އިލެކްޝަންސް ކޮމިޝަން

ވޯޓުލާ މީހުންގެ ދުވަހާއި އީސީގެ އަހަރީ ދުވަސް ކަނޑައަޅައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޯޓުލާ މީހުންގެ ދުވަހަކާއި އިލެކްޝަން ކޮމިޝަންގެ އަހަރީ ދުވަހެއް ކަނޑައަޅައި އިއުލާން ކޮށްފި އެވެ.

ރާއްޖޭގައި އަލަށް މި ދެ ދުވަސް ކަނޑައެޅީ ހއ. ހޯރަފުށީގައި ރާއްޖޭގެ ފުރަތަމަ "ޑިމޮކްރަސީ ވީކް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ވޯޓުލާ މީހުންގެ ދުވަސްގެ ގޮތުގައި އީސީން ކަނޑައެޅީ އޯގަސްޓް މަހުގެ 7 ވަނަ ދުވަހެވެ. އަދި އީސީގެ އަހަރީ ދުވަސްގޮތުގައި ހަމަޖެއްސީ އެމަހުގެ 25 ވަނަ ދުވަހެވެ.

މި ދެދުވަސް އިއުލާން ކުރައްވަމުން އެކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ މިހާތަނަށް ވޯޓުލާ މީހުންނަށް ވަކި ދުވަހެއް ފާހަގަ ނުކުރާ ކަމަށާއި ނަމަވެސް އީސީ އިން ދެކޭގޮތުގައި ފުރިހަމަ ޑީމޮކްރަސީއަކަށް މިފަދަ ދުވަހެއް އޮތުން މުހިންމު ކަމަށެވެ.

އީސީ އިން ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޑިމޮކްރަސީ ހަފްތާ ހޯރަފުށީގައި ބާއްވާއިރު ޑިމޮކްރަސީ އާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކެއް އެރަށުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ ހޯރަފުށީގައި ބޭއްވި "ދުއްލިސާ" ގައި ޑިމޮކްރަސީގެ ތީމް ލަވަ 2016 ވެސް އާންމު ކުރި އެވެ.