ހަބަރު

ނުކުޅެދުންތެރިކަން ހުންނަ 100 ކުއްޖަކަށް ފެނަކައިން ވަޒީފާ ދެނީ

Feb 15, 2016

ނުކުޅެދުންތެރިކަން ހުންނަ 100 ކުއްޖަކަށް މިއަހަރުގެ ތެރޭގައި ފެނަކައިން ވަޒީފާ ހަމަޖައްސަން ނިންމައިފި އެވެ.

ގައްދޫގެ ތަރައްގީގެ މުހިންމު މަޝްރޫއުތައް ފެށުމަށް މިއަދު ބޭއްވި ހަފްލާގައި ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން މިއަހަރުގެ ތެރޭގައި ފެނަކައިން އެފަދަ ކުދިންނަށް ވަޒީފާ ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަތޮޅުތަކުގައި ހުރި ފެނަކައިގެ އޮފީސްތަކުން އެފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ލިބޭނެކަން ރައީސް އިއުލާން ކުރެއްވި އެވެ.

"މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް އެބަދޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފުރުސަތު ދޭން. އެގޮތުން ފެނަކައިން މި އަހަރު 100 ވަޒީފާގެ ފުރުސަތު އެފަދަ ކުދިންނަށް ހާއްސަކޮށް އެބަ ހުޅުވާލާ. ފެނަކައިގެ އަތޮޅުތަކުގެ ބްރާންޗްތަކުން މިފަދަ ކުދިންނަށް ފުރުސަތު މި ދެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ، ސޮދަގާތް ފައުންޑޭޝަނާއި އެންސްޕާ ގުޅިގެން މިއަހަރުގެ ތެރޭގައި އެންސްޕާއިން އިން ވަނީ އެފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތުތަކެއް ފަހިކޮށްދީފަ އެވެ.

ރައީސް ވިދާޅުވީ މިއީ މި ސަރުކާރަށް ކޮށްދެވޭ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އަދި އެހެން ސަރުކާރުތަކުން އެފަދަ ކުދިންނަށް ކަންކަމަށް މަގުފަހިނުކޮށްދޭ ވަރަށް މި ސަރުކާރުން އެ ކަންކަމަށް މަގުފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.