ބޮލީވުޑް

އަނުޝްކާ ދެން އުފައްދަނީ ތަފާތު ލޯބީގެ ފިލްމެއް

Feb 23, 2016

ޒުވާން ބަތަލާ އަނުޝްކާ ޝަރްމާ ވަނީ އޭނާ ދެވަނަ އަށް ޕްރޮޑިއުސްކުރާ ފިލްމު އިއުލާންކޮށްފަ އެވެ. ފޮކްސް ސްޓާ ސްޓޫޑިއޯއާ ގުޅިގެން އަނުޝްކާ ދެވަނަ އަށް ޕްރޮޑިއުސްކުރާ ފިލްމު "ފިލައުރީ" ގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ވެސް އަނުޝްކާ އެވެ.

މިފިލްމު އުފައްދާކަން ހިއްސާކުރަމުން އަނުޝްކާ ކުރި ޓްވީޓެއްގައި ވަނީ އޭނާ އާއެކު މިފިލްމުގައި ފެނިގެންދާނީ ޕަންޖާބީ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖިތް ދޮސަންޖް އާއި "ލައިފް އޮފް ޕައި"ގެ އެކްޓަރު ސޫރަޖް ޝަރްމާ ކަމަށެވެ.

މުޅިން އަލަށް ޑައިރެކްޓަރެއްގެ ގޮތުގައި ނިކުންނަ އަނޫޝާ ލާލް ޑައިރެކްޓްކުރާ މިފިލްމަކީ ޕަންޖާބުގެ އަވަށެއް ކަމަށްވާ ޕިލައުރްގައި ފެނިގެންދާ ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ޕްރޮޑިއުސަރެއްގެ ގޮތުން އަނުޝްކާ އެންމެ ފުރަތަމަ ޕްރޮޑިއުސްކޮށްފައިވަނީ މިދިޔަ އަހަރު ނިކުތް ކްރައިމް ޑްރާމާ ފިލްމު "އެންއެޗް 10" އެވެ. މިފިލްމަށް ވަނީ ބެލުންތެރިންނާއި ކްރިޓިކްސް އިން އިންތިހާއަށް ތައުރީފުކޮށްފަ އެވެ.

އަނުޝްކާ އާއެކު މަސައްކަތްކުރަން ފުރުސަތު ލިބުމަކީ އުފަލެއް ކަމަށް ބުނަމުން ފޮކްސް ސްޓާ ސްޓޫޑިއޯގެ ސީއީއޯ ވިޖޭ ސިންގް ވަނީ އަނުޝްކާ އަކީ މޮޅު އެކްޓަރެއް ކަމަށާއި އަދި އޭނާ ވަނީ މޮޅު ޕްރޮޑިއުސަރެއްކަން ސާބިތުކޮށްދީފައި ކަމަށް ބުނެފަ އެވެ.

މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ ތެރޭގަ އެވެ.

މިހާރު އަނުޝްކާ އަންނަނީ ސަލްމާން ޚާނާ އެކު "ސުލްތާން"ގެ މަންޒަރުތައް ނަގަމުންނެވެ. މިފިލްމުގެ އިތުރުން އަނުޝްކާ ހަރަކާތެރިވާ، ކަރަން ޖޯހަރު "އެއި ދިލްހޭ މުޝްކިލް" ވެސް މިއަހަރު ރިލީޒްވާނެ އެވެ.