ހަބަރު

ނަޝީދުގެ ފަރުވާ ކުރިއަށްދާ ގޮތް ސާފުކޮށްދީފިން: ހަސަން

އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަރުވާ ހޯއްދަވަމުން ގެންދަވާ ގޮތާއި ޑޮކްޓަރުންގެ ލިޔެކިޔުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެންގި ގޮތަށް ފޮނުވައިފި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް އަލްއުސްތާޒް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ އިނގިރޭސިވިލާތުގައި ރައީސް ނަޝީދަށް ފަރުވާ ދެއްވާ ޑޮކްޓަރު އެ ލިޔުންތައް ކަރެކްޝަންސް އަށް ފޮނުވާފައިވާ ކަމަށެވެ. ރައީސް ނަޝިދު ވަނީ އެމަނިކުފާނުގެ ބޭސްފަރާގެ މުއްދަތު ދެ މަސް ދުވަހަށް އިތުރުކުރައްވަން ކަރެކްޝަންސް ގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް ކަރެކްޝަނުން ވަނީ ފަރުވާ ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބިފައި ނުވާކަމަށް ބުނެފަ އެވެ.

ހަސަން ވިދާޅުވީ މިކަމަކީ މާގިނަ ލިޔުންތަކެއް ބޭނުންވާ ކަމެއް ނޫން ކަމަށާއި ބޭނުންވާ މައުލޫމާތު އެއް ސިޓީގައި ވެސް ހުރެދާނެ ކަމަށެވެ.

"އޭގައި މިއޮންނަނީ ޑޮކްޓަރު ފަރުވާ އާއި ދޭތެރޭ ކީކޭތޯ ބުނަނީ. ކިހާ ދުވަހެއް އަދި ނަގާނެ ތޯ އާއިފަ މިހާރު ގޮއްސަ އޮތީ ކިހިނެއްތޯ އާއި އެކަހަލަ މައުލޫމާތު ތަކެއް. އެމައުލޫމާތުތައް ހުރެދާނެ އެއް ސިޓީގައިވެސް. ދެން އޮންނަނީ ކޮންމެސް ކޮންސިއުލޭޓަރެއްގެ ވާހަކެއް އޮވޭ. ކޮންމެސް އެކަހަލަ އެއްޗެއްގެ ވާހަކައެއް. އެތަނުން ހޯދާ ސިޓީއެއް. އެތަނުގައި އެޑްމިޓްކޮށްފައި އޮތްކަން އެނގޭނެ ސިޓީއެއް. އެއީ ރައީސް ނަޝީދު ހޮސްޕިޓަލެއްގައި އެޑްމިޓްކުރައްވާފައި އޮތިއްޔާ ހޯދަންޖެހޭ ސިޓީއެއް. އެސިޓީ ނޯންނާނެތާ އެމަނިކުފާނު އެޑްމިޓް ނުކުރައްވާތީ" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ޑޮކްޓަރުގެ ސިޓީއަކާއެކު ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މިމަހުގެ 15 ވަނަ ދުވަހު ކަރެކްޝަންސް އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި ސިޓީގެ ސައްހަކަން ޔަގީން ކުރުމަށް ޑޮކްޓަރު ސިޓީއެއް ފޮނުވަން އެދިވަޑައިގަތުމުން މިއަދު ޑޮކްޓަރު ސިޓީއެއް ކަރެކްޝަންސް އަށް އީމެއިލް ކޮށްފައިވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ބައެއް މީހުންނަށް ހީވަނީ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެން އެއާޕޯޓުން އެމްބިއުލާންސްއަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސް މައިބަދަ ފަޅާލަނީ އޭ. އެހެންވާ ކަމެއް ނޫން މީކީ އިނގޭތޯ. ވަރަށް ގިނަ ބޭފުޅުން ސަރުކާރުގެ ވެސް އެބަ ވިދާޅުވޭ ބޭސް ފަރުވާއަށް ވަޑައިގެން ރައީސް ނަޝީދު އަބަދު މީޑިއާގައި އިންޓަވިއު ދެއްވާތަން އަނެއް ކަމެއް ކުރައްވާތަނޭ އެހެންނޭ" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ބޭސް ފަރުވާ ކުރާތަން ވީޑިއޯ އިން ނުފެންނާނެ ކަމަށާއި އެތަން ތަނަކީ ފެންނާނެ ތަންތަނެއް ނޫން ކަމަށެވެ. އަދި މިއީ ސްޓްރެޗަރުގައި ގެންދާ ކަހަލަ ބައްޔެއް ނޫން ކަމަށެވެ.

"ޑޮކްޓަރު ލަފާދެއްވާފައި އޮންނަނީ އެކްސަސައިޒް ކުރެވޭ ގޮތަށް އެކި އެކި ކުޅިވަރުތައްވެސް ކުޅުއްވަން. އެކަންކަންވެސް ކުރައްވާނެ. އެއީވެސް ޕާޓް އޮފް ދަ ޓްރީޓްމެންޓް. ބޭސްފަރުވާ ވަރަށް ރަނގަޅަށް ކުރިއަށްދަނީ. އެއްގޮތަކަށްވެސް ރައީސް ޔާމިން އެ ބޭނުންފުޅުވާ ގޮތަކަށް އެއްފަޅި ވާވާ ގޮތަކަށް ނޫން ކުރިއަށްދަނީ. އެއަށްވުރެ މާ ރަނގަޅަށް ހުންނެވި ކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވަނީ" ހަސަން ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ ވެސް ބޭރުގެ މީޑިއާތަކާ ބައްދަލުކޮށްފަ އެވެ. މިއަދު ވެސް އެމަނިކުފާނުގެ މީޑިއާތަކާ ބައްދަލުކުރައްވާފައިވާއިރު ކުރިއަށް އޮތްތާ ވެސް މީޑިއާތަކާ ބައްދަލުކުރައްވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.