މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލު ކުނި ކެހުމުގެ މަސައްކަތް އަންހެން ގައިދީންނަށް

މާފުށީޖަލުގެ ސްޓާފް އޭރިއާ ކުނިކެހުމުގެ މަސައްކަތް ޖަލުގައި ތިބޭ އަންހެން ގައިދީންނަށް ހަވާލުކޮށްފި އެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ މިއީ އެ މަސައްކަތް އަންހެން ގައިދީންނަށް ދިނީ ގައިދީން ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ ފައިދާއާއި މަންފާ ލިބޭނެ ދުވަސްތަކަކަށް ހަދައިދޭން ކަމަށެވެ.

ކުނި ކެހުމުގެ މަސައްކަތް މީގެ ކުރިން ކުރަމުންއައީ އެމްސީއެސް ގެ މުވައްޒަފުންނެވެ. ކަރެކްޝަނަލް އިން ބުނީ މި މަސައްކަތް ކުރުމަށް އެކަށީގެންވާ ވަރަށް މުވައްޒަފުން އިތުރު ކުރުމަކީ މުސާރައިގެ ގޮތުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެލަވަންސް އުސޫލުން ގައިދީން ލައްވާ ކުނިކެހުމުގެ މަސައްކަތް ކުރުވުމުން އެކަމަށް ކުރާ ހަރަދު އެތައް ގުނައަކަށް ކުޑަވެގެން ދާނެ ކަމަށެވެ. އަދި ގައިދީން ކުރާނެ މަސައްކަތެއްނެތި ގޮޅިތެރޭ ތިބެގެން ވިސްނާ ނުރަނގަޅު ވިސްނުންވެސް ހަނިކުރެވި ގައިދީން ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ ގައިދީންނަށް މަންފާ ކުރުވަނިވި ދުވަސްތަކަކަށްވެ، ގައިދީން ރަނގަޅު ގޮތުގައި އަބުރާ މުޖުތަމައުއަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ފުޅާވެގެން ދާނެ ކަމަށް އެ ސާވިސްއިން ބުނެ އެވެ. ކުނި ކެހުމުގެ މަސައްކަތް ކުރުމަށް އަންހެން ޖަލުގެ 13 ގައިދީން ހަރަކާތްތެރިވެ އެވެ.

މީގެ އިތުރުންވެސް ގައިދީންނަށް އަމާޒްކޮށްގެން އަންހެން ޖަލުގައި ތަފާތު ޕޮރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އެގޮތުން މިހާރުވެސް ގާރީ ކޯސް ލެވެލް 2 އަދި ލެވެލް 3 ގެ ކޯސްތަކާއި، ޤްރުއާން ބޭސިކް އުގަންނައި ދިނުމާއި، އިސްލާމް މާއްދާ އުގަންނައިދިނުމާއި އަދި އެގްރިކަލްޗަރ ކޯހެއް ކުރިއަށް ގެންދެ އެވެ. މިޕްރޮގްރާމް ތަކުގައި އަންހެން ޖަލުގެ 90 އިންސައްތަ ގައިދީން ބައިވެރިވެ އެވެ.