ހަބަރު

ޕާޓީ މަޝްވަރާތައް ފެށުމުގައި ރާއްޖެއަށް އެހީވާން އދ އިން ހުށަހަޅައިފި

  • މަޝްވަރާތަކަށް އދ އިން މަރުހަބާ ކިޔާ
  • މަޝްވަރާތަކަށް އިސްކަން ދޭކަމަށް ރައީސް ވިދާޅުވި
  • ދުންޔާ އާ ވެސް ޖެންކާ މިއަދު ބައްދަލު ކުރެއްވި

ސިޔާސީ ޕާޓީތަކާއެކު ފެށުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަށް އެހީތެރިކަން ދިނުމަށް އދ އިން ރާއްޖެއަށް ހުށަހަޅައިފި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އދ އިން އެކަމަށް ހުށަހެޅީ މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ، އެ ޖަމާއަތުގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މިރޯސްލެވް ޖެންކާ އާ އެކު ރައީސް މިއަދު ބޭއްވި ބައްދަލު ކުރެއްވުމުއްގަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން މިއަދު ނެރުނު ސްޓޭޓްމަންޓްގައި ބުނީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ސަރުކާރުން އިސްނެގި ނެގުމަށް އދ އިން މަރުހަބާ ކިޔާ ކަމަށް ރައީސްގެ އަރިހުގައި އޭނާ ދެންނެވި ކަމަށެވެ. އަދި އެ މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ފެށުމަށް އދ އަށް ވެދެވެން ހުރި އެހީތެރިކަމެއް ވެދެއްވުމަށް އޭނާ ހުށަހެޅި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެކި ޝަރުތުތައް ކުރިމަތިކޮށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް، އިދިކޮޅު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި އަދާލަތުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ޕާޓީތަކުން ބުނަނީ ހައްޔަރުކޮށްފައި ތިބި ސިޔާސީ މީހުން ދޫނުކުރަނިސް މަޝްވަރާއެއް ކުރެވެން ނެތް ކަމަށެވެ. ބޭރުގެ ޖަމާއަތްތަކަށް މަޝްވަރާތަކުގައި ބައިވެރިވުމަށް ރާއްޖެއިން މަރުހަބާ ކިޔާކަން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ އެކި ކަންކަމުގެ މައުލޫމާތު ރައީސް އެބޭފުޅާއަށް އަރުއްވައި އެކަންކަމާ މެދު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަކީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ ތަރައްގީގެ މަޝްރޫއުތަކަށް އިސްކަންދެވޭނެ މާހައުލެއް ރާއްޖޭގައި ގާއިމް ކުރުމަށް އޮތް ހައްލެއް ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖެންކާ އިއްޔެ ރާއްޖެ ވަޑައިގެންނެވީ ފޮރިން މިނިސްޓްރީ އިން ބުނަނީ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ. މި ދުވަސްވަރު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ބައެއް ކަންކަން ވަނީ އދ. އާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ ސަމާލުކަމަށް އައިސްފަ އެވެ. ޖެންކާ މިއަދު ވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާ ވެސް ބައްދަލު ކުރައްވައިފަ އެވެ.