ހަބަރު

ތިނަދޫއަށް މުހިންމު ތިން މަޝްރޫއެއް ނިންމައި ރައީސް އިފްތިތާހު ކޮށްދެއްވައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީން ގދ. ތިނަދޫގައި ހިންގި ތިން މަޝްރޫއެއް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ. ރައީސް މިއަދު އިފްތިތާހުކޮށްދެއްވީ ތިނަދޫގެ ނަރުދަމާގެ މަޝްރޫއާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރަށް އެރަށުގައި އަލަށް ހެދި ބަނދަރު މަޝްރޫ އެވެ.

މިއަދު އިފްތިތާހުކުރި ތިން މަސައްކަތަކީ ވެސް ނިމުނު 2015 ވަނަ އަހަރު ސަރުކާރުން ފެށި މަސައްކަތްތަކެކެވެ. އޭގެ ތެރެއިން ނަރުދަމާގެ މަސައްކަތަކީ ސަރުކާރުން 90 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނިންމި މަސައްކަތެކެވެ. އަދި ބޭރު ތޮށި ހިމާޔަތްކުރުމަށް ހިންގި މަޝްރޫއަކީ 39.5 މިލިއަން ރުފިޔާ ހަރަދުވި މަސައްކަތެކެވެ.

ތިނަދޫގެ ނަރުދަމާގެ މަސައްކަތް ނިމުމުން، އެކަން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ފެނަކަ ކޯޕަރޭޝަން އާ ހަވާލުކޮށްފަ އެވެ.

ރައީސް މިއަދު ތިނަދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެރަށޫގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އަތިރި މައްޗަށް އެއްވެ ރައީސް އާއި ސަލާމްކުރައްވާފަ އެވެ.