ހަބަރު

ގާދޫ ކޮލު ބަންދުކޮށް، ބްރިޖް އެޅުމުގެ ތައްޔާރީތައް ބާރަށް ކުރިއަށް!

  • ގާދޫ ކޮލު ބޭނުން ކުރާނަމަ ޖޫރިމަނާ ކުރާނެ
  • ސައިޓް އޮފީސް ހެދުމުގެ މަސައްކަތްތައް ދަނީ ކުރިއަށް
  • މި މަހު ފަހުކޮޅު ބްރިޖަށް ބޭނުންވާ މެޝިނަރީތައް އަންނާނެ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މަސައްކަތް ފެށުމަށް، އާންމު ކޮށް ބޯޓު ފަހަރު ވަންނަ ގާދޫ ކޮލު ބަންދުކޮށް، ބްރިޖް އެޅުމަށް ވާން ޖެހޭ ތައްޔާރީތައް ބާރު ސްޕީޑްގައި ކުރިއަށް އެބަދެ އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް ކުރުމަށް ސައިޓް އޮފީހެއްގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ހަމަޖައްސާފައި ވަނީ އުސްފަސްގަނޑު ހިމެނޭގޮތަށް ލޮނުޒިޔާރަތްކޮޅުގައި ހުންނަ އަޑިޕާކެވެ. އެގޮތުން ސީސީސީސީ ކުންފުނިން ވަނީ އަޑިޕާކުގައި ހުރި ގަސްތައް އެކީ ނަގައި ސާފުކޮށްލައިފައެވެ. އަދި ބްރިޖު އެޅުމަށް ބޭނުންވާ ސާމާނު އެއްކޮށް އެސަރަހައްދުގައި ކުންފުނީގެ މުވައްޒަފުން ތިބުމަށާއި އެހެން ވެސް އިދާރީ ކަންކަމަށް ބޭނުންވާނެ ގެތައް އަންނަނީ އަޅަމުންނެވެ. އެ މަސައްކަތްތައް އަންނަނީ ބާރު ސްޕީޑްގައި ކުރިއަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ބްރިޖްގެ މަސައްކަތަށް ބޭނުންވާ ހެވީ މެޝިނަރީތަކާއި ބައެއް ސާމާނު ޗައިނާ އިން ބަރުކޮށްގެން މިހާރު އަންނަނީ ބޯޓެއް ރާއްޖެ ދަތުރު ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވަނީ އެ ބޯޓު މި މަހު ފަހުކޮޅު ރާއްޖެ ބަނދަރުކޮށް ބޭނުންވާ ސާމާނުތައް ރާޅުގަނޑު ހިމެނޭ ސަރަހައްދުން އަޑިޕާކަށް ބޭލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ވަރަށް ބާރު ސްޕީޑްގައި މަސައްކަތްތައް މި ދަނީ. މާޗް މަހު ހިސާބުގައި ސީދާ ބްރިޖް އަޅަން މަސައްކަތްތައް ކުރާ މަންޒަރު ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖް އެޅުމަށް ތައްޔާރީތައް ބާރު ސްޕީޓްގައި ކުރިއަށް ދާ އިރު، ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ބޯޓުތައް ވަނުމަށް ހުޅުލެ މާލެ ދެމެދު އޮންނަ، ގާދު ކޮލު ބަންދުކޮށް އެ ސަރަހައްދު ބޭނުން ކުރާ ނަމަ، ޖޫރިމަނާ ކުރަން ނިންމައިފަ އެވެ. ދެން ބޯޓުތައް ވަންނަން ބޭނުން ކުރަން ޖެހޭނީ، ހުޅުމާލެ އާއި ޝެރަޓަން ފުލްމޫން ރިސޯޓާ ދެެމެދުގައި އޮންނަ، ބޮޑުކަޅި ކަމަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ބަދަލާ އެކު، މާލެއާއި ވިލިނގިއްޔާއި ދެމެދުގައިވާ ކަނޑުއޮޅި، މާތިލައިން 40 މީޓަރަށް ވުރެ ބޮޑެތި އުޅަނދުތައް ވަނުން ވަނީ މަނާކޮށްފަ އެވެ.

ސީސީސީސީ ކުންފުނިން ވަނީ ރާޅުގަނޑު ސަރަހައްދުގެ ބިއްދޮށުގައި އޮންނަ މޫދުން ގިނަ އަދަދެއްގެ ވެލި ނަގައި އެ ސަރަހައްދަށް ޖަމާކުރަން ވެސް ފަށައިފަ އެވެ. އެ ސަރަހައްދުގައި ހުރި ސުނާމީ ބިނާގެ ފައުންޑޭޝަން ވެސް ނަގައި އެ ސަރަހައްދު ވެސް އަންނަނީ ސާފު ކުރަމުންނެވެ. މީގެ އިތުރުން ވެސް އެސަރަހައްދުގައި ސީސީސީސީގެ މުވައްޒިފުން ދިރިއުޅުމަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ވެސް އަންނަނީ ގާއިމް ކުރަމުންނެވެ. އެގޮތުން ކަރަންޓާއި ބޯފެނުގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައިވާ ގޮތުގައި ބްރިޖް އަޅަން ބޭނުންވާ މެޝިންތަކާއި އެހެން ސާމާނުތައް ބެހެއްޓުމަ ހުޅުލެ އާއި ހުޅުމާލެ އިން ވެސް ދެ ބިމެއް ވަނީ ސީސީސީސީއާ ހަވާލުކޮށްފަ އެވެ. އަދި މިމަސް ތެރޭގައި ވެސް މޮބިލައިޒޭޝަން އާއި މުވައްޒިފުން ގެނެއުމުގެ މަސައްކަތްތައް ކުރިޔަށް ދާނެ ކަމަށާއި ކަނޑުގެ އަޑި އަށް ޖަހާ ތަނބުތަކުގެ މަސައްކަތް ފަށަން ހަމަޖައްސާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.