރައްޔިތުންގެ ފައިސާއެއްގައި ނުޖެހެން، މި ހުރީ ހިދުމަތް ކުރުމުގައި: ރައީސް

Feb 15, 2016

ހަގީގަތާ ހިލާފު ވާހަކަ ކިތަންމެ ވަރަކަށް ދެއްކެވިޔަސް މައްސަލައެއް ނެތް ކަމަށާއި ހުންނަވާނީ ރައްޔިތުންނަށް ހިދުމަތުގައި ސާބިތުކަން މަތީގައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ގދ. ގައްދޫއަށް ސާފުބޯފެން ފޯރުކޮށްދިނުން އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ސާބިތު ނުހިފޭ ތުހުމަތުތައް ކިތަންމެ ވަރަށް ކުރެވުނަސް އެކަމާ މެދު އެމަނިކުފާނުގެ އެއްވެސް ފަރުވާލެއް ނެތް ކަމަށާއި އެއީ ގާނޫނީ ގޮތުން ވެސް މައްސަލައެއް ނޫން ކަމަށެވެ. އެ ކަހަލަ ތުހުމަތުތައް އެމަނިކުފާނާ މެދު އެބަދުވެސް ކުރެވޭ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެކަންތައްތަކުގެ ސާބިތު ހެކި ދައްކަވަން އެފަދަ ފަރާތްތަކުން މިހާތަނަށް ވެސް ނުކުޅެދިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އައުމުގެ ކުރިން ވެސް އެފަދަ ތުހުމަތުތައް ކުރަމުން އައީ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމަށް އައީ ރައްޔިތުންގެ އިތުބާރު ހޯއްދަވައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިގޮޑީގައި އިށީގެންދެ ރައްޔިތުންނަށް ކީއްކުރަންތޯ އަޅުގަނޑު ހިދުމަތް ކުރަން ހުންނަވީ ރައްޔިތުންގެ ފައިސާގައި އަޅުގަނޑު ޖެހިގެން އުޅޭ ނަމަ. އަޅުގަނޑު ނޯންނާނެ ރައްޔިތުންގެ ފައިސާގައި ޖެހިފައެއް. މީގެ ކުރިން ވެސް މިކަހަލަ ތުހުމަތުތައް އަޅުގަނޑުގެ މައްޗަށް ކުރެވުނު ނޫންތޯ! މުޅި މި ރާއްޖޭގެ އުފެއްދުންތެރިކަމާ ނުބައްދަލު އަދަދެއް، 800 މިލިއަން ޑޮލަރު އަޅުގަނޑު ނެގިއޭ ކީ. މިހާރު އަޅުގަނޑާއި އަންހެނުންގެ އެކައުންޓްގައި ފައިސާ ހުރިއޭ މި ކިޔަނީ. އެހެން ވިއްޔާ އެ ފައިސާތައް ހޯދައިދެއްވާ. އޭރުން އެ ބޭފުޅުންނަށް އެ ހުރިހާ ފައިސާއެއް އަޅުގަނޑު ހިލޭ ދީފިން،" ރައީސް ވިދާޅުވި އެވެ. "މަހުލޫފް މި ފައިސާތައް ހޯއްދަވައި ދެއްވާ. އޭރުން މި ހުރިހާ ފައިސާއެއް މަހުލޫފަށް ދީފިން،"

ރައީސް ވިދާޅުވީ އެފަދަ ހަގީގަތް ނެތް ވާހަކަ ހަދައިގެން ދައްކަނީ ރައްޔިތުންނަށް ޓަކައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ އެކަމާ ކެތް ނުކުރެވިގެން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ދަރިންނަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ބައެއް ކަމަށާއި އެ ކުދިން އެހެން އުޅުމުގައި ދެއްކޭ ވާހަކައެއް ބޭރަށް ނެރެ ހާމަ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު އެފަދަ ކަންކަން ހިނގާނެ ކަން ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް އެފަދަ ކަންކަން ކުރާއިރު ރައީސް އަކަށް ހުންނަ މީހާ އަކީ ވެސް އިންސާނެއްކަން ގަބޫލު ކުރަން ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަހަލަ ކަންކަން ހިނގާނެ. އަޅުގަނޑަށް މައްސަލައެއް ނެތް. ހަދަހަދައިގެން ވާހަކަ ނެރުއްވަންވީ. އަޅުގަނޑުގެ ސާބިތުކަމެއް އެކަމުން ގުޑުވައެއް ނުލެވޭނެ،" ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ފަސް އަހަރުގެ ދައުރެއް ނިމޭ އިރު، 50 ރަށުގައި ނަރުދަމާ އާއި ބޯފެނުގެ ނިޒާމް ގާއިމް ކުރުން ކަމަށެވެ. އަދި އެފަދަ މަޝްރޫއުތައް ހިންގުމުގައި ބޭރުގެ އެކި ފަރާތްތަކުގެ އެހީ ރާއްޖެއިން ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ސަލާން ޖެހުމާއި ލަދުވެތި ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމަކީ އެމީހުންގެ ކަންކަން އަމިއްލައަށް ފުދިގެން އުޅޭ ބަޔެއް ނޫން ކަމަށެވެ.

"އދ މިއީ އަޅުގަނޑުމެންގެ ވެސް ހިއްސާއެއް އޮތްބަޔެއް. މިރަށުގެ ފެންވެސް ގާއިމް ވެގެން މި ދަނީ އދ ގެ އެހީތެރިކަމާ އެކު. އެފަދަ ބޭފުޅުންގެ އެހީތައް އަޅުގަނޑުމެން ފާހަގަ ކުރަން،" ރައީސް ވިދާޅުވި އެވެ.