ހަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ މީހުންގެ ދިފާއުގައި ނަޝީދު ނުކުންނަވައިފި

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގާފައިވާ 1.22 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ، އެސްއޯއެފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައްލާމް ލަތީފް، މޮހޯގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގެންފި އެވެ. އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ދިޔައީ މޮހޯގެ އެސްއޯއެފް ކުންފުންޏަށެވެ.

މިހާރު އިނގިރޭސިވިލާތުގައި ހުންނެވި، ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ގިނަ މައްސަލަތަކެއްގައި ރެޑް ނޯޓިސް ނެރެ ހޯދަމުންދާ ސްކޯޒް އޮފް ފްލެއާ މިޔުޒިކް ބޭންޑްގެ ލީޑް ވޯކަލިސްޓް އަދި އަދީބުގެ ގާތް މީހެއް ކަމަށްވާ، މ.ސެސްނާ، އައްލާމް މުހައްމަދު ލަތީފްގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް" ޓެގްކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އައްލާމް ނުވަތަ އާންމު ނަމުންނަމަ މޮހޯއަކީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ކެހިވެރިކަމުގެ ދަލުގައި ޖެހި، އަނިޔާ ލިބެމުން ދާ ޒުވާނެއް ކަމަށެވެ.

އެމްޑީޕީ އިން އަންނަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އަދި ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލަމުންނެވެ. އެމްޑީޕީ އިން މީގެ ކުރިން އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރިޔަސް ރިޝްވަތު ހިފުމުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެފައި ވަނީ އަދީބަކީ އިހުލާސްތެރިއެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް އެކުލަވާލި އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުން 1.22 ބިލިއަން ރުފިޔާއަށް ހިޔާނާތްވެފައިވާކަން އެނގެން އޮވެ އެވެ. ރައީސް ނަޝީދު މޮހޯގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާއިރު، ހިޔާނާތުގެ ފައިސާގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ލިބިފައިވަނީ އެސްއޯއެފް ކުންފުންޏަށެެވެ. އެއީ މޮހޯގެ ކުންފުންޏެކެވެ. އެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ ޑޮލަރު ގަތުމަށް ދޭ ފައިސާގެ ނަމުގަ އާއި ލޯނުގެ ގޮތުގަ އާއި ވަކި ކަމެއް ސާފު ނުވާ ކަންތައްތަކުގެ ގޮތުގަ އެވެ. އެ ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީއަށް ދީފައި ހުރި ޗެކްތަކުގެ ފަހަތުގައި އެ ކުންފުނިގެ އެމްޑީ އަބްދުﷲ ޒިޔަތު ސޮއިކޮށް އެންޑޯޒްކޮށްގެންނެވެ.

އޮޑިޓް ރިޕޯޓްގައި އެސްއޯއެފް އަށް ކުރި ތުހުމަތުތަކަށް ރައްދު ދެމުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީ އިން އެ ކުންފުންޏަށް ފައިސާތަކެއް ޖަމާކޮށްފައި ވަނީ އެ ކުންފުންޏާ އެކު ކުރެވުނު އެގްރިމަންޓެއްގެ ދަށުން ކަމަށާއި އެ ފައިސާ ފޮނުވި ފަރާތުން ބުނި މީހުންނަށް ފައިސާތައް ދީ ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕީޕީއެމް އާއި ހުދު ރައީސްގެ ދެކަނބަލުން އަދި މަޖިލިސް މެންބަރުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އެހެން ނަމަވެސް ތުހުމަތުތައް ރައީސް ވަނީ ދޮގު ކުރައްވައިފަ އެވެ.

ރައީސް އަވަހާރަކޮށްލަން ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު އާއިލާއާ އެކު މޮހޯ ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އޭނާ ހޯދަން ރެޑް ނޯޓިސް ނެރެފައިވާ އިރު، މޮހޯ ދިރިއުޅެނީ އިނގިރޭސިވިލާތުގައި ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއްގައި ނުޖެހޭ ކަމަށް މޮހޯ ބުނި ނަމަވެސް، އޭނާގެ ކުންފުނި އެސްއޯއެފް އިން ވަނީ ތެލުގެ ވިޔަފާރި އާއި ރެސްޓޯރަންޓް ހިންގުމާއި ގެދޮރު އިމާރާތް ކުރުމުގެ ދާއިރާގެ ބޮޑެތި ވިޔަފާރިތަކެއް ކުއްލިއަކަށް ފަށައިފަ އެވެ.