ފޮރިން މިނިސްޓްރީ

އިނގިރޭސިވިލާތާއެކު ބިނާކުރުވަނިވި މަސައްކަތްތައް ކުރަން ބޭނުން: ސަރުކާރު

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބްރިޓިޝް މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕް (އޭޕީޕީޖީ)ގެ މެންބަރުން ރާއްޖެގެ ހާލަތާ ގުޅޭ ގޮތުން ފާހަގަކުރެއްވި ކަންކަން މަރުހަބާ ކިޔައި އިނގިރޭސިވިލާތާއެކު ބިނާކުރުވަނިވި މަސައްކަތްތައް ކުރަން ބޭނުން ކަމަށް ސަރުކާރުން ބުނެފި އެވެ.

އޭޕީޕީޖީގެ ތިން މެންބަރުން ވަނީ ރާއްޖޭގެ ސިޔާސީ ޕާޓިތަކާއި ސަރުކާރުގެ އިސް ވެރިންނާއި ބައެއް އާންމުންނާ ބައްދަލުކޮށް ހާލަތު ބެލުމަށް މާފުށީ ޖަލަށް ވެސް ޒިޔާރަތްކޮށްފައިވެ އެވެ.

އޭޕީޕީޖީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕަށް ފާހަގަވި ކަންތައްތައް ނޫސްވެރިންނާ ހިއްސާކުރައްވާފައިވާއިރު، ފޮރިން މިނިސްޓްރީން ވަނީ އެ ކަންތައްތަކަށް މަރުހަބާ ކިޔާ ޓްވީޓެއް ކޮށްފަ އެވެ. އެ ޓްވީޓްގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިނގިރޭސިވިލާތާއެކު ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރަން ދިވެހި ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ގްރޫޕްގެ ޗެއާމަން އަދި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، ޑޭވިޑް އެމެސް ވިދާޅުވީ، ރާއްޖެއަކީ މިނިވަން ގައުމެއްކަމަށާއި އެހެން ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހިގެންނުވާނެ ކަމަށެވެ. ރާއްޖެއިން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ ރާއްޖެ ދިފާއުގައި ނިކުންނާނެ ދިވެހިން ނެތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާބިލު މީހުން އެބަތިބި ބައިވަރު، އަހަރެން ބައްދަލުކުރިން ޕާލިމެންޓް މެންބަރުންނާ ވެސް އެ މީހުން ވަރަށް ގާބިލް، ރާއްޖޭގެ މައްސަލަތަކާ ގުޅޭ ގޮތުން ބޭރުގެ ގައުމުތަކުގައި އެ ފަރާތްތަކަށް ވާހަކަ ދެއްކޭނެ، ސެލެބްރިޓީ ލޯޔަރެއް އެކަމަށް ބޭނުމެއް ނުވޭ،" ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ އެމްޕީ، ޑޭވިޑް ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުންދާއިރު އެކަމަށް ފުރުސަތު ދީގެންނުވާނެ ކަމަށެވެ. މި ގުރޫޕްގެ މެންބަރުން ވިދާޅުވީ، ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް އިނގިރޭސިވިލާތުގެ ސަޕޯޓް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު އަމަލީ ގޮތުން ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބްރިޓިޝް މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕަކީ، ރާއްޖޭގެ ސިޔާސީ ކަންކަމާއި ތިމާވެއްޓާއި ތައުލީމާއި އިޖުތިމާއީ މައްސަލަތައް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ސަމާލުކަމަށް ގެނައުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. ކޮމެޓީގައި ތިއްބަވަނީ ހަތަރު މެންބަރުންނެވެ. ރާއްޖެ އައިސްފައިވަނީ ތިން މެންބަރުންނެވެ. އެ މެންބަރުން ވިދާޅުވީ ރާއްޖެއާ ގުޅޭގޮތުން ވަރަށް އަވަހަށް މަޖިލީހުގައި ބަހުސްކުރާނެ ކަމަށެވެ.