ވިޔަފާރި

ޓޫރިޒަމުން ރާއްޖެ ސަރަހައްދީ ފެންވަރުގެ އެވޯޑެއް ހޯދައިފި

މިމަހުގެ 18 އިން 20 އަށް އިންޑިއާގެ ބޮމްބޭ ކޮންވެންޝަން ސެންޓަރުގައި ބޭއްވި "ވަން ވޯލްޑް ޓްރެވަލް މާޓް 2016" މައުރަޒުގެ އެންމެ "ހިތްގައިމު މަންޒިލް" އެވޯޑު ރާއްޖެއިން ހޯދައިފި އެވެ. ވަން ވޯލްޑް ޓްރެވަލް މާޓް ފެއާގައި ރާއްޖެއިން ބައިވެރިވީ، ފަތުރުވެރިންގެ ނިސްބަތް އިތުރުކުރަން ފަށާފައިވާ "ވިޒިޓް މޯލްޑިވްސް އިޔާ 2016" ކެމްޕެއިންގެ ދަށުންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިސްނަގައިގެން ބައިވެރިވި އެ ފެއާގައި ރާއްޖޭގެ އިތުރުން އެހެން ގައުމަކުން ވެސް ވަނީ އެވޯޑު ހޯދާފަ އެވެ. ފެއާގައި ރާއްޖެ ތަމްސީލުކުރަން ބެހެއްޓި ސްޓޯލްގައި ރާއްޖޭގެ ރިސޯޓުތަކާއި ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯ ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ބައެއް ފޮޓޯ ވެސް ވަނީ ހިމަނާފަ އެވެ.

ވަން ވޯލްޑް ޓްރެވަލް މާޓް މައުރަޒަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން އިންޑިއާގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް މައުރަޒެވެ. އެގޮތުން މިއަހަރުގެ ފެއާގައި އެމްއެމްޕީއާރުސީގެ އިތުރަށް 15 ކުންފުންޏަކުން 26 ފަރާތެއް ވަނީ ފެއާގައި ބައިވެރިވެފަ އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ، އެ ފެއާގައި ރާއްޖެއިން ބައިވެރިވުމަކީ އިންޑިއާގައި އޮތް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް އިތުރަށް ފުޅާ ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި އެއީ ފެއާ މެދުވެރިކޮށް، އެހެން ގައުމުތަކަށް ވެސް ރާއްޖެ ބޮޑަށް އިޝްތިހާރު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީއިން ބުންޏެވެ.