ހަބަރު

ތިނަދޫ ބަރާސީލުގައި ފުޓްސަލް ދަނޑެއް އަޅަނީ

Feb 16, 2016

ގދ. ތިނަދޫ ބަރާސިލު އަވަށުގައި މި އަހަރު ނިމުމުގެ ކުރިން ފުޓްސަލް ދަނޑެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް އަމާޒަކީ ޒުވާނުންނަށް ކޮށްދޭ މަސައްކަތްތައް އިތުރުކޮށް، ޒުވާނުންނަށް ކުރިއަށްދެވޭނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ތިނަދޫގެ ޒުވާނުން ބޭނުންވާފަދަ ދަނޑެއް ރަށުގައި ގާއިމްކޮށްދިނުމަކީ އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމަށާއި އެކަން މި އަހަރުގެ ތެރޭގައި ކޮށް ނިންމާނެ ކަމަށެވެ.

"މި ރަށުގެ ބަރާސީލުގައި ޒަމާނީ ފުޓްސަލް ދަނޑެއް އެޅުމަށް ޒުވާނުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބިކަން، މެންބަރުގެ ވާހަކަފުޅުން ވެސް އަޅުގަނޑަށް އެނގިއްޖެ. އަޅުގަނޑަށް ޔަގީން އަޅުގަނޑުގެ މާ ބޮޑު މަސައްކަތެއް ނެތީސް ވެސް މިހާރުގެ ޔޫތު މިނިސްޓަރު އެ މަސައްކަތް ތިނަދޫގެ ޒވާނުންނަށް ކޮށްދެއްވާނެކަން،" ރައީސް ވިދާޅުވި އެވެ.

ރައީށް ވިދާޅުވީ، މިއަހަރަކީ ތިނަދޫގައި މީހުން އާބާދު ވިތާ 50 އަހަރު ފުރޭ އަހަރަށް ވުމުން ކުރިއަށް އޮތް ތަނުގައި ތިނަދޫއަށް ގިނަ ހެޔޮ ހަބަރުތައް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ތިނަދުއަށް ދިމާވާ ދަތި ކަންކަމަށް ހައްލު ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީޏްކަން އެމަނިކުފާނު ދެއްވި އެވެ.