ހަބަރު

ތިން ރުއް ޕާކްގައި ސުނާމީ ބިނާ ބަހައްޓައި ތަރައްގީ ކުރަން ފަށައިފި

މާލޭ ހުޅަނގު ފަރާތުގެ ތިން ރުއް ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ މަސްތެރޭގައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީ އިން ކުރިން ނިންމާފައިވަނީ ތިން ރުއް ޕާކު ސަރަހައްދުގައި އާ ތޮށިލައި، ތަފާތު ޕާކެއް ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ މަހުގެ މެދުތެރޭގައި ނިންމުމަށެވެ. އެހެން ނަމަވެސް އަދި މިހާތަނަށް ވެސް އެމަސައްކަތް ވަނީ ނުނިމިފަ އެވެ.

"އަވަސް" އާ ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތިން ރުއް ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ބަޔަކާއި ހަވާލު ނުކޮށް މިނިސްޓްރީގެ މުވައްޒިފުން ކަމަށާއި އެހެން ކަމުން އޭރު ރަސްފަންނު ބީޗުގެ މަސައްކަތް ވެސް ކުރިޔަށްދާތީ ތިން ރުއް ޕާކު ތަރައްގީ ކުރުން ކޮންމެވެސް ވަރަކަށް ލަސްވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިހާރު އެތަނުގައި ޕާކު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި އަދި ރައްޔިތުން ވަރަށް ހިންހަމަޖެހޭނެ ފަދަ ރަނގަޅު ފެންވަރެއްގައި ތިން ރުއް ޕާކު ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

"ތިން ރުއް ޕާކުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށްދޭ. ނަމަވެސް މިދޭތެރެއިން މޫސުން ގޯސްވުމުގެ އިތުރުން އަޅުގަނޑުމެންގެ ގިނަ މުވައްޒިފުން ރަސްފަންނު ބީޗަށް ބޮޑަށް ފޯކަސްވެފައި އިނީމައި އެކަން ކުޑަކޮށް ޑިލޭވީ. އަދި އަޅުގަނޑުމެން އޭރު ލަފާކުރިވަރަށް ވުރެއް ދިގުދެމިގެން ދިޔައީ. އެހެން ނަމަވެސް އަންނަ މަސްތެރޭގައި އެޕާކު ހުޅުވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން ނިންމާފައިވާ ގޮތުގައި، ކުރިން ލޮނުޒިޔާރަތް ކޮޅުގައި ހުރި ސުނާމީ ބިނާ ތިން ރުއް ޕާކުގައި ބެހެއްޓުމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ ސުނާމީ ބިނާ އެސަރަހައްދަށް ބަދަލުކޮށްފަ އެވެ. ދެން ކުރެވިގެންދާނީ ތޮށިލުމާއި އެޕާކު ފެހި ކުރުމުގެ މަސައްކަތް ކަމަށްވެސް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އެސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަ ޕާކެއް ތަރައްގީ ކުރާއިރު މިނިސްޓްރީ އިން ބުނެފައި ވަނީ އެސަރައްދުގައި އަޅައިފައި އޮންނަ ކުނި ބާޖުތައްވެސް އެހެން ސަރަހައްދަކަށް ބަދަލު ކުރާނެ ކަމަށެވެ.