އެމްޑީޕީ

މަޝްވަރާއަށް އެމްޑީޕީއަށް ދައުވަތު ލިބިއްޖެ، އަދި ގޮތެއް ނުނިންމާ!

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްނަގަވައިގެން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އެމްޑީޕީއަށް ދައުވަތު ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ. ރައީސް އޮފީހުން ޕާޓީތަކަށް ދައުވަތު ފޮނުވާފައިވަނީ އިއްޔެ އެވެ. މަޝްވަރާތައް ފަށަން ސަރުކާރުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެމްޑީޕީގެ ސެކްޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރު ވިދާޅުވީ، މަޝްވަރާއަށް އެމްޑީޕީއަށް ދައުވަތު ލިބިފައިވާ ކަމަށާއި ކުރިއަށް ދެތިން ދުވަހެއްގެ ތެރޭގައި އެ ޕާޓީން ނިންމާ ގޮތެއް އިއުލާންކުރާނެ ކަމަށެވެ.

މަޝްވަރާ ކުރުމަށް ދައުވަތު ދިނީ، ޕީޕީއެމް އަށާއި އެމްޑީއޭ އަށާއި އެމްޑީޕީ އަށާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއަށެވެ. ރައީސް ފޮނުއްވި އެ ދައުވަތުގައި ޕާޓީތަކުގެ ކިބައިން އެދިފައި ވަނީ މަޝްވަރާތަކަށް ހުށަހަޅާ މައްސަލަތަކާއި ޕާޓީތަކުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުންގެ ނަންތަކެއް ރައީސް އޮފީހަށް ފޮނުއްވުމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ފަރާތުން ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރެވެ.

ރައީސް އިއްޔެ މަޝްވަރާތަކާ ގުޅޭ ގޮތުން ވިދާޅުވީ މަޝްވަރާ ކުރަން ވާނީ ހައްޔަރުގައި ތިބި ބަޔަކު ދޫކޮށްލުމަށް ނޫން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ހަމަޖެހޭ ރާއްޖެ އެއް ބިނާކޮށް ގުޅިގެން ތަރައްގީ ގެނައުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގެ ތެރެއިން އެންމެން ގުޅިގެން ރާއްޖެ ބޭރުގައި އިޝްތިހާރުކޮށްގެން، ރާއްޖެ އަކީ ހުރިހާ މެހެމާނުންނަށް ކަމޭހިތާ މަންޒިލެއް ގޮތުގައި ޕްރޮމޯޓުކުރަން ވާހަކަތައް ބޭއްވުމަށް ރައީސް ގޮވާލެއްވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ބޮޑުކޮށްގެން ދައްކައި ރާއްޖެ ފަލީހަތް ކުރުމަށް ކުރާ މަޝްވަރާތަކަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.