ހަބަރު

އެކައުންޓްގެ ތަފްސީލްތައް އޭސީސީ އަށް ދޭން ރައީސް އެދިވަޑައިގެންފި

Feb 15, 2016
1

ރައީސްގެ ބޭންކް އެކައުންޓްތަކާ ބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދޭ މައުލޫމާތުތައް ފޯރުކޮށް ދިނުމަށް ރައީސް އެދިވަޑައިގެންފި އެވެ. އޭސީސީ އިން އެ މަައުލޫމާތުތައް ބޭނުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށެވެ.

އިސްލާމިކް ބޭންކުން ރައީސްގެ އެކައުންޓްގެ މައުލޫމާތު އޭސީސީ އަށް ފޯރުކޮށް ނުދީ އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ އެކައުންޓެއްގެ މައުލޫމާތު، އޭސީސީ އިން ބޭނުންވާ ނަމަ އެ މައުލޫމާތެއް ދިނުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ. އޭސީސީ އިން ބުނަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތަކެއް ނުދީ އެމްއައިބީ އިން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެކަމުގައި އެ ބޭންކާ އެކު މަޝްވަރާ ކުރާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސްގެ އެމްއައިބީގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ޑޮލަރުގެ މިދިޔަ އަހަރުގެ ފަހުކޮޅު ދެ ފަހަރެއްގެ މަތިން ވަނީ ޖަމާކޮށްފަ އެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި އެމްއައިބީގައި އޮންނަ ރައީސްގެ އެކައުންޓަކީ އެއްވެސް ގޮތަކަށް ރައީސް ބޭނުން ކުރައްވާ އެކައުންޓެއް ނޫނެވެ.

ރައީސް މިއަދު ވިދާޅުވީ ރައްޔިތުންގެ ފައިސާއެއްގައި ޖެހިފައި ނޯންނާނެ ކަމަށާއި ހުންނެވީ ސާބިތު ކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. ރައްޔިތުންގެ ފައިސާގައި ޖެހުނު ކަމަށް ބުނެ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރެއްވުމުން އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް ރައީސް ނެންގެވި ކަމަށް ތުހުމަތު ކުރާ ފައިސާތައް އެ ހުރިތަނަކުން ދައްކައިފި ނަމަ، އެ ހުރިހާ ފައިސާއެއް އެ ހޯދި މީހަކަށް ނޫނީ ބަޔަކަށް ހަދިޔާއެއްގެ ގޮތުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ 800 މިލިއަން ޑޮލަރު ބައިތުލްމާލުން ނެގި ކަމަށް ބުނެ ވެރިކަމަށް އަންނަން އުޅުނު ދުވަސްވަރު ވެސް އެމަނިކުފާނަށް ބަޔަކު ތުހުމަތު ކުރި ކަމަށެވެ. އެކަމަކު އެކަން ވެސް ބެލި އިރު އެއީ ތެދަކަށް ނުވި ކަމަށް ވިދާޅުވި އެވެ.