މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް ޑިއުޓީގެ އާމްދަނީ މިދިޔަ މަހު 16 ޕަސަންޓު މައްޗަށް

މިދިޔަ އަހަރުގެ ޖެނުވަރީ މަހާއި އަޅައިބަލާފައި މިދިޔަ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 16 ޕަސަންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.

އެމްސީއެސް އިން މިއަދު އާންމު ކުރި ތަފާސް ހިސާބުން ދައްކާގޮތުގައި މިދިއަ ޖަނަވަރީ މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ޖުމްލަ 182.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2015 އަހަރުގެ ޖަނަވަރީ މަހު ލިބިފައިވަނީ 157.6 މިލިއަން ރުފިޔާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެއާމްދަނީ އިތުރުވެފައިވީ ނަމަވެސް މުއްދަތުގައި ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު އަދި ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ އެފްއޯބީ އަގު ދައްވެފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގެ ޖަނަވަރީ މަހު 2.88 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، ފާއިތުވި ޖަނަވަރީ މަހު އެތެރެކުރެވުނު މުދަލުގެ ސީއައިއެފް އަގަކީ 2.46 މިލިއަން ރުފިޔާ. މިއީ ގާތްގަނޑަކަށް 420 މިލިއަން ރުފިޔާގެ 15 ޕަސަންޓު ދަށްވުން،" ކަސްޓަމްސް އިން ބުންޏެވެ.

މީގެ އިތުރުން މަހު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެއްޗައް ކަމަށާއި އެއީ ސީއައިއެފް 517 މިލިއަން ރުފިޔާ ކަމަށެވެ. އަދި މެޝިނަރީގެ ބާވަތްތަކަށ ސީއައިއެފް 441.4 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާ އިރު ތެލުގެ ބާވަތްތަކަށް ސީއައިފް 234.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.