ބޭރު ކުޅިވަރު

ހިލޭޖެހުންތަކަށް އެންމެ މޮޅު ޓީމަކީ ޔުވެންޓަސް: ގާޑިއޯލާ

ހިލޭޖެހުންތަކަށް އެންމެ މޮޅު ޓީމަކީ ޔުވެންޓަސް ކަމަށާއި ޗެމްޕިއަންސް ލީގުގައި މިރޭ އެންމެ ބޮޑަށް ފަރުވާތެރިވާންޖެހެނީ ޔުވެންޓަސްގެ ޖެހުންތަކަށް ފުރުސަތުނުދިނުމަށް ކަމަށް ބަޔާން މިއުނިކުގެ ކޯޗު ޕެޕް ގަޑިއޮލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ މުހިންމު ތިން ޑިފެންޑަރަކަށް މިރޭގެ މެޗުގައި ނުކުޅޭވީތީ އެވެ. ބަޔާންގެ ޑިފެންޑަރު ހާވިއާ މާޓިނޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ނުކުޅޭއިރު، ޖެރޯމް ބޯޓިން އާއި ހެލްޑާ ބަޑްސްޓޫބާ ވެސް މިރޭގެ މެޗުގައި ނުކުޅޭނެ އެވެ.

"ހަގީގަތަކީ އަހަރެންގެ ޓީމުގައި ސެންޓަ ބެކަށް ކުޅޭނެ އެކަކު ވެސް ނެތްކަން. އަހަރުމެން ޖެހޭނީ ކޮންމެވެސް ގޮތަކުން އެކަން ހަމަޖައްސަން. އެމީހުންނަކީ ހިލޭޖެހުންތަކަށް އެންމެ މޮޅު ޓީމު،" ގާޑިއޯލާ ބުންޏެވެ.

ކޯޗެއްގެ ގޮތުން ގާޑިއޯލާ ބަނީ ދެ ފަހަރު ބާސެލޯނާގައި ޗެމްޕިއަންސް ލގު ކާމިޔާބުކޮށްފަ އެވެ. އަދި މި ސީޒަނަށް ފަހު އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއާ ހަވާލުވުމުގެ ކުރިން ބަޔާން މިއުނިކަށް މި ތަށި ހޯދައިދޭން އޭނާ އަޒުމް ކަނޑައަޅާފައިވާއިރު މިރޭގެ މެޗު ފަސޭހަނުވާނެ ކަމަށް ވެސް ގާޑިއޯލާ ބުނެ އެވެ.

ޔުވެންޓަސް މި މެޗާ ކުރިމަތިލަނީ އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ބަލިނުވެ އިތުބާރާއެކުގަ އެވެ. ނަމަވެސް ކޯޗު މަސިމޯ އަލެގްރީގެ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޖިއޯޖިއޯ ކިއެލީނީ އާއި އެލެކްސް ސަންދްރޯ އަށް ވަނީ އަނިޔާވަފަ އެވެ.

ނަމަވެސް މިދިޔަ ސީޒަނުގައި މި މުބާރާތުގެ ފައިނަލް ކުޅުނު ޓީމުގެ ހިތްވަރު އާވެފައިވަނި އަނިޔާގައ ހުރެފައި ބަޔާން މިއުނިކްގެ ކުރީގެ ފޯވަޑް މާރިއޯ މަންޒުކިޗް އަލުން ކުޅުމުގެ ތެރެއަށް އައިސްފައިވާތީ އެވެ.

އަލެގްރީ ބުނީ ޖަރުމަނުގެ ޗެމްޕިއަނުންނާ ދެކޮޅަށް މަންޒުކިޗާއި އަނިޔާގެ ސަބަބުން ނުކުޅެ ދުވަސްކޮޅަކު ހުރި ސާމީ ކެދީރާ ވެސް ކުޅޭނެ ކަމަށެވެ.

ނަމަވެސް ގާޑިއޯލާ ބުނީ ޔުވެންޓަސްގެ ދަނޑުގައި ގޯލު ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަމަކު އެއީ ފަހަކަށް އައިސް ޔުވެންޓަސް ދައްކާ ކުޅުމަށް ބަލާއިރު އުނދަގޫ ކަމަކަށްވާނެ ކަމަށެވެ.

އެންމެ ނުރައްކާ ކުރާނި ދިބާލާ: ރޮބެން

ބަޔާންގެ މިޑްފީލްޑަރު އާޔެން ރޮބެން ބުނީ މިރޭ އޭނާގެ ޓީމަށް އެންމެ އުނދަގޫ ކުރާނީ ޔުވެންޓަސް އަށް ކުޅޭ އާޖެންޓީނާގެ ޒުވާން ފޯވަޑް ޕައުލޯ ދިބާލާ ކަމަށެވެ. އޭނާ ވަނީ މި ސީޒަނުގައި 25 މެޗުން 13 ގޯލު ޖަހާފަ އެވެ.

"އަހަރުމެންނަށް އެނގޭ ދިބާލާއަކީ ވަރަށް ހުނަރުވެރި އަދި ނަތިޖާ ބަދަލުކޮށްލާނެ ކުޅުންތެރިއެއްކަން. އަހަރުމެން މިތިބީ އޭނާގެ ކުޅުމަށް ތައްޔާރުވެގެން. އެކަމަކު އޭނާ އަކީ ޔުވެންޓަސްގައި ފޯމުގައި ހުރި ހަމައެކަނި ކުޅުންތެރިޔާއެއްނޫން. މުޅި ޓީމު ވެސް މޮޅަށް ކުޅޭ،" ރޮބެން ބުންޏެވެ.