ބޮލީވުޑް

ޝާހިދު ކަޕޫރު ބައްޕައަކަށް ވަނީ!

Feb 20, 2016

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު، ދިއްލީ އަށް ނިސްބަތްވާ މީރާ ރާޖްޕުތް އާއި ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ.

ޝާހިދު އާއި މީރާ ކައިވެނިކުރިތާ މިހާރު ހަތް މަސް ވެފައިވާއިރު، މިދެމީހުންގެ އުފާވެރި ދިރިއުޅުން އެމީހުން ސޯޝަލް މީޑިއާގައި އާންމުކުރަމުން އަންނަ ފޮޓޯތަކުން އެނގެ އެވެ. އަނެއްކާވެސް މިވަނީ ޝާހިދު އާއި މީރާގެ ހަޔާތައް ބޮޑު އުފާވެރި ކަމެއް އަންނަ ކަމުގެ އަޑު އަރާފަ އެވެ. މިދެމީހުންގެ ފުރަތަމަ ދަރިފުޅަށް މީރާ ބަލިވެއިން ވާހަކަ އަންނަނީ އިއްޔެއިން ފެށިގެން ވަރަށް ގަދައަށް ދެކެވެމުންނެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން މީރާ އިނީ އެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އެވެ. އަދި މިއަހަރުގެ ފަހުކޮޅު ވިހާނެ ކަމަށްވެސްވެ އެވެ.

މީރާ ބަނޑުބޮޑު ވާހަކައަކީ ބޮލީވުޑްގެ މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައަށް ވިޔަސް މިކަމާ ގުޅޭގޮތުން މިދެމީހުން އަދި ވަކި އެއްޗެއް ބުނެފަ އެއް ނުވެ އެވެ. ނަމަވެސް ބައެއް ނޫސްތަކުގައިވާ ގޮތުން، އާންމުކޮށް އަންހެނުން މީރާގެ ފޮޓޯ އިންސްޓަގްރާމް ކުރަމުން އަންނަ ޝާހިދު މީރާ ގެ ފޮޓޯއެއް ނުލާތާ މިހާރު ދުވަސްކޮޅެއް ވަނީ ވެފަ އެވެ. އަދި މިފަހަކަށް އައިސް މީރާ ބޭރުތެރެއިން ފެންނަލެއް ވެސް މަދުކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

އުމުރުން 34 އަހަރުގެ ޝާހިދު އާއި 21 އަހަރުގެ މީރާއާ ދެމެދު އުމުރުގެ ގޮތުން 13 އަހަރުގެ ފަރަގެއް ހުންނައިރު، މީރާ ވަނީ ދާދި ފަހުން ދިއްލީ ސްރީ ރާމް ކޮލެޖްއިން ގްރެޖުއޭޓްވެފަ އެވެ. ޝާހިދު އާއި މީރާ ދިމާވެފައިވަނީ ރާދާ ސޯމޯ ސަތްސަންގް ނަމަކަށް ކިޔާ ދީނީ އަޅުކަން ކުރަ ގްރޫޕަކުންނެވެ.

މީރާ އާއި ކައިވެނިކުރިފަހުން ޝާހިދު ވަނީ އޭނާގެ ހަޔާތަށް ވަރަށް ބޮޑު އަދި ރަނގަޅު ބަދަލުތަކެއް މީރާގެ ސަބަބުން އައިސްފައިވާ ކަމަށް ބުނެފަ އެވެ. މީގެއިތުރުންވެސް މީރާ އޭނާގެ ހަޔާތަށް އައިފަހުން ވަރަށް ޒިންމާދާރު މީހަކަށް ވެގެން ހިނގައްޖެކަމަށް ބުނެފަ އެވެ.

މިހާރު ޝާހިދު އަންނަނީ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ "ރަންގޫން"ގެ މަންޒަރުތައް ނަގަމުންނެވެ.