ރިޕޯޓް

މި ސަރުކާރު އެހާވެސް ލާދީނީތަ؟

އިލްޔާސް ހުސައިނަކީ ރާއްޖޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާއެކެވެ. އިލްޔާސް ދެއްވާ ދަރުސްތަކަކީ ގިނަ ބަޔަކު ފޫހިނުވެ އަޑުވެސް އަހާ ދަރުސްތަކެވެ. އަޑަށް ބާރު ލައްވާފައި އިލްޔާސް ދެއްވާ ދަރުސްތައް "ސިޔާސީ" ވުމަކީ އާ ކަމެއް ނޫނެވެ. އިލްޔާސްއަކީ އިލްވެރިޔެއްގެ ތާޖު އަޅުއްވައިގެން ހުންނެވި "ސިޔާސީ" ބޭފުޅެކެވެ.

އިލްޔާސްގެ އަޑުގަދަވެ، އިލްޔާސް މީހުންގެ ލޯތަކަށް ފެންނަނީ ގިނަ ފަހަރަށް، ސިޔާސީ ގޮތުން ގައުމު ހަލަބޮލިވުމުންނެވެ. "ސިޔާސީ" ދަރުސްތައް ދެއްވަނީ ދެނެވެ. ސިޔާސީ ގޮތުން ގައުމު ހަމަޖެހިފައި އޮންނައިރު މީހުން އަޑުއަހާލަން ބޭނުންވާ އިލްޔާސްގެ ދީނީ ދަރުސްތައް މިހާރު ފެންނަމުންދަނީ ވަރަށް މަދުންނެވެ.

އިލްޔާސް އަނެއްކާވެސް މިވަނީ ސިޔާސީ ފޯޑިއަމަކަށް އަރާވަޑައިގެން ދަރުހެއް ދެއްވާފަ އެވެ. އެ ދަރުސްގައި ފާޑުކިޔާ، ގޯސް ކަމަށް ވިދާޅުވީ މި ގައުމުގެ ވަލީއުލް އަމުރެވެ. ވިދާޅުވީ، މި ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށެވެ. ދީނާއި ސިޔާސަތު ވަކިކުރުމަކީ އެންމެ ބޮޑު ލާދިނީ ހަރަކާތް ކަމަށް ޝައިހް ވިދާޅުވި އެވެ.

މިއީ އާ ކަމެއް ނޫނެވެ. ރާއްޖޭގެ ވަލީއުލް އަމުރަކީ ލާދިނީ މީހެއް ކަމަށް ސިފަކުރުމަކީ އިލްޔާސްގެ "ހޮބީ" އަކަށް ވެފައިވާ ކަހަލަ އެވެ. ކުރީގެ ރައިސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުއަކީ ލާދީނީ ބޭފުޅެއް ކަމަށް އިލްޔާސް ވިދާޅުވީ ވެސް އެންމެ ހަރުއަޑުންނެވެ. ފަހަރެއްގައި އަދި މިއަށްވުރެން ވެސް އަޑަށް ބާރުލައްވައި ކަރުގެ ނާރުތައް ފުއްޕަވާލައްވައިގެންނެވެ. އިލްޔާސްއަކީ ރައީސް ނަޝީދު ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމުން ބޭލުމަށް ވެސް އެންމެ ގަދައަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އިލްޔާސް އެވެ. އިލްޔާސް، ރައީސް ނަޝީދަށް ނުގޮވާކަށް އެއްޗެއް ނެތެވެ. އެމަނިކުފާނަކީ ލާދިނީ، ދީނާ ދުރު ބޭފުޅެއް ކަމަށް ވިދާޅުވި އަދަދެއް ވެސް ނޭނގެ އެވެ.

އަދި ރައީސް ނަޝީދަށް ތާއިދުކުރައްވުމަކީ ހަރާމް ކަމެއް ކަމަށް ސިފަވާ ގޮތަށް ވެސް އިލްޔާސް ވާހަކަ ދައްކަވާފައި އެބަހުއްޓެވެ. މިހާރު އިލްޔާސް، ރައީސް ނަޝީދަށް ތާއިދުކުރައްވަނީއެއް ނޫނެވެ. އަދާލަތު ޕާޓީއިން ބޭއްވި ޖަލްސާގައި، އެމްޑީޕީގެ އިސް ލީޑަރުންގެ ކުރިމަތީގައި ވެސް އިލްޔާސް ވަނީ ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. ވިދާޅުވީ، ނަޝީދަށްވުރެ މި ސަރުކާރު ލާދީނީ ކަމަށެވެ. އެމްޑީޕީގެ އިސް ލީޑަރުން ތިއްބެވީ އަތްޖަހާށެވެ.

އިލްޔާސް، އެއްފަހަރާ ރާއްޖޭގެ ދެ ރައީސުންނަކީ ލާދީނީ ރައީސުން ކަމަށް ވިދާޅުވީ އެވެ.

ނަޝީދަކީ ލާދިނީ ބޭފުޅެއް ކަމަށް އިލްޔާސް ވިދާޅުވާއިރު އޭގެ ސަބަބުތައް ވެސް އިލްޔާސް ދައްކަވަ އެވެ. މީހަކާ ދިމާލަށް އެވަރުގެ ބޮޑު ވާހަކައެއް ދައްކަވާއިރު، ހެކި ވެސް ދައްކަންވާނެތާ އެވެ. އިލްޔާސް ފާހަގަކޮށްފައިވާ ގޮތުގައި ނަޝީދު ވަނީ، ނަމާދު ކުރުމަށް މަލާމަތްކުރައްވާފަ އެވެ. އެހެން އިލްޔާސް ވިދާޅުވެފައިވަނީ، 23 ޑިސެމްބަރު 2011 ވަނަ ދުވަހު ނަސްރުގެ މައިދާނުގައި ނަމާދުކުރުމުން، ރައީސް ނަޝީދު ޖޯކް ޖައްސަވާފައިވާ ކަމަށެވެ. އަދި މީހަކު ނިދި ނައިސްގެންވެސް ޝައިހަކަށް ގުޅާލާފައި ތިމަންނާ މިއުޅެނީ ނިދިނައިސްގެންނޭ، ކިހިނެތްހޭ ހަދަންވީ އަހައިފިނަމަ ޝައިހް ދެއްވާނީ ރަސޫލާގެ ހަދީސް އަކާއި ﷲ ގެ ވަހީ ބަސްފުޅެއް ކަމަށާއި އެނޫން ގޮތެއް މިހާރު ހޯދަންވެއްޖެ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަކީ ނަޝީދުގެ ލާދީނީކަން އެނގޭ ކަމެއް ކަމަށް އިލްޔާސް ފާހަގަކުރައްވާފައިވެ އެވެ.

ނަޝީދުގެ ސަރުކާރުން އިސްލާމް މާއްދާ އިހުތިޔާރީ، މާއްދާއެއްގެ ގޮތުގައި ހަދަން ނިންމާ، ރާއްޖެއަށް ޔަހޫދީ ޑޮކްޓަރުން ގެނެސް އިޒްރޭލާ ގުޅުން ބަދަހިކުރިއިރު އެއީ ލާދީނީ ކަންކަމޭ ބުނެވެން އެބަ އޮތެވެ. މީގެއިތުރުން ވެސް އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދުތަކަށް ގޮންޖައްސަވާ، ރަޖަމުކުރުމާއި މަރަށް މަރު ހިފުމަކީ ކޮށްގެން ނުވާނެ ކަންކަމަށް ރައީސް ނަޝީދު ވިދާޅުވެފަ އެވެ. އެ ސަރުކާރު ލާދީނީ ކަމަށް އިލްޔާސްގެ އަޑު ދަށުން އެހެން މީހުން ވެސް ބުނަމުން ދިޔައީ މިފަދަ އެތައް ސަބަބުތަކަކަށްޓަކަ އެވެ.

މިހާރު ނަޝީދަށްވުރެ މި ސަރުކާރު ލާދީނީ އެވެ. އިލްޔާސްއަށެވެ. މި ސަރުކާރު ލާދީނީ ވަނީ ދީނާއި ސިޔާސަތު ވަކިކޮށްފައިވުމުން ކަމަށް އިލްޔާސް ވިދާޅުވި އެވެ. ނަޝީދަށްވުރެ މި ސަރުކާރު ލާދީނީ ކަމަށް އިލްޔާސް ހަރުއަޑުން ވިދާޅުވިއިރު ދިނާއި ސިޔާސަތު ވަކިކޮށް މި ސަރުކާރުން ކުރި ކަމެއްގެ ވާހަކައެއް ދައްކާފަ އެއް ނުވެ އެވެ. ނަޝީދަށްވުރެ ލާދީނީ ކަމަށް މި ސަރުކާރުން ކުރީ ކޮން ކަމެއްތޯ އެވެ؟

ރައީސް ޔާމީންގެ ސަރުކާރުން ސިޔާސަތުތައް ދީނާ ވަކިކޮށްފައިނުވާކަން ސަރުކާރުން މިހާތަނަށް ކޮށްފައިވާ ބައެއް ކަންތައްތަކަށް ބަލާލި ނަމަވެސް އެނގޭނެ އެވެ. އިސްލާމް އަދި ދިވެހި މާއްދާއަކީ މަޖުބޫރު މާއްދާއަކަށް ހަދައި، އަރަބި ބަސް ކިޔަވައިދޭން ފެށީ މި ސަރުކާރުގަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ޔުނިވާސިޓީއެއް ގާއިމުކުރީ ވެސް ހަމަ މި ސަރުކާރުގެ ވެރިކަމުގަ އެވެ. އިސްލާމީ ގައުމުތަކާއެކު ގޮތް ގުޅުން ބަދަހިކޮށް ސައުދި އަރަބިއްޔާގެ އެމްބަސީއެއް ވެސް ރާއްޖޭގައި ވަނީ ހުޅުވާފަ އެވެ.

މީގެއިތުރުން ވެސް އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދުތައް ގާއިމުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރަކަށް ވެސް މި ސަރުކާރުވާނެ އެވެ. ހުދު ރައީސް ޔާމީނަކީ މަރަށް މަރު ހިފުމަށް ބާރު އަޅުއްވާ ރައީސްއެކެވެ. މަރަށް މަރުހިފުމަށް މި ސަރުކާރުން މިހާރު ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ސިޔާސަތުތައް ސަރުކާރުން ގެންގުޅޭއިރު ސަރުކާރުގެ ސިޔާސަތުތައް ދީނާ ވަކިވި ސަބަބެއް ނުވިސްނެ އެވެ. އެކަންކަން އޮޅުން ފިލުވައިދޭން ހަމަ އެނގެނީ ވެސް އިލްޔާސްއަށް ކަންނޭނގެ އެވެ.

އަޅުގަނޑުމެންގެ މި ޅަ ސިކުނޑިތަކަށް މިއަށް ވުރެ ރަނގަޅުގޮތަކަށް ވިސްނޭނެ ގޮތް ހައްދަވައި ދެއްވުން އެދި ޝައިހް ދުއާ ދަންނަވައި ދެއްވަންވީ ނޫންތޯ އެވެ؟

އިލްޔާސްގެ ވާހަކަތައް ސަރުކާރުގެ އިސް ފަރާތްތަކުގެ ނުރުހުމާއި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވާއިރު އިލްޔާސްއަކީ މުނާފިގެއް ކަމަށް ބަޔަކު އެބަ މިހާރު ގަބޫލުކުރެ އެވެ. އިލްޔާސްގެ ވާހަކަތަކަށް ފާޑުވިދާޅުވަމުން ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، މުނާފިގުން ގޮތަކީ ދެއިރު ދެގޮތަށް ވާހަކަ ދެއްކުން ކަމަށެވެ. އަދި އެމްޑީޕީގެ މުސްލިމް އަހުންނާއި އުހުތުންނަކީ ލާދީނީ ބައެއް ކަމަށް ބުނި ޝެއިހް އެހެން ލަވައެއް ކިޔައިފި ކަމަށް ވެސް ނިހާން ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. ލާދީނީވުން މިހާރު މާ ބޮޑު ކަމަކަށްނުވުމެވެ. ނުވަތަ މައްސަލައަކަށް ނުވުމެވެ. މިހާރު މައްސަލައަކަށް ވަނީ "ބޮޑަށް ލާދީނީވީމަ" އެވެ. އިލްޔާސްގެ ވާހަކަފުޅުން ވެސް އެކަން ވަރަށް އެނގިގެން ގޮސްފި އެވެ. "ލާދީނީ ބައިގަނޑެއް" ކަމަށް ސިފަކުރައްވާފައިވާ އޮތް ބައިގަނޑެއްގެ ތެރޭގައި ހުންނަވައިގެން އިލްޔާސް އެ ވިދާޅުވީ ދެން ތިއްބެވި ބޭފުޅުން އަދި "މިއަށް ވުރެ ލާދީނީ" ކަމަށެވެ.

ކޮންމެއަކަސް އިލްޔާސް ސިޔާސީ ޕޯޑިއަމަށް އެނބުރި ވަޑައިގަތުމާ އެކު އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ ތެރެއިން މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްވި ހަމަލާ ވެސް ފާހަގަކޮށްލެވެ އެވެ. މުއިއްޒު ވިދާޅުވީ، ކަނޑައެޅިގެން ދޮގުހެދުމަކީ ހުތުރުވެގެންވާ ސިފައެއް ކަމަށެވެ. މުއިއްޒުގެ އިތުރުން، ތިމާވެއްޓާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މަތީން ވިދާޅުވީ، ސިޔާސީ ފޯޑިއަމްގައި ދީނީ ތޮފި އަޅުއްވައިގެން އިލްޔާސް މީހުންނަށް އޮޅޭ ގޮތަށް ވާހަކަ ދެއްކެވުމަކީ ފިނޑި އަމަލެއް ކަމަށެވެ.

އިލްޔާސްގެ ވާހަކަތަކަށް އެމްޑީޕީގެ ބައެއް އިސްވެރިން އަތްޖެހި ނަމަވެސް އާންމު ގިނަ މެންބަރުން އަތް ނުޖަހާނެއިރު މިއަދު ސަރުކާރާ ގުޅޭ ގޮތުން އިލްޔާސް ދައްކާފައިމިވާ ވާހަކަތަކުގެ ސަބަބުން އިތުރު ބައެއްގެ ނަފުރަތުގެ ބަސްތައް މިވަނީ އިލްޔާސްއަށް އަމާޒުވެފައެވެ. ސަރުކާރު ލާދީނީއޭ ގޮވާއިރު އިލްޔާސް ސަބަބުތައް ވެސް އޮޅުންފިލުވައިދޭންޖެހެ އެވެ. ދެން ސިޔާސީ ފޯޑިއަމަކަށް ދީނީ ދަރުހެއް ދެއްވަން ކަމަށް ވިދާޅުވެ އަރުއްވައި، ސަބަބުތައް ކިޔައިދެއްވާނެ ކަމަށް އުއްމީދުކުރަމެވެ.