ފިނިޕޭޖް

މިއަށް ވުރެ "ވަރުގަދަ" ކެރެކްޓާއެއް އެ ސްޓޭޖަކު ނެތް!

މިއީ ލަވަކިޔައިގެން މުހައްމަދު ޒަލީފަށް ބައެއްގެ ސަމާލުކަން ނުވަތަ އާންމުންގެ މެދުގައި އޭނާ މިވަރަށް މަޝްހޫރުވި ފުރަތަމަ ފަހަރެއް ނޫނެވެ. ގދ. ތިނަދު އަށް ނިސްބަތްވާ 21 އަހަރުގެ މި ޒުވާނާގެ އެންމެ ކުޑައިރުގެ ހަނދާންތަކަށް ޖެހިލާއިރު ވެސް އޭނާ އަކީ ސެލެބްރިޓީ އެކެވެ. އޭރު އަދި އޭނާ އަކީ މިއަށް ވުރެ މާ ބޮޑު ސެލެބްރިޓީއެކޭ ވެސް ބުނެވިދާނެ އެވެ.

އެއީ އިންޓަ ސްކޫލް ލަވަ މުބާރާތުގެ ފޯމެޓަށް އަތޮޅުތަކުގެ ސްކޫލްތަކުގެ މެދުގައި ލަވަ މުބާރާތް ކުރިއަށް ގެންދިޔަ ރަންޒަމާނެވެ. ޒަލީފް ނުކުމެ އެ މުބާރާތް ފަތަހަކޮށް ރާއްޖޭގެ އެހެން ހުރިހައި ދިމާލަކުން އައި ލަވަކިޔުންތެރިންނަށް ގޮންޖަހައި "ސުޕަސްޓަރަކަށް" ބަދަލުވެގަތީ 2003 ވަނަ އަހަރު އެވެ.

އެކަމަކު އޭގެ ކުރިން ވެސް އޭނާ އަކީ ލަވަކިޔުމުގެ އާދަޔާހިލާފު ހުނަރުވެރިކަމެއް ދެއްކު ކުއްޖެކެވެ. ލަވަކިޔުމުގެ މި ހުނަރު އޭނާގެ ކިބައިން ޑިސްކަވާކުރިއިރު ނުވަ އަހަރެވެ. އޭރު ވެސް ލަވައިގެ ދުނިޔޭގައި އެންމެ އަޚުލާގާއި ގަވާއިދު ބޮޑު އަދި ކިޔަން އުނދަގޫ އަޒަލް ލަވަތަކަށް ވެސް އޭނާ ވަރަށް ފަރިތަ އެވެ.

އަތޮޅު ކުދިންގެ ލަވަ މުބާރާތުގައި ޒަލީފް ބައިވާން ފެށި ހިސާބުން އެހެން އަތޮޅުތަކުގެ ސްކޫލްތަކުން ސީދާ ޒަލީފަށް އަމާޒުކޮށްގެން ކުދިންނަށް ތަމްރީން ދޭން ފެށީ ވެސް އެހެންވެގެންނެވެ. އޭނާ އެހެން ހުރިހައި ކުދިންނަށް ވުރެ ވެސް މޮޅުވީމަ އެވެ.

އެ ވާދަވެރިކަމާއި ފޯރި ޒަލީފް ސިފަކުރަނީ މޯލްޑިވިއަން އައިޑޮލްގައި ވެސް ނެތް ވަރުގެ ވާދަވެރިކަމެއްގެ ގޮތުގަ އެވެ.

"އޭރު ލަވަކިޔަން ސްޓޭޖަށް އަރަނީ އިތުރު މީހަކަށް އެ ލަވައެއް ނުކިޔޭނެ ފެންވަރުގައި ހުށަހަޅައިދޭން. އެކަމަށް ނިޔަތްގަނެގެން. އޭރު ދެން ވާގޮތަކީ ވަރަށް ވާދަވެރިވާނެ. އަދި މިއަށް ވުރެ ވެސް ވާދަވެރިވާނެ އޭރު. ނައިފަރުންނާއި އައްޑޫ އިން ބޮޑެތި ގޭންގްތައް ހަދާލާފަ ކުދިން އަންނައިރު އެމީހުންގެ އަމާޒު ވެސް ހިފާފައި ހުންނާނީ ސީދާ އަޅުގަނޑަށް،" ޒަލީފް ކިޔައިދިނެވެ.

އޭނާ ބުނީ އަތޮޅު ކުދިންގެ ލަވަ މުބާރާތަށް އަންނަ މީހުންނާ ރިހާސަލް އިން ބައްދަލުވުމުން "ޒަލީފް މިފަހަރު ކިޔަނީ ކޮން ލަވައެއްތޯ" އާއި "ޒަލީފް މިފަހަރު މިވެނި ލަވައެއް ކިޔާތޯ" އަހައި ސުވާލު ވެސް ކޮށް ހަދާ ކަމަށެވެ. ސަބަބަކީ، ކުރު ގޮތަކަށް ބުނަނީ ނަމަ މި އަތޮޅު ކުދިންގެ ލަވަ މުބާރާތެއްގައި ޒަލީފް އޭރު ހުރީ "އާތިފް އަސްލަމެއް" ގެ ދަރަޖަ އަށް އަރައިފައި ކަމަށްވުމެވެ.

ޒަލީފަކީ އޭނާ މުބާރާތުގައި ވާދަކުރި ފުރަތަމަ އަހަރު މުޅި މުބާރާތުން އެއް ވަނަ ގެންދިޔަ ލަވަކިޔުންތެރިޔާ އެވެ.

"ބައިވެރިވި ފުރަތަމަ އަހަރަކީ އޭގެ ކުރީ ދެ އަހަރު މުޅި މުބާރާތުން އެއް ވަނަ ގެންދިޔަ ކުއްޖާ ތަށި މިލްކުކުރަން ނުކުތް ފަހަރު. އެކަމަކު އެ ތަށި އެފަހަރު ލިބުނީ އަޅުގަނޑަށް،" ޒަލީފް ކިޔައިދިނެވެ.

އެއަށް ފަހު ޖެހިގެން އައި އަހަރު، 2003 އަދި 2004 ވަނަ އަހަރު ވެސް މުބާރާތުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ ތަށި އުފުލާލީ ޒަލީފެވެ.

އެ ހިސާބުން ދެން އޭނާ ގެއްލުނީ އެވެ. އެއަށް ފަހު އެ ފެންވަރުގެ ބޮޑު ސްޓޭޖަކުން ނުފެނި ހުރެފައި އޭނާ މި ވަނީ އަނެއްކާވެސް އަލުން ސްޓޭޖަށް އަރައި މުޅި ރާއްޖޭގެ ސަމާލުކަން ދަމައިގަނެފަ އެވެ.

އައިޑޮލްގައި ބައިވެރިވީ އެންމެނަށް ފިލައިގެން!

"މަންމަމެން ބައްޕަމެންނަށް ނާންގައި ރައްޓެއްސެއްގެ ފޯނުން މޯލްޑިވިއަން އައިޑޮލް އަށް ރަޖިސްޓްރީކުރީ ވެސް. ދެން އޮޑިޝަނަށް ދިޔައީ ވެސް އެކަނި. އަޅުގަނޑު އެކަނިކަން ނޭނގެ ހުންނާނީ ވެސް އެތަނަށް އެގޮތަށް އެކަނި ގޮސް ހޮވިފައި ހުރި މީހަކަށް ވެސް،" ޒަލީފް ބުންޏެވެ.

އޭނާ ބުނީ ކިޔެވުމަށް ދޭ ވަގުތުގެ ބޮޑުކަމުން ލަވަކިޔުން ކަހަލަ ކަމެއް ވެފައި އޮންނަނީ ހޮބީއަކަށް ކޮށްލާ ވަރުގެ ކަމަކަށެވެ. އެކަމަކު ކަމެއް ކުރަން ހިފައިފި ނަމަ ކޮންމެ ބަޔަކު އެކަމަށް ދެކޮޅު ހެދިޔަސް އަދި ހުރަސްތަކެއް ކުރިމަތިކުރިޔަސް އެކަމެއް އޭނާ ކުރާނެ ކަމަށް ބުންޏެވެ.

"ދަނގެތީގައި ބޭއްވި ތިއޭޓާ ރައުންޑަށް ވެސް ދިޔައީ ފިލައިގެން. ފަތިސް ނަމާދަށޭ ކިޔާފައި ނުކުތީ،" ޒަލީފް ބުންޏެވެ.

"އަޅުގަނޑަކީ ބޭނުންވާ ނުވަތަ ހިތަށް އަރާ ކޮންމެ ކަމެއް ވެސް ކޮށްގެން އެކަމެއް ހާސިލުކުރާ މީހެއް. ހިތަށް އެރި ހުރިހާ ކަމެއް ވެސް މިހާތަނަށް ހުންނާނީ ކޮށްފައި. އެ ހެޔޮ ފިލައިގެން ވިޔަސް. މިސްޓަ މޯލްޑިވިސް އަށް ވެސް އެރީ ވެސް (މަންމަ އާއި ބައްޕަ އަށް ނާންގައި) ފިލައިގެން."

އެ މުބާރާތުގައި 2014 ވަނަ އަހަރު ފިޒިކް ކެޓަގަރީގައި ވާދަކޮށް އޭނާ ވަނީ ދެ ވަނަ ހާސިލުކޮށްފަ އެވެ.

"ޖިމަށް ދާން ފެށީ އަޅުގަނޑުގެ ރައްޓެހި ކުއްޖަކު ހިއްކަން ވެގެން. އޭނަ އޭރު ވަރަށް ފަލަވާނެ. އަޅުގަނޑުގެ ގައިގައި އޭރު މި އިސްކޮޅުގައި ހުންނާނީ 40 ކިލޯ. ހަމަ ނެރު ބޮތްކެއްހެން ހުންނާނީ،" ޒަލީފް ކިޔައިދިނެވެ.

"އެކުވެރިޔާ ހިއްކަން ނުކުތް ނަމަވެސް ދެ ތިން ދުވަސް ފަހުން އޭނަ ހުއްޓާލައިފި. ކަންނެތްކަމުން. ދެން ބައެއް ކުދިންގެ މޯޓިވޭޝަން ވެސް ދަށްވާނެތާ. އެކަމަކު ވެސް އަޅުގަނޑު ޖިމް ޕޭމަންޓް ވެސް ހެދިފައި ހުރީމަ ހުއްޓާނުލައި ނުކުތީ. ދެން އެތަނުގައި އުޅެގެން މަސައްކަތްކުރާ ކަމަށް ފާހަގަކުރެވިގެން އިންސްޓްރަކްޓަރަކު އައިސް އަޅުގަނޑު ކައިރީގައި ބުނީ ބައިވެރިވާންވީ ނޫންހެއްޔޭ ފިޒިކް ކެޓަގަރީގައި."

"އޭރު އޮތީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް މުބާރާތަށް. އަޅުގަނޑު ޖިމް ޖައްސާތާ އޭރު ހަތް މަސް. އޭރު އަޅުގަނޑުގެ ބަރުދަން ވަނީ 40 ކޭޖީ އިން ފަށައިގެން 75 ކޭޖީ އަށް އަރުވާފަ އިތުރަށް ކަޓްކޮށްފަ 70 ގައި ހުރެގެން މިސްޓަ މޯލްޑިވްސް އަށް އެރީ. އެއީ ދުވާލަކު ތިންގަޑިއިރު ޖިމް ޖައްސައިގެން ދުވާލަކު ނުވަ ފަހަރު ކައެގެން."

ތަލަވެގެން ހާސިލުނުވި ކަމެއް ނެތް!

ޒަލީފުގެ ބޮލުގައި އިސްތަށްޓެއް ނެތް ވާހަކަ އޭނާގެ މި މޯލްޑިވިއަން އައިޑޮލްގެ ދަތުރެއްގައި ނުހިލި އޮތް ނަމަވެސް މިދިޔަ ހަފުތާގައި މޯލްޑިވިއަން އައިޑޮލްގެ ރަސްމީ ޓްވިޓާ ހެންޑްލް އިން އޮޅުންބޮޅުންގަނޑެއްގެ ތެރެއިން ކުރެވުނު ޓްވީޓަކާ އެކު ޒަލީފްގެ ތަލަ އަށް މި ވަނީ ކުރިން ނުލިބޭ ވަރުގެ ސަމާލުކަމެއް ލިބިފަ އެވެ.

އެހެން ނަމަވެސް ތަލަވުމަކުން ޒަލީފްކުރާ ހިތާމައެއް ނެތެވެ. އަދި އޭނާ ބުނަނީ ތަލަކޮށް ހުރުމަކުން ހާސިލުނުވި ކަމެއް ވެސް ނެތް ކަމަށެވެ. އެއީ ތެދެކެވެ. ޒަލީފަކީ އޭނާ ކުރަން ހިފާލި ހުރިހާ ކަމެއްގައި ވެސް މިހާތަނަށް ކާމިޔާބު ހޯދާފައިވާ ނިކަން ހިތްވަރުގަދަ އަދި އަޒުމް ވަރުގަދަ ޒުވާނެކެވެ.

"މިހާތަނަށް ގިނަ ވާނީ ބޮލުގައި އިސްތަށި ނެތި ހާސިލުކުރެވިފައި ހުރި ކަންތައްތައް. އެއީ މިސާލަކަށް، މީހަކާ ރައްޓެހިވުންތާ ބޮޑު އިޝޫއަކަށް ވާނީ މި އުމުރުގައި ބޮލުގައި އިސްތަށްޓެއް ނެތީމަ. އެކަމަކު އަޅުގަނޑު ބޭނުންވި އެންމެނާ ރައްޓެހިވެފަ ހުންނާނީ،" ނިކަން ބޮޑު ހިނިގަނޑެއްގެ ތެރެއަށް ބިންދައިގެން ގޮސް ޒަލީފް ބުންޏެވެ.

"ބޯ ތަލަކޮށް ހުރެފައި ބޮޑީ ބިލްޑްކޮށްގެން ބިޔަވެފައި ތިބޭ މީހުން މީހުންނަށް ވަރަށް ކަމުދޭ ދޯ. އެހެންވީމަ ބޮޑީބިލްޑްކުރަން ފެށި ހިސާބުން ތަލަވުން ނުވި މައްސަލައަކަށް. އެކަމަކު އަޅުގަނޑު އެއްވެސް ކުރަނީ ކޮންމެހެން ތިއްތި ދައްކާކަށެއް ވެސް ނޫން."

"ބޮލުން އިސްތަށި ފައިބައިގެން ދިޔައީ ބޮޑީ ބިލްޑްކުރަން ފަށައިގެން ސަޕްލިމެންޓްސް ނަގަން ފެށި ފަހުން. ވާގޮތަކީ ހޯމޯންސް އަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ. މިއީ ކީ ދެރަވާ ކަމެއް ނޫން."

އޭނާ ބުނީ މީހުން ކިޔާ ނެގެޓިވް އެއްޗެއްސަށް ސަމާލުކަން ދޭން ފަށައިފި ނަމަ އެއިން ދުވަހަކު ވެސް މީހާ ސަލާމަތްނުވާނެ ކަމަށެވެ.

"ނެގެޓިވް ކަންކަމާ މެދު ވިސްނަން ފައިށިފިއްޔާމު ނެގެޓިވް ކަންތައް އަންނާނީ ފުލުފުލުން. މިސާލަކަށް (އަޅުގަނޑު ތަލައޭ) ކިޔާފައި އެ ކުރި ޓްވީޓްގެ މައްސަލާގައި އަޅުގަނޑު ނެގެޓިވް ގޮތަކަށް ރިއެޓްކުރި ނަމަ މިހާތަނަށް ކުރި ހުރިހާ ރަނގަޅު އެއްވެސް ކަމެއްގެ މަތިން ބަޔަކު ހަނދާނެއް ނުހުންނާނެ،" ޒަލީފް ބުންޏެވެ.

ޒަލީފަކީ ބަޔަކު މީހުން ދިމާކޮށްގެން ނުވަތަ ފާޑެއް ކިޔައިގެން ގުޑުމެއް އަރާ ވަރަށް ވުރެ ވަރުގަދަކޮށް ހުރި ޒުވާނެކެވެ. އޭނާގެ ވާހަކަ އިންނާއި ސިފައިން ވެސް އެކަން ކަށަވަރުކޮށްދެ އެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި ފޭމް ބޭނުންވެގެން ކަންކަން ކުރާ މީހެއް ނޫން. އެއީ ފަހަތުން އަންނަ އެއްޗެއް ދޯ. ބައެއް މީހުން މަގު ކައްސާލަނީ ފޭމް ލިބުނީމަ. އެކަމަކު އަޅުގަނޑު މިހާރު ވެސް އުޅެނީ މަގުމަތީގައި ހިނގާލާފައި. މީހަކު ގޮވާލައިފި ނަމަ ވާހަކަ ދައްކާލާފައި ދަނީ،" ޒަލީފް ބުންޏެވެ.

"ކުރިން ވެސް މަޝްހޫރުވެފައި ހުރީ. އިންޓަވިއު ދޭން ނާރާ ޕްރޮގްރާމެއް ވެސް މަދުވާނެ. އެކަމަކު ބޮޑާ ކިބުރުވެރިވެގެން އުޅޭ މީހެއް ނޫން އަޅުގަނޑަކީ. ޑައުން ޓު އާތު ވާންވާނެ. ދެން އަޅުގަނޑަކީ ބުނަން ޖެހޭ އެއްޗެއް ދިމާލަށް ބުނާނެ މީހެއް. ވަރަށް ގޮތްދޫނުކުރާ ކުރަން ޖެހޭ ކަމެއް ކުރާނެ މީހެއް. މީހުން ކިޔާ އެއްޗަކަށް ވިސްނާނެ މީހެއް ނޫން."

އޭނާ މިހާރު އިންތިޒާރުކުރަމުން ދަނީ މޯލްޑިވިއަން އައިޑޮލް އަށް ފަހު މޮޑެލް ކުރުމުގެ ދާއިރާ އަށް ނުކުމެވޭނެ އިރަކަށެވެ.

"މޯލްޑިވިއަން އައިޑޮލް ނިމޭ އިރަށް އަނެއްކާވެސް ޖިމް ޖައްސައި ވަރުގަދަވެލަން ބޭނުންވޭ. އެއީ މޮޑެލް ކުރުމުގެ ގިނަ ފުރުސަތުތަކެއް އެބަހުރި ލިބިފައި. އެ ދާއިރާ މިހާރު ފާޑަކަށް ފެށިފައި އެހުރީ. އެކަމަކު އައިޑޮލްގައި ކުރިއަށްދާތީ ވަގުތެއް ނުދެވޭ އަސްލު ބޭނުންވާ ވަރަކަށް."

ބަލިވެއްޖެ ނަމަ ޑައިޖެސްޓްކޮށްލާނީ!

ޒަލީފް ބުނަނީ މިހެންނެވެ. އެކަމަކު އޭނާ އަކީ މިހާތަނަށް އޭނާ ކުރަން ހިފި މިފަދަ ކަމަކުން ނާކާމިޔާބުވެފައިވާ ނަމެއް ނޫނެވެ. ޒަލީފްގެ އަނެއް މާނައަކަށް ހިތްވަރުގަދަ ނުވަތަ ކާމިޔާބުއޭ ކިޔަން މަޖުބޫރުވަނީ ވެސް މި ސަބަބާ ހެދި އެވެ.

"މަސައްކަތްކުރާ މީހަކަށް މީތި ލިބުން ހައްގުވާނީ. މަސައްކަތްކުރާ މީހުން އެބަތިބި. ހުނަރުހުރި މީހުން ވެސް އެބަތިބި. އެކަމަކު އަޅުގަނޑު އަބަދުވެސް ތާއީދުކުރާނީ ބުރަކޮށް މަސައްކަތްކުރާ މީހާ އަށް. ޓެލެންޓެއް ހުރެފައި އޭތި އިތުރަށް މުއްސަނދިކުރަން ނޫޅޭ ނަމަ ނުވާނެ އެއްޗަކަށް. އެހިސާބުން ކާމިޔާބު ލިބުން މާ ހައްގުވާނެ މަސައްކަތްކުރާ މީހާ އަށް،" ޒަލީފް ބުންޏެވެ.

"ރުއިމަކީ އަޅުގަނޑަށް ކުރަން ވަރަށް އުނދަގޫ ކަމެއް. އެކަހަލަ ހާލަތެއް ދިމާވެއްޖެ އަޅުގަނޑު ހަދާ ގޮތަކީ އެ ހުރިހާ ދެރައެއް ޑައިޖެސްޓްކުރަނީ. ބައެއް މީހުން ރޯވެ. ބައެއް މީހުން ޑައިޖެސްޓްކޮށްލާނީ. ބައެއް މީހުން ތިބޭނީ ކުރާނެ ކަމެއް ނޭނގިފައި."

"ކުރާ ހިތުން ކުރި ހުރިހާ ކަމެއް ވެސް މިހާތަނަށް އަޅުގަނޑު ހުންނާނީ ކާމިޔާބުކޮށްފައި. އަޅުގަނޑު ބުނާނީ މަސައްކަތްކޮށްފިއްޔާމު ކާމިޔާބު ލިބޭނެއޭ. ހާސިލުނުވާނެ، ނުކުރެވޭނެ ކަމެއް ނުހުންނާނެއޭ."


އެޑިޓަރުގެ ނޯޓް: މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑަށް ހޮވިފައިވާ ހުރިހާ ބައިވެރިންގެ ވާހަކަ އަވަސް ގައި މިގޮތަށް ފީޗާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަވަސް އަކީ މޯލްޑިވިއަން އައިޑޮލްގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.