ހަބަރު

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ދައުލަތުގެ މުސާރައިގެ ސިޔާސަތުތަކާއި މިންގަނޑު ކަނޑައެޅުމަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ. މި ބިލަކީ ދައުލަތުގެ މުއައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ދެވިދާނެ އިނާޔަތްތަކުގެ ސިޔާސަތުތަކާއި މިންގަނޑު ކަނޑައެޅުމަށް މަޖިލީހަށް ހުށަހެޅި ބިލެކެވެ. މި ބިލް މަޖިލީހަށް ވެއްދީ ސަރުކާރުގެ ފަރާތުންނެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު މަޖިލީހަށް ހުށަހެޅުއްވި ބިލްގައި ބުނެފައިވަނީ، މުސާރާގެ ސިޔާސަތު ކަނޑައެޅުމަށް ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޭ ކޮމިޝަނެއް އުފައްދަން ޖެހޭނެ ކަމަށެވެ.

މި ބިލްގެ ދަށުން އުފައްދާ ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި، ވަޒީފާއިން ނުވަތަ މެމްބަރުކަމުން ވަކިވާއިރު، ޢިނާޔަތް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނަކަށްވާން ޖެހެ އެވެ.

ކޮމިޝަނުގެ ރައީސްއަކަށް ހުންނަވަންޖެހޭނީ ދައުލަތުގެ މާލިއްޔަތާ ބެހޭ ވަޒީރު ކަމަށް ބިލްގައި ބަޔާންކޮށްފައިވެ އެވެ. އަދި ނައިބު ރައީސްއަކަށް ހުންނަވަން ޖެހޭނީ ކޮމިޝަނަށް އައްޔަން ކުރައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅެކެެވެ.

ސަރުކާރުން މި ބިލް ހުށަހަޅާފައިވަނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގައި އަޅާކިޔާނެ ނުވަތަ ބުރަވާނެ ނުވަތަ ޕްރޮފެޝަނަލް މިންގަނޑުތަކެއް ދުރާލާ ކަނޑައެޅިފައި ހުންނާނެ ގޮތް ހެދުމަށެވެ.