ހަބަރު

ސްނައިޕަރު ގެނައި މައްސަލާގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން ލަންކާގެ ސްނައިޕަރު ގެނައި މައްސަލާގެ ހައްޔަރު ކުރި ތިން މީހުން ދޫކޮށްލައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 24 ގައި ރާއްޖެއިން ހައްޔަރު ކުރި ލަންކާ ސްނައިޕަރެއް ކަމަށްވާ ލަހިރު މަޑުޝަންކަ ގެނައީ ބަޔަކު ގިނަ އަދަދެއްގެ ފައިސާ ތަކެއް ދީގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެމައްސަލާގެ ތަހުގީގަށް ތިން މީހަކު ހައްޔަރުކޮށް މަހެއްހާ ދުވަސް ވަންދެއް ވަނީ ބަންދުގައި ބަހައްޓައިފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު މިއަދު ވިދާޅުވީ ގޮތުގައި ސްނައިޕަރު ގެނައި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުން ބަނދުގައި ބެހެއްޓުމަށް ނުފެންނާތީ ކޯޓު އަމުރެއްގެ ދަށުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަ އެއް ނުކުރެ އެވެ. އެހެން ނަމަވެސް ސްނައިޕަރު ކަމަށް އަދި ތުހުމަތު ކުރާ ލަންކާ މީހާ އަދިވެސް ހުރީ ފުލުހުން ހައްޔަރުކޮށްފަ އެވެ.

މަދުޝާންކަ ބަނދުގައި ހުރުމުގެ ސަބަބުން ލަންކާއިން އެތައް ފަހަރެއްގެ މަތިން އެކަމާ ކަނބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އައިޝަތު އާޒިމާ ޝަކޫރު ލަންކާގެ ނޫސްތަކާ ބައްދަލު ކުރައްވާ، ލަންކާ ސްނައިޕަރު ބަންދުގައި ހުރީ އޭނާއާ ދެކޮޅަށް ހެކި ހުރުމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.