ހަބަރު

މާލޭގެ މަގުތަކުގައި އެމްޑީޕީއިން މުޒާހަރާކޮށްފި

"ވައްކަން ޔަގީން"ގެ ނަމުގައި އެމްޑީޕީއިން އިންތިޒާމްކޮށްގެން މިއަދު ހަވީރު މާލޭގެ މަގުތަކުގައި މުޒާހަރާކޮށްފި އެވެ. އެމްޑީޕީ އިން "ވައްކަން ޔަގީން"ގެ ނަމުގައި މުޒާހަރާކުރީ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާ 1.22 ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަ އިންސާފުވެރިކޮށް ތަހުގީގުކުރުމަށް ގޮވާލާ އެވެ.

އެމްޑީޕީއިން އެންމެ ފުރަތަމަ އެއްވެފައިވަނީ، ޗާނދަނީމަގު ފަރީދީ މަގު ގުޅުނު ކަންމަތީ (ސީގަލް ކަންމަތީ) ށެވެ. ނަމަވެސް އެ ސަރަހައްދުން އެއްވުމުގެ ބައިވެރިން ވަނީ ފޮނުވާލާފަ އެވެ. އެމްޑީޕީއިން އެ ސަރަހައްދަށް އެއްވެފައިވަނީ، ސީގަލް ކަންމަތީ މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީއަށް ފުލުހުން އަންގާފައި ވަނިކޮށެވެ.

އެ ސަރަހައްދުގައި މުޒާހަރާ ކުރުމަށް ފުލުހުން ހުރަސް އެޅުމުން އެމްޑީޕީއިން ވަނީ ފަރީދީމަގުގައި މުޒާހަރާ ކޮށްފަ އެވެ. އެ ސަރަހައްދަށް އެސްއޯ ފުލުހުން އައިސް، މުޒާހަރާގައި ގެންގުޅުނު ސައުންޑް ސިސްޓަމް ގެންގޮސްފައިވެ އެވެ. އަދި ސައުންޑް ސިސްޓަމް ހިފައިގެން އުޅުނު މީހާ ހައްޔަރުކޮށްފަ އެވެ.

މިއަދުގެ މުޒާހަރާގެ އިސް ސަފުގައި ތިއްބެވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު، އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިމްތިޔާޒު ފަހުމީ ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އަދި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ ދީދީ އެވެ.

މުޒާހަރާ ރޫޅިފައިވަނީ އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅުން އެ ސަރަހައްދު ދޫކޮށް ދިޔުމުންނެވެ. މަހުލޫފާއި ޝިފާޒަށް ފުލުހުން ނަސޭހަތް ދިނުމުން އެ ދެ ބޭފުޅުން ވަނީ މުޒާހަރާ ދޫކޮށް ގޮސްފަ އެވެ. މުޒާހަރާ ރޫޅާލާފައިވަނީ، މަޖީދީމަގުގައި މުޒާހަރާގެ ބައިވެރިން ތިއްބަ އެވެ.