ހަބަރު

މަޝްވަރާގެ ކުރިން ކުރާ ޝަރުތުތަކަށް ދޫދެވޭކަށް ނެތް: ސަރުކާރު

  • ސަރުކާރުން ބުނަނީ ކުށްވެރިން ދޫކުރެވެން ނެތް ކަމަށް
  • އިދިކޮޅު ޕާޓީތައް މަޝްވަރާ ކުރަން ބޭނުމެއް ނުވޭ
  • މަޝްވަރާތަކަށް ސަރުކާރު އޮތީ ވަރަށް އޯޕަންކޮށް

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސް ނެންގެވުމަށް ބާއްވަން ހަމަޖެއްސި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އިދިކޮޅު ޕާޓީތަކުން ތައްޔާރު ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ. ރައީސް ދެއްވި ދައުވަތަށް އަދާލަތު ޕާޓީ އާއި އެމްޑީޕީއިން ވަނީ މިހާރު ޖަވާބުދީފަ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މުއާޒު ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތުން މަޝްވަރާގައި ބައިވެރިވުމަށް ޝަރުތުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އަދި މަޝްވަރާތަކުގައި ބައިވެރިވާން ތައްޔާރު ނޫން ކަމަށް ދޭހަވާ އިބާރާތް ބޭނުންކޮށްގެން އެ ޕާޓީ އިން ޖަވާބު ދީފައިވާ ކަމަށެވެ. މުއާޒު ވިދާޅުވީ، ހައްޔަރީން ދޫކޮށްލަން އެ ޕާޓީތަކުން ޝަރުތުކޮށްފައިވާއިރު އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ޕާޓީ އިން ދޫކޮށްލަން ގޮވާލާ ފަރާތްތައް ހައްޔަރުގައި ތިބީ ކޯޓު އަމުރަކުން ނޫނީ ޝަރުއީ ހުކުމަކުން ޝަރީއަތުގައި ހިނގަމުން އަންނަ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

"މަޝްވަރާ މޭޒަށް އައުމުގެ ކުރިން ސިޔާސީ ފޯޑިއަމްތަކުގައި ޝަރުތުތައް ކަނޑައެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން، ޝަރުތުތައް ހުށަހަޅާ އެކަމަށް ހައްލު ގެނައުމަށް މަޝްވަރާކުރަން ޖެހޭނީ މޭޒު ކައިރިއަށް އައިސް، ސަރުކާރުގެ އޮތީ ވަރަށް އޯޕަން އެޖެންޑާއެއް،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ، ރައީސް މަޝްވަރާތައް ކުރައްވަން ބޭނުންވަނީ ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށެވެ. ސިޔާސީ ހައްޔަރީން ދޫކޮށްލުމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ބަދަލުގައި ހަމަޖެހޭ ރާއްޖެ އެއް ބިނާކޮށް ގުޅިގެން ތަރައްގީ ގެނައުމަށް މަޝްވަރާ ކުރުމަށް އެދޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެ މަޝްވަރާތަކުގައި އިސްކަން ދޭން ޖެހޭނީ އެންމެން ގުޅިހެން ރާއްޖެ ބޭރުގައި އިޝްތިހާރުކޮށްގެން، ހުރިހާ މެހެމާނުންނަށް ކަމޭހިތާ މަންޒިލެއް ގޮތުގައި ޕްރޮމޯޓުކުރަން ގޮތްތަކެއް ރޭވުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ބޮޑުކޮށްގެން ދައްކައި ރާއްޖެ ފަލީހަތް ކުރުމަށް ކުރާ މަޝްވަރާތަކަކަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

މުއާޒު ވިދާޅުވީ، ދެތިން މީހުންގެ މަސްލަހަތަށް ޓަކައި ހުރިހާ ދިވެހިންގެ ލާބަޔާއި މަންފާއަށް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށެވެ. މަޝްވަރާތަކުގައި ދެން ކުރިއަށްދާނެ ގޮތަކާއި ސަރުކާރުން އަމަލުކުރާނެ ގޮތެއް މިހާރު މަޝްވަރާކުރަމުންދާ ކަމަށް މުއާޒު ވިދާޅުވި އެވެ. އަދި ޕާޓީތަކުން މަޝްވަރާތަކަށް ދިން ޖަވާބުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ކުރިމަތި ކުރި މައިގަނޑު ޝަރުތަކީ ކުށްތަކުގައި ޖަލަށް ލާފައިވާ ސިޔާސީ ހުރިހާ އެންމެން ދޫކޮށްލުމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން މިނިވަން ތަހުގީގެއް ކުރުމަށެވެ.

އެފަދަ މަޝްވަރާތަކަކަށް އީޔޫ އާއި އިނގިރޭސިވިލާތުން އަންނަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. އަދި ސަރުކާރުން މަޝްވަރާތަކަށް ފުރުސަތު ހުޅުވާލުމުން އެ ފަރާތްތަކުން އެކަމަށް މަރުހަބާ ކިޔެވެ. އެހެން ނަމަވެސް އެފަދަ މާހައުލެއް ތަނަވަސް ކުރުމަށް ސިޔާސީ މީހުން ޖަލުން މިނިވަން ކުރުމަށް އެފަރާތްތަކުން ގޮވާލާފައިވެ އެވެ. ސަރުކާރުން ވަނީ މަޝްވަރާތަކުގައި ބޭރުގެ ފަރާތްތަކުން ބައިވެރިވުމަށް ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ.

މަޝްވަރާތަކުގައި ރައީސްގެ ފަރާތުން ބައިވެރިވުމަށް ކަނޑައަޅާފައިވާ މިނިސްޓަރުންނަކީ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަދި ޔޫތް މިނިސްޓަރު މުހައްމަދު ޒުހޫރެވެ.