- މާފުށީގައި މިހާރު 700 އެނދު އެބަހުރި
- ގާތްގަނޑަކަށް 40 ގެސްޓް ހައުސް ހުރޭ
- މި އަހަރުގެ ނިޔަލަށް ހާހަކަށް އަރާނެ
ގެސްޓް ހައުސްތަކުން މާފުއްޓަށް އާމްދަނީގެ ގޮތުގައި މަހަކު ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ދައުރުކުރާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ބޭންކް އޮފް މޯލްޑިވްސް ކ. މާފުށީ ބްރާންޗް ހުޅުވުމާ ގުޅިގެން ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ވިދާޅުވީ އެ ރަށުގައި 700 ވަރަކަށް އެނދު ހުރިއިރު، މި އަހަރުގެ ނިޔަލަށް އެނދުގެ އަދަދު 1200 އަށް އިތުރުވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި މާފުށީގައި މަހަކު އެއް މިލިއަން ޑޮލަރު ދައުރުކުރޭ. ކުރިއަށް އޮތްތަނުގައި ވެސް އިތުރު ވެގެންދާނެ،" މުސްތަފާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ގިނަ ގެސްޓް ހައުސް ހުރި ރަށްކަމަށްވާ ކ. މާފުށީގައި ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ވަނީ ބްރޭންޗެއް ހުޅުވާފަ އެވެ. މިރަށުގައި މިހާރު 40 އަށްވުރެ ގިނަ ގެސްޓް ހައުސް ހުރެ އެވެ. މިހާރުވެސް އިތުރު ގެސްޓް ހައުސްތަކެއް ދަނީ ހަދަމުންނެވެ.
ކައުންސިލްގެ ރައީސް މުސްތަފާ ވިދާޅުވީ ބޭންކްގެ ގޮތްޕެއް މާފުށީގައި ހުޅުވުމަކީ އެ ރަށަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މާފުއްޓަށް ލިބިގެންދިޔަ ކުރިއެރުމެއް މިއީ. މާފުށީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް މިއީ،" މުސްތަފާ ވިދާޅުވި އެވެ.