ރާއްޖެ ކުޅިވަރު

މެޗަކުން ބަލިނުވެ މާޒިޔާ ފައިނަލަށް

ޕީޕަލްސް ކަޕްގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންްޑް ރެކްރިއޭޝަނާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، މާޒިޔާ އަށް މުބާރާތުގެ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

މާޒިިޔާގެ ފައިނަލް އިން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެެވެ. މާޒިޔާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރުގެ ލަޔަންސް އަތުން މޮޅުވެ، ދެވަނަ މެޗުގައި މެލޭޝިއާގެ ޕީޑީއާރްއެމްއާ އެއްވަރުކޮށްފަ އެވެ.

ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ޕީޑީއާރްއެމް އާއި ލަޔަންސް ބައްދަލުކުރާ މެޗުންނެވެ. މި މެޗު އެއްވަރުވެއްޖެ ނަމަ ފައިނަލްގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ޕީޑީއާރްއެމް އެވެ. ލަޔަންސް އަށް ފައިނަލްގެ ޖާގައެއް އޮތީ ޕީޑީއާރްއެމް ބަލިކޮށްގެނެވެ.

މެޗުގެ ހަތް ވަނަ މިނިޓުަގައި ފުރަތަމަ ހަމަލާ ފޮނުވާލީ ނިއު އިންނެވެ. ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ނިއުގެ ބްރެޒިލް ފޯވަޑް ރަފީނިއާ ގޯލަށް ފޮނުވާލި ނަމަވެސް، މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

މެޗުގެ 15 ވަނަ މިނިޓުގައި މާޒިޔާ އަށް ލިބުނު ހިލޭޖެހުމަކުން މާޒިޔާގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ފޮނުވާލި ޝޮޓް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އަދި މެޗުގެ 23 ވަނަ މިނިޓުގައި ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެެއިން މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) ފޮނުވާލި ބާރު ޝޮޓް ދިޔައީ ބޭރަށެވެ.

މި މުބާރާތުގައި ތިން ލަނޑު ޖަހާފައިވާ މާޒިޔާގެ ސްޕެއިން ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް މެޗުގެ 31 ވަނަ މިނިޓުގައި ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއްނުވި އެވެ.

މެޗުގެ 54 ވަނަ މިނިޓުގައި ޕަބްލޯ ވަނީ މާޒިޔާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. ސަމްދޫހު މުހައްމަދު ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޕަބްލޯ ބޮލުން ފޮނުވާލި ނަމަވެސް، ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ދެވަނަ ފަހަރަށް މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ބޮލުން ގޯލަށް ބޯޅަ ފޮނުވާލުމުން ނިއުގެ ގޯލްކީޕަރު ޕެޑްރޯ މަރެންކޯ ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ.

މެޗުގެ 87 ވަނަ މިނިޓުގައި އެސިސްޓަންޓް ރެފްރީއަކާ ދިމާލަށް ބުނި އެއްޗަކާ ގުޅިގެން، ނިއުގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.