ރާއްޖެ ކުޅިވަރު

ކާމިޔާބު ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: ނިއު

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އިން ކާމިޔާބު ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށާއި ކްލަބު ރަނގަޅުކުރަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅަން ޖެހިލުމެއް ނުވާނެ ކަމަށް އެ ކްލަބުން މިއަދު ބުނެފި އެވެ.

ނިއު އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ކުރިއަށްދާ ޕީޕަލްސް ކަޕްގައި ނިއުގެ އަމާޒު ހާސިލެއްނުވި ކަމަށާއި ނިއު އިން މި މުބާރާތުގައި ނެރިފައިވާ ނަތީޖާތަކާމެދު ކްލަބުގެ މެނޭޖްމަންޓާއި ސަޕޯޓަރުން ހިތްހަމަނުޖެހޭ ކަމަށެވެ.

ޕީޕަލްސް ކަޕްގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނިއު ނުކުންނައިރު، ނިއު އަށް ވަނީ ފައިނަލްގެ ދޮރު ބަންދުވެފަ އެވެ. ނިއު މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާގެ ޕީޑީއާރްއެމް އަތުން 1-0 އިން ބަލިވިއިރު، ދެވަނަ މެޗުގައި ސިންގަޕޫރުގެ ލަޔަންސް އަތުން އެ ޓީމު ބަލިވީ 3-1 އިންނެވެ.

"ކާމިޔާބު ހޯދަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް، ކްލަބު ޗެއާމަނާއި މެނޭޖްމަންޓް އިން ފަސްނުޖެހޭނެކަމުގެ ޔަގީންކަން ކްލަބުގެ ސަޕޯޓަރުންނަށް ދެން،" ނިއު އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"މި މުބާރާތަށް ފަހު ކްލަބު މެނޭޖްމަންޓް އިން ބައްދަލުކޮށް، މި މުބާރާތުގައި ދިމާވި މައްސަލަތަކާމެދު މަޝްވަރާކުރާނަން. ކާމިޔާބު ޓީމެއްގެ ގޮތުގައި ނިއު ދެެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށް ޖެހިލުމެއްނުވާނެ. ސަޕޯޓަރުންގެ އެއްބާރުލުން ކްލަބަށް ލިބޭނެކަމުގެ އިތުބާރު އެބައޮތް."

ފައިނަލްގެ ޖާގަ ނިއު އަށް ގެއްލިފައި އޮތް ނަމަވެސް، މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން މުހިންމު ކަމަށް ނިއުގެ ކޯޗު ފިންލެންޑްގެ މިކާ ލޮންސްޓްރޮމް ވަނީ އިއްޔެ ބުނެފަ އެވެ. މިކާ ބުނީ މި މެޗަށް ނުކުންނައިރު އޭނަ އަށް އިތުުރު ޕްރެޝަަރެއް ކުރިމަތިވެފައިވާ ކަމަށެވެ.

"މި މެޗަށް ވެސް ނުކުންނަންޖެހޭނީ ސީރިއަސްކޮށް، މެޗުން މޮޅުވާން ބޭނުންވާ ކުޅުންތެރިން. މެޗަށް އަރުވާ ކުޅުންތެރިއެއްގެ ފަރާތުން އަހަރެން ހިތްހަމަޖެހޭ ވަރަށް މަސައްކަތް ނުފެނިއްޖެ ނަަމަ، މެޗުގެ ދެވަނަ މިނިޓުގައި ވެސް ބަދަލެއް ގެންނަން އަހަރެން މާދަމާގެ މެޗުގައި ޖެހިލުމެއްނުވާނެ،" މިކާ ބުންޏެވެ.