ހަބަރު

އެމްއެންޑީއެފް އިން ތެޔޮ ބައުޒަރުތައް ބަލައި ފާސް ކުރަން ފަށައިފި

ތެލުގެ ބާވައްތްތައް ގެންގުޅެނީ ގަވައިދާ އެއްގޮތައްތޯ ބެލުމަށް އެމްއެންޑީއެފް އިން މާލޭގައި ބޭނުންކުރާ ތެޔޮ ބައުޒަރުތައް ބަލައި ފާސްކުރަން ފަށައިފި އެވެ. އެމްއެންޑީއެފްއިން މި މަސައްކަތް ފަށާފައިވަނީ މިއަދު އެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބަލާފާސްކުުރުމަކީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއާއި، ފުލުހުންގެ އިތުރުން ޓްރާންސްޕޯރޓް އޮތޯރިޓީ ގުޅިގެން ކުރިޔަށް ގެންދާ ކަމެކެވެ.

އެމްއެންޑީއެފް އިން ބުނީ ތެލުގެ ބާވަތްތައް ގެންގުޅި، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދުގައިވާ މިންގަނޑުތަކަށް މާލޭގައި ބޭނުންކުރާ ތެޔޮ ބައުޒަރުތައް ހުރިތޯ ބެލުމަށް ބަލައި ފާސް ކުރަން ފަށާފައިވާ ކަމަށާއި މިއަދު ކަޅުތުއްކަލާކޮށީ ދެކުނު ފަރާތުގައި ހުރި ގިނަ އަދަދެއްގެ ތެޔޮ ބައުޒަރުތައް ބަލާފާސްކުރުމަށްފަހު އެ އުޅަނދުފަހަރުތަކުގައި ދެ ކުލައެއްގެ ސްޓިކާ ޖަހާފައިވާ ކަމަށެވެ.

އެގޮތުން ގަވާއިދުގައިވާ މިންގަނޑުތަކަށް އުޅަނދު ފެތޭނަމަ، އެއް އަހަރު ދުވަހުގެ މުއްދަތަށް އަޅި ކުލައިގެ ސްޓިކާއެއް ޖަހައިދެވޭއިރު، ތެޔޮ އުފުލާ އުޅަނދުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރިނަމަ، ރަތް ކުލައިގެ ސްޓިކާއެއް ހަ މަސް ދުވަހުގެ މުއްދަތަށް ޖަހައިދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.