މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ނަޝީދުގެ ފަރުވާ ކުރިޔަށްދާގޮތް ސާފުކޮށްދޭން ކަރެކްޝަނުން އެދެފި

އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވާ ގޮތާއި ޑޮކްޓަރުންގެ ލިޔެކިޔުންތައް ފޮނުވައި ދޭން މޯލްޑިވްސް ކަރެކްޝަން ސާވިސް އިން އެމަނިކުފާނަށް އަނގައިފި އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން އަލީ ވިދާޅުވީ ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ފަރުވާ ހޯދައި ޑޮކްޓަރުގެ ފަރާތުން މިހާތަނަށް ލިބިފައިވަނީ އެންމެ ލިޔުމެއް ކަމަށާއި އެއީ ބޭސްފަރުވާއަށް ދެ މަސް އިތުރުކޮށްދިނުމަށް ފޮނުވި ސިޓީއާއި އެކު ލިބުނު ލިޔުމެއް ކަމަށެވެ.

ނަމަވެސް ބޭސްފަރުވާއަށް ބޭރަށް ފޮނުވުމުގެ ގަވައިދުގައި ބުނާ ހުރިހާ ލިޔުންތައް ހަމަ ނަޝީދު ފަރާތުން މިހާތަނަށް ލިބިފައި ނުވާ ކަމަށާއި އެހެން ކަމުން ޑޮކްޓަރުންގެ ލިޔެކިޔުންތައް ފޮނުވުމަށް އެދި ކަރެކްޝަން އިން އިއްޔެ ނަޝީދަށް ސިޓީއެއް ފޮނުވައިފަވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"ގަވައިދުގައި އެބަ ބުނޭ ފަރުވާ މިހާރު ގޮއްސަ ހުރި ހިސާބަކާއި ފަރުވާ ކުރެވެމުން ދިޔަ ގޮތުގެ ތަފްސީލު ވެސް އެނގެން ޖެހޭކަމަށް. އެހެން ނަމަވެސް މިހާތަނަށް ފޮނުވި ލިޔުމުގައި އެ ޑީޓެއިލްއެއް ހިމަނާފައެއް ނުވޭ. އެހެން ކަމުން އެ ތަފްސީލުތައް ފޮނުވުމަށް ނަޝީދުއަށް ވާނީ ސިޓީފުޅެއް ފޮނުވައިފަ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި މީގެ ކުރިންވެސް ބޭސްފަރުވާއާއި ބެހޭ މައުލޫމާތު ހޯދަން ނަޝީދުއަށް ސިޓީއެއް ފޮނުވައިފަ ވާނެ ކަމަށާއި ނަމަވެސް މިހާތަނަށް އެއަކަށް ޖަވާބެއް ނުލިބޭ ކަމަށެވެ.

ޓެރަރިޒަމްގެ ކުއް ސާބިތުވެ 13 އަހަރުގެ ހުކުމެއް ތަންފީުޒކުރަމުން އައި ނަޝީދު، މައިބަދައިގެ އޮޕަރޭޝަނަކަށް އިނގިރޭސިވިލާތަށް ވަޑައިގެން ވަނީ އެގައުމުގެ އިސްވެރިންނާއި އަދި ނޫސްވެރިންނާއި ބައްދަލު ކުރައްވާފަ އެވެ. އެމަނިކްފާން މައިބަދާގެ އޮޕަރޭޝާން ކުރާނެ ދުވަހެއް ވެސް މިހާތަނަކަށް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބޭސްފަރުވާއަށް އިތުރު ދެމަސް ނަގާނެ ކަމަށް ނަޝީދުގެ ޑޮކްޓަރުން ވަނީ ބުނެފައެވެ.