ބޮލީވުޑް

"ޑޮން 3" އާއެކު ޝާހްރުކް އަންނަނީ

Feb 23, 2016

"ޑޮން" ސިލްސިލާގެ ތިން ވަނަ ފިލްމަކަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. "ޑޮން" އާއި "ޑޮން 2" ގެ ކާމިޔާބީ އާއެކު މިސިލްސިލާގެ ތިންވަނަ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ ކޮން އިރަކުންތޯ މިއީ ޑައިރެކްޓަރު ފަރްހާން އަޚްތަރު އަދި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީއާ އެންމެ ގިނައިން ކުރިމަތިވާ ސުވާލެވެ.

މިސިލްސިލާގެ ތިންވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަރްހާން އާއި ރިތޭޝް ކުރަމުން އަންނަ ކަމުގެ ވާހަތައް ދެކެވެނިކޮށް އޭނާ ވަނީ މިފިލްމު އުފެއްދުމަށް އަދި ސްކްރިޕްޓެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް އެންމެފަހުން ޕްރޮޑިއުސަރު ރިތޭޝް ވަނީ ނޫހަކަށް ދިން އިންޓަވިއުއެއްގައި "ޑޮން 3"ގެ ވާހަކައިގެ އައިޑިއާއެއް މިހާރު ލިބިއްޖެ ކަމަށާއި އަދި ވަރަށް އަވަހަށް މިފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފެށޭނެ ކަމަށް ބުނެފަ އެވެ.

"ޑޮން 3" އުފައްދާނެ ކަން އެއީ ހަމަ ޔަގީންކަމެއް. ފަރްހާން މިފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ." ރިތޭޝް ބުނެފައިވެ އެވެ.

"ޑޮން" އަކީ 1978 ގައި ނިކުތް އަމީތާބް ބައްޗަން ލީޑްރޯލުން ފެނިގެންގޮސްފައިވާ ފިލްމެކެވެ. މި ފިލްމުގެ ރިމޭކް އެއް ފަރްހާން އެންމެ ފުރަމަ އުފައްދާފައިވަނީ 2006 ވަނަ އަހަރު އެވެ.

މި ސިލްސިލާގެ ދެ ފިލްމުގައި ޝާހްރުކް ފެނިގެންގޮސްފައިވަނީ ނުބައިބައި ރޯލަކުންނެވެ. އަދި "ޑޮން 3" ގައި ވެސް ޝާހްރުކް ފެނިގެންދާނީ މާފިޔާ ލީޑަރެއްގެ ރޯލުންކަން މީގެކުރިން ޕްރޮޑިއުސަރު ރިތޭޝް ވަނީ ޔަގީންކޮށްދީފަ އެވެ.

ޝާހްރުކް އާއެކު މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ކޮން ތަރިއެއްކަން އަދި ފިލްމު އުފައްދާ ފަރާތުން ހާމަކޮށްފަ އެއް ނުވެ އެވެ. މިސިލްސިލާގެ ދެފިލްމުގައި ޝާހްރުކް އާއެކު ފެނިގެންގޮސްފައިވާ ޕްރިޔަންކާ ޗޯޕްޅާ އެވެ. ބަތަލާގެ ވާހަކައާ ގުޅިގެން ފަރްހާން ވަނީ މިފިލްމުގެ ހުރިހާ ވާހަކައެއް ވެސް ބެލުންތެރިންނާއި ހިއްސާ ކުރެވޭނެ ކަމަށް ބުނެފަ އެވެ.

"ޑޮން 3" އުފައްދަން އުޅޭ ވާހަކަ ފެންމަތިވީ ހިސާބުން ވެސް މިފިލްމުގެ ބަތަލާގެ ރޯލަށް އާ މޫނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ އަޑު ވަނީ އަރާފަ އެވެ. އެގޮތުން މިރޯލު ކެޓްރީނާ ކައިފް އަށް ހުށަހެޅި ކަމުގެ ވާހަކަތަކެއްވެސް ދެކެވުނެވެ. އަދި ފަރްހާންގެ "ރޮކް އޮން 2"ގެ ބަތަލާ ޝްރަދާ ކަޕޫރަށް ވެސް މިރޯލު ހުށަހަޅާފައިވާ ކަމުގެ ވާހަކަތަކެއް މިހާރު އަންނަނީ ދެކެވެމުންނެވެ.

ޕްރޮޑިއުސަރު ރިތޭޝްގެ ބޮޑު ތިން ފިލްމެއް މިއަހަރު ރިލީޒްވާނެ އެވެ. އެއީ ޝާހްރުކްގެ "ރައީސް" އާއި ފަރްހާންގެ "ރޮކް އޮން 2" އަދި ސިދާތް މަލްހޯތުރާ އާއި ކެޓްރީނާ އެކުގައި ފެނިގެންދާ "ބާރް ބާރް ދޭކޯ" އެވެ.