ބޮލީވުޑް

ބިޕާޝާ އާއި ކަރަން ކައިވެނި ކުރަނީ ބާ؟

Feb 21, 2016

މިދިޔަ އަހަރު ނިކުތް ފިލްމު "އެލޯން" އިން ބޮލީވުޑަށް ތައާރަފުވި ޓީވީ ތަރި ކަރަން ސިންގް ގްރޯވަރާއި ބަތަލާ ބިޕާޝާ ބާސޫގެ ދެމެދުގައި ގާތްގުޅުމެއް އޮންނަ ކަމުގެ ވާހަކަތައް ދެކެވެން ފަށާފައިވަނީ މި ފިލްމު ރިލީޒްވި ހިސާބުންނެވެ.

މި ފިލްމު ރިލީޒްވި ފަހުން ބޮލީވުޑްގެ އެކި ހަފްލާތަކުންނާއި އެހެނިހެން ވެސް ޕާޓީތަކަށް މިދެތަރިން އެކުގައި ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯ އާއި އެކި ގައުމުތަކުގައި އެކުގައި ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯ ވެސް ވަނީ އާންމުވެފަ އެވެ.

ބިޕާޝާ އާއި ކަރަން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ވެސް ޗުއްޓީ ހޭދަކޮށްފަ އެވެ.

ކަރަން އާއި ބިޕާޝާގެ ލޯބީގެ ވާހަކަ ކިތަންމެ ގަދަޔަށް ދެކެވެމުން އައި ނަމަވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަހެއް ނުވެ އެވެ. ނަމަވެސްް މިދެތަރިންގެ އިންސްޓަގްރާމަށް ބަލާލުމުން އެކަކު އަނެކަކަށް ތައުރީފުކޮށް އާންމުކޮށްފައިވާ ފޮޓޯތަކުން މިދެމީހުންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތްގުޅުމެއްކަން އެނގެ އެވެ.

ނަމަވެސް މިހާރު މިދެމީހުން އަންނަނީ އެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން އެހެން ހަރުފަތަކަށް ގެންނަން މަސައްކަތްކުރަމުންނެވެ. ބޮލީވުޑްގެ އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ބިޕާޝާ އާއި ކަރަން އަންނަ މަހުގެ ތެރޭގައި އެންގޭޖްވާނެ އެވެ. އަދި ވަރަށް އަވަހަށް ކައިވެނިކުރާނެ ތާރީހެއް ވެސް ކަނޑއަޅާނެ އެވެ.

ބިޕާޝާ، ކަރަން އާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ވަނީ ޖޯން އަބްރަހަމްއާ ލޯބީގެ ގޮތުން ގުޅިގެން ދިހަ ވަރަކަށް އަހަރު އުޅިފަ އެވެ. އަދި ޖޯން އާއި ރުޅިވިފަހުން ވަނީ ހަރްމަން ބަވޭޖާއާ ވެސް ލޯބީގެ ގޮތުން ދުވަސްކޮޅަކު އުޅެފަ އެވެ.

ކަރަން އާއި ބިޕާޝާ ކައިވެނިކުރާނަމަ، މިކައިވެންޏަކީ ކަރަންގެ ތިން ވަނަ ކައިވެންޏެވެ. ކަރަން ފުރަތަމަ ކައިވެނިކޮށްފައި ވަނީ ޓީވީ ބަތަލާ ޝްރަދާ ނިގަމްއާ އެވެ. ޝްރަދާ އާއި ކަރަން ވަނީ އެމީހުންގެ ކައިވެންޏަށް ދެއަހަރުވީތަނާ 2010 ވަނަ އަހަރު ވަރިވެފަ އެވެ. އޭގެފަހުން ކަރަން އާއެކު "ދިލް މިލް ގަޔޭ" އިން ފެނިގެން ގޮސްފައިވާ ޖެނިފާ ވިންގެޓްއާ ކައިވެނިކޮށް، މިހާރު ވަނީ ވަރިވެފަ އެވެ.

މިފަހުން ނޫހަކަށް ދިން އިންޓަވިއުއެއް ގައި ކަރަން ވަނީ ޖެނިފާއާ ކައިވެނިކުރުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެފަ އެވެ. އަދި އަވަސް އަރުވާލައިގެން ކައިވެނިކުރުމުގެ ބަދަލުގައި ބޭނުންވަނީ އެކަކު އަނެކަކު ރަނގަޅަށް ދަސްވުމުން ދެން ކައިވެންޏެއް ކުރަން ކަމަށްވެސް ވަނީ ބުނެފަ އެވެ.

މީގެކުރިން ކަރަން ކުރި ދެކައިވެނި ވެސް މާގިނަ ދުވަސްތަކެއް ނުވެ ފެއިލްވެ ރޫޅިވައިފާއިރު، ބިޕާޝާ އާއި ކައިވެނިކޮށްގެން ކިހާ ދުވަހެއް ވަންދެން އުޅެވިދާނެ ހެއްޔެވެ؟