ހަބަރު

މުއައްސަސާތައް ބަދުނާމު ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭން ހުށަހަޅާނަން: ރައީސް

  • މަރުކަޒީ ބޭންކެއް ދުނިޔޭގެ އެއްވެސް ބަޔަކު ބަދުނާމު ނުކުރާނެ
  • އޭގެން މުޅި ބޭންކިން ނިޒާމަށް ލޮޅުންއަރާ
  • ހުރިހާ ގެއްލުމެއް ވާނީ އާންމު ރައްޔިތުންނަށް

ދައުލަތުގެ މުހިންމު މުއައްސާތަކުގެ ބޮލުގައި ސާބިތުނުހިފޭ ބޮޑެތި ބަދުނާމުތައް އަޅުވާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ރައްޔިތުން މަޖުލީހުގެ މެމްބަރުންނަށް ކަރުދާހެއް ފޮނުއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމިންވިދާޅުވެއްޖެ އެވެ.

ތިނަދޫގައި ނަރުދަމާއާއި ބަނދަރުގެ މަސައްކަތް އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމި އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަރުކަޒީ ބޭންކަކީ ރާއްޖޭގެ ހުރިހާ ވިޔަފާރި ކުރާ ބޭންކްތަކެއް ބަލަހައްޓަމުން އަންނަ ފަރާތް ކަމަށެވެ. އަދި އެތަނުން ވިޔާނުދާ ކަންތައްތައް ކުރާ ކަމުގެ ވާހަކަ ދެއްކުމުން ބޭންކިން ނިޒާމާއި ދޭތެރޭ މުޅި ރައްޔިތުންނާއި ބޭރުގެ ހުރިހާ ފަރާތްތަކަށް އޮތް އިތުބާރު ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމެއްގެ މަރުކަޒީ ބޭންކާ ބެހޭ ގޮތުން މިފަދަ ވިޔާނުދާ ވާހަކަ އެއްވެސް ގައުމެއްގެ ސިޔާސީ ބޭފުޅުން ދައްކަވާ ނޫޅުއްވާ ކަމަށެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން ހުންނަ ބޭފުޅުން ވިޔަސް ރައްޔިތުންނަށް ދަތިވާނެ ކަހަލަ ވާހަކަ ނުދެއްކެވުމަށް ރައީސް މިއަދު އިލްތިމާސް ކުރެއްވި އެވެ.

"މިސާލަކަށް ދިމާވާ ކަންތައްތަކެއް ތެރޭގައި ބީއެމްއެލް ނޫނީ އެސްބީއައި ހުއްޓާލަން ޖެހިއްޖެ ކަމަށް ވަންޏާ ދެން ރައްޔިތުން އުޅޭނެ ހާލު ވިސްނާލައްވާ. ހަމަ ގައިމުވެސް ރާއްޖޭއިން ބޭރުގައި ތިބި މީހުންށް ފައިސާ ފޮނުވޭނެ ނިޒާމެއްވެސް ހަމައެއް ނުޖެއްސޭނެ. އެހެންވީމަ މަރުކަޒީ ބެންކުން ބިލިއަނެއް ހައި ޑޮލަރު ރާއްޖެއިން ގެނެއްސިއޭ ބުނެލަން ފަސޭހަ. އެއްވެސް ޒިންމާއެއް އުފުލާކަށް ނުޖެހޭ. އެކަމަކު ރައްޔިތުންނަށް އެކަމުން ކުރަނީ ކޮން ކަހަލަ އަސަރެއްތޯ ވިސްނާލައިފި ކަމަށް ވަންޏާ ހަމަ ހިތަށް އަރާ މިކަހަލަ ޒިންމާދާރު ކުޑަ ވާހަކަދައްކާ މީހުންނަށް ދައުލަތުގެ ހަރަދުގަ މިކުރެވޭ މަސައްކަތުން ބައިފަޅިވެސް އަޅަން ޖެހޭ ބާއޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަރުކަޒީ ބޭންކުން ބިލިއަނެއްހާ ޑޮލަރު ރާއްޖޭއިން އެތެރެ ކޮށްފި ކަމަށް ބުނެ އަޅުވާ އިލްޒާމްތަކަކީ ދިވެހި ރައްޔިތުންނަށް މާފު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފަހުން ވެރިކަމަށް އަންނަން ބޭނުންވާ ކަމަށް ވިދާޅުވާ ބަޔަކު ގައުމުގައި ހުރި ހުރިހާ މުއައްސާތަކެއް ގުރުބާން ނުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ ކަންތައް މިއީ ސަރުކާރަށް އަމާޒުވުމުގެ ބަދަލުގައި، އެއީ ދައުލަތުގެ މުޅި ނިޒާމް ތަކަށް އަމާޒުވެގެން އަނަން ކަންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ވެ މިމީސް މީހުނާއި ދޭތެރޭގައި ދެން ދައުލަތުން ކަންތައް ކުރާނީ ކިހިނެތް ތޯ ބެލުމަށް މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑު ކަރުދާހެއް ފޮނުވާނަން. ކޮންމެސް ކަހަލަ ޒިންމާދާރު ގޮތްތަކެއް މީގަ ނެރެން އެބަ ޖެހޭ. މިމީހުންނާ ދޭތެރޭގައިހަމަ އެކަނި އަބުރުގެ ދައުވާ ކޮށްލާގެނެއް ނުފުދޭނެ،" ރައީސް ވިދާޅުވި އެވެ.

އެމްއެމްއޭ އާއި ގައުމީ ބޭންކުން މަނީލޯންޑްރީ ކުރުމުގައި ބައިވެރިވާ ކަމަށް ބުނެ، ތުހުމަތުކޮށްފައި ވަނީ ރިޝްވަތު ހިފުމުގެ ތުހުމަތު ކުރެވި، އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.