ވައްކަން

ގަސްފިނޮޅުގެ ތިޖޫރީތައް ވަގަށް ނެގުމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

ރިސޯޓުގެ މުވައްޒަފުންތަކެއް ބަނުމަށް ފަހު ހަތަރު ތިޖޫރީއެއް ކ. ގަސްފިނޮޅު ރިސޯޓުން ބަޔަކު ވަގަށް ގެންދިޔަ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ. މޫނު ނިވާކޮށްގެން އެ ރިސޯޓަށް އަރާފައިވަނީ ހަތް ވަރަކަށް މީހުންނެވެ.

ފުލުހުން ބުނީ ގަސްފިނޮޅުން ވައްކަންކުރިކަމަށް ތުހުމަތުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. ހައްޔަރުކުރީ އެ ރިސޯޓުގައި ވަޒީފާ އަދާކުރާ މުވައްޒަފެއް ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ރިސޯޓުގެ މުވައްޒަފުންތަކެއް ބަނުމަށްފަހު ހަތަރު ތިޖޫރީއެއް ގަސްފިނޮޅު ރިސޯޓުން ބަޔަކު ވަގަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ރޭ 2:30 ހާއިރު އެވެ.

ތިޖޫރީތަކުގައި ހުރީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ރިސޯޓުން މައުލޫމާތުދޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.