ހަބަރު

ލޯޔަރު މައުމޫން އާއި އަލީ ޒާހިރު ކޯޓަށް ހާޒިރުކޮށް، ނަސޭހަތް ދީފި

މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް، ލޯޔަރު އަލީ ޒާހިރު ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށް، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ނުދެއްކުމަށް އެދި ނަސޭހަތް ދީފި އެވެ.

މިއަދު މެންދުރުފަހު ވަކިވަކިން އެ ދެބޭފުޅުން، ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ކޯޓުގެ ބޭނުމަކަކަށް ކަމަށް ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން ކޯޓަށް ހާޒިރުކޮށް ނަސޭހަތް ދީފައިވަނީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މައުމޫން ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އިމްރާންގެ މައްޗަށް ކުރި ހުކުމަކީ ގާނޫނަށް ކުރި މަލާމާތެއް ކަމަށެވެ. އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިމްރާންގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވެސް ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. އޭނާ ވެސް ކޯޓަށް ހާޒިރުކޮށްފައިވަނީ އިމްރާންގެ ހުކުމަށް ފާޑު ވިދާޅުވުމުންނެވެ.

ރައީސް ޔާމީންއަށް ބޮޑު ބޭބެ ވިދާޅުވާ، މައުމޫން އަންނަނީ ކޯޓުތަކަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މައުމޫން ތުހުމަތު ކުރައްވާ ގޮތުގައި ކޯޓުތައް ވަނީ ނުފޫޒުތަކެއްގެ ދަށުގައި ކަމަށެވެ. އަލީ ޒާހިރު ވެސް ވިދާޅުވަނީ، އިމްރާންއަށް ހުކުމް ކުރީ ސަރުކާރަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި ގާޒީ އިން ރިޝްވަތު ހިފާކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މައުމޫން މިއަދު ކޯޓުން ބޭރަށް ނުކުމެ ވަޑައިގެން ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ނުދައްކާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް ވާހަކަ ނުދައްކާނެ ކަމަށެވެ.

އިމްރާންގެ މައްޗަށް އިއްވި 12 އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން ކްރިމިނަލް ކޯޓަށާއި ،މައްސަލަ ބެއްލެވި ގާޒީ އަބްދުލް ބާރީ ޔޫސުފަށް ގިނަ ބަޔަކު ދަނީ ފާޑުވިދާޅުވަމުންނެވެ. ގާޒީ ބާރީގެ ފޮޓޯއެއް ނަގައި އިންޒާރު ދޭން އުޅުނު މައްސަލާގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.