ހަބަރު

ކިއްސަރު ފެއާގެ ފެނަކަ ސްޓޯލަށް ބޮޑު ތަރުހީބެއް!

"ކިއްސަރު ޔޫތު ޖޮބް އެކްސްޕޯ 2016″ ގެ ނަމުގައި އައްޑޫ ސިޓީގައި ކުރިއަށްދާ ފެއާގައި ހުރި ފެނަކާގެ ސްޓޯލްއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ހިއުމަން ރިސޯސްގެ ޑެޕިއުޓީ ޑިރެކްޓަރު އިދުރީސް އަބްދުﷲ އަވަސްއަށް ވިދާޅުވީ، އިއްޔެ ފެށި ކިއްސަރު ފެއާގައި ހުރި ފެނަކާގެ ސްޓޯލްއަށް މިހާތަނަށް 143 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން ފެނަކާގެ އެކި ބްރާންޗްތަކުގެ ވަޒީފާތަކަށް ޝައުގުވެރިކަން ފާޅުކުރައްވާ ސީވީ ހުށަހަޅާފައިވާ ކަމަށް އިދުރީސް ވިދާޅުވި އެވެ.

އިދުރީސް ވިދާޅުވީ، ގިނަ ޒުވާނުން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އެޑްމިން އަދި ޓެކްނީޝަންގެ ވަޒީފާތަކަށް ކަމަށެވެ.

އެ ކުންފުނީގައި ވަޒީފާގެ ފުރުސަތުގެ އިތުރުން އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ހިދުމަތްތަކާ ގުޅޭގޮތުން ވެސް ފެނަކަ ސްޓޯލްގައި ދަނީ މައުލޫމާތު ފޯރުކޮށްދެމުންނެވެ.

"ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން މިދަނީ، އެހެން ސްޓޯލްތަކަށް އަޅުގަނޑު ވެސް ޒިޔާރަތްކޮށްލިން، އެ ސްޓޯލްތަކަށް ޒިޔާރަތްކޮށްފައިވާ މީހުންނާ އަޅާބަލާއިރު އަޅުގަނޑުމެންނަށް ލިބުނު ތަރުހީބު ބޮޑު، އުއްމީދަކީ މިރޭ 10 ޖަހާއިރަށް 150 މީހުން ޒިޔާރަތްކުރުން،" އިދުރީސް ވިދާޅުވި އެވެ.