ފިނިޕޭޖް

ނަބްއަތު ބުނަނީ ފާޑުކިޔައިގެން އޭނާ ނުހުއްޓުވޭނެ ކަމަށް!

މިއީ އެ ލަވަކިޔުންތެރިޔަކު ގަދަ 12 އަށް ހޮވުމުން ބެލުންތެރިންގެ މޫނުކުނިކޮށް ކޮންމެވެސް ވަރަކަށް ފާޑުކިޔުން އަމާޒުވި ލަވަކިޔުންތެރިއެކެވެ. އެކަމަކު ފާތުމަތު ނަބްއަތު ބުނާ ގޮތުން ނަމަ އެ ފާޑުކިޔުންތަކުގައި ހަގީގަތެއް ނުވަތަ އަސްލެއް ނެތެވެ.

"އެއީ އަޅުގަނޑަށް އެނގޭ އަޅުގަނޑަށް ރަނގަޅަށް ލަވަކިޔޭކަން،" ނިކަން އިތުބާރާ އެކު ވާހަކަ ދައްކަމުން 19 އަހަރުގެ ނަބްއަތު ބުންޏެވެ.

"އެކަމަކު މިހާރު ވެސް އަޅުގަނޑު ޓޮޕް 12 އަށް ދިޔައީމަ މީހުން ސޯޝަލް މީޑިއާގައި ވެސް ފާޑުކިޔާފައި އެބަހުރި. އަޅުގަނޑު މިއީ މިހިސާބަށް ދާން ޖެހޭ މީހެއް ނޫނޭ ވެސް ބުނެފައި އެބަހުރި"

"އަޅުގަނޑު ބުނެލަން ބޭނުންވަނީ ފާޑުކިޔައިގެން އަޅުގަނޑެއް ނުހުއްޓުވޭނެއޭ. ދެރަވޭ އެހެން ކިޔާތީ. އެކަމަކު އިޓް ކާންޓް ސްޓޮޕް މީ. ތިބޭނެ ފާޑުފާޑު ގޮތްގޮތަށް ފާޑުކިޔާ މީހުން. އެކަމަކު އެއީ އެމީހުންގެ ހިޔާލު. އެމީހުންގެ ހިޔާލު މެޓާސް. އެކަމަކު އައި ޓޭކް ވެލިޑް ވަންސް."

ނަބްއަތު ބުނީ މިހެންނެވެ. މިހެން ވާހަކަ ދެއްކި ނަމަވެސް އޭނާ ބުނީ މުބާރާތުން ވަކިވާން ޖެހޭ ކަމަށް ޖަޖުން ނިންމައިފި ނަމަ އެފަދަ ނިންމުމަކަށް ހިތުގެ އެންމެ ފުންމިނުން އިހްތިރާމްކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ ސިންގިން ސަކަރާތްވެގެން ޖަޖުންގެ ނިންމުމަކުން އަޅުގަނޑު ދާން ޖެހިއްޖެ ނަމަ އަޅުގަނޑަކަށް މައްސަލައެއް ނެތް. ގަބޫލުކުރާނަން އެކަން. އަނެއްކޮޅުން ބެލުންތެރިންގެ ވޯޓުން ވެސް ނަތީޖާ ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރަން،" ނަބްއަތު ބުންޏެވެ.

ފާހަގަކޮށްލަން ޖެހެނީ މޯލްޑިވިއަން އައިޑޮލް މިހައި ހިސާބަށް އައިއިރު ނަބްއަތު އަކީ ޝޯގައި ވާދަކުރާ މަދު އަންހެން ބައިވެރިންގެ ތެރެއިން އެކަކު ކަމެވެ. އޭނާއާ އެކު ގާލާ ރައުންޑުން ދެން ފުރުސަތު ލިބިފައިވާ އަނެއް ދެ އަންހެން ލަވަކިޔުންތެރިންނަކީ ލައިޝާ ޖުނައިދު އާއި ފާތިމަތު އަޒްލީމާ އެވެ.

ނަބްއަތު ބުނަނީ ޝޯގެ މިހާ ހިސާބުން ކަޓައިގެން ދާން ޖެހިގެން ނުރޮވުނަސް އެލިމިނޭޝަންގެ ރާގު ޝޯގެ ތެރެއިން އިވުމަކީ އެންމެ ބިރުގަންނަ އެއް ކަންތައް ކަމަށެވެ. އަދި ޕިއާނޯ ރައުންޑްގެ އެލިމިނޭޝަން ބުރުގައި ޝޯގެ ފެވަރިޓެއް ކަމަށްވާ މުހައްމަދު އިޝާންއާ އެކު ނަތީޖާ ބުރުގައި ލައްވާލުމަކީ މޭގަނޑު އަނގަޔަށް އައުން ފަދަ ކަމެއް ކަމަށެވެ.

"އެތަނުގައި އިންއިރު އަޅުގަނޑު ހީކުރީ އެލިމިނޭޝަން ރައުންޑުގައި ލައްވާލާނީ ސާނިހް (އަލީ) އާ އެކުގައި ކަމަށް. ދެން އަޅުގަނޑު ސާނިހް ކައިރީގައި ބުނިން އިޝާންއާ އެކު ނުގެންގޮސްފިއްޔާމު ވަރަށް ރަނގަޅޭ. ބޭނުމެއް ނޫނޭ އިޝާންއަކާ އެކު ދާކަށް. އެކަމަކު އެގަޑީގައި ޕްރެޒެންޓަރު ގޮވާލައިފި ނަބްއަތު އާއި އިޝާން އަށް،" ހިނިގަނޑެއް ޖަހާލާފައި ނަބްއަތު ކިޔައިދިނެވެ.

"އެހިސާބުން ދެން އަޅުގަނޑު ހީކުރީ އަޅުގަނޑު ކަޓައިގެން ދަނީއޭ. ސަބަބަކީ އަޅުގަނޑަށް އެނގޭ އިޝާންގެ އެބަތިބި ވަރަށް ބައިވަރު އަންހެން ފޭނުން ވެސް. އެހެންވީމަ އަޅުގަނޑު ހީކުރީ އިޝާން އަށް ވަރަށް ގިނަ ވޯޓްކުރާނެ ކަމަށް. އެ ބިރު ހުރި."

އެކަމަކު ކަން ދިމާކުރި ގޮތުން އެ ބުރުގައި ނަބްއަތު ސަލާމަތްވިއިރު ޑޭންޖާ ޒޯނަށް ވެއްޓުނީ އިޝާން އެވެ. ފަހަރެއްގައި ނަބްއަތުގެ ކޮންފިޑެންސް ޝޯގެ މިހިސާބުގައި އިތުރަށް ވަރުގަދަވެގެން ގޮސްފައި ވަނީ ވެސް މި ސަބަބާ ހެދި އެވެ.

"ލަވަކިޔުނު ގޮތާ މެދު ނުވަތަ ޖަޖުން ނިންމާނެ ގޮތަކާ މެދު ސުވާލެއް ނެތް. އެއީ އަޅުގަނޑަށް އެނގޭ އަޅުގަނޑު ރަނގަޅަށް ލަވަކީކަން،" ނަބްއަތު ބުނީ މިހެންނެވެ.

ހަގީގަތުގައި ނަބްއަތު އަކީ މި ޝޯ އިން ކަޓުވާލާ ވަރަށް ވުރެ "ސްވީޓް" ކުއްޖެކެވެ. ވަރަށް ވެސް އިނޮސެންޓް ކެރެކްޓާއެކެވެ. އަދި ފެންނަ ފެނުމަށް ޝޯ އިން ކަޓައިފި ނަމަ ނިކަން ފުން ހިތާމައެއްގެ ތެރެއަށް ވެސް ގަނބައިގެން ގޮސްފާނެ ކުއްޖެކެވެ. އެކަމަކު އޭނާ ބުނީ މިހެންނެވެ.

"އެއްޗެކޭ ކިޔާލައިގެން ނުއެއް ރޮވޭނެ. އެކަމަކު އެލިމިނޭޝަންގެ ރާގުގަނޑު އަޑުއިވިންގެން ވެސް ރޮވޭ މީހަކު ރޮވިދާނެ. އެހާ ވެސް ބިރުވެރި ރާގުގަނޑެއް. އެ ގަޑީގައި ފިރިހެނަކަށް ވެސް ރޮވިދާނެ. ކަޓައިފިއްޔާ ދެރަވާނެ،" ނަބްއަތު ބުންޏެވެ.

ނަބްއަތު އަކީ އިސްކަންދަރު ސްކޫލްގައި ކިޔެވިއިރު އިންޓަ ސްކޫލް ކުދިންގެ ލަވަމުބާރާތުގައި ވެސް ވާދަކުރި ކުއްޖެކެވެ. އެކަމަކު ނަބްއަތު އޭނާ ސިފަކުރަނީ އެވްރެޖު ސްޓޫޑެންޓެއްގެ ގޮތުގަ އެވެ. ލަވަކިޔުމުގެ ޝައުގުވެރިކަމެއް އެންމެ ކުޑައިރުއްސުރެން ފެށިގެން އޭނާގެ ކިބައިގައި އަށަގެންފައި ހުރި ނަމަވެސް މިހާތަނަށް އޭނާގެ އެ ހުނަރު ފާހަގަކުރެވިފައި ނެތީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ.

ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ވާދަކޮށް އޭނާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ވާދަކުރި އުމުރުފުރައިން ގަދަ ފަހެއްގައި ލައްވައިލުމެވެ. ނަބްއަތު ބުނީ އެގޮތަށް އޭރު ލަވަކިޔަސް އޭނާ އަކީ ކުރިން ވެސް އަދި މިހާރު ވެސް މީހުން ތިބޭ ތަނެއްގައި އެހާ ލަވަކިޔަން ބޭނުންވާ ކުއްޖެއް ނޫނެވެ.

"ކުޑައިރު ވަރަށް ގިނައިން ލަވަކިޔަން. އެކަމަކު މީހުންގެ ކުރިމަތީގައި ލަވަކިޔަން ލަދުގަނޭ. ގޭތެރޭގައި އުޅޭއިރު ވެސް މީހުން ތިބޭ ތަނެއްގައި ލަވައެއް ނުކިޔަން. އެކަމަކު އެކަނި ތަނެއްގައި އިންނައިރު ކޮންމެވެސް ލަވައެއް ކިޔާލަކިޔާލަ އިނދެވޭނީ. އެގޮތަށް އެންމެ އާންމުކޮށް ކިޔާލެވޭ ލަވައަކަށް ވާނެ ތީއެ މަގޭ. ދެން ކަލާ ކަލާ،" ލަވައިގެ ތަންކޮޅެއް ހިތްގައިމު ގޮތަކަށް ކިޔައިދެމުން ނަބްއަތު ބުންޏެވެ.

ލަވަކިޔުމަކީ އޭނާގެ ހޮބީ އެކެވެ. ހުވަފެނަކީ ސައިކޮލޮޖީގެ ދާއިރާ އިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމެވެ. މިހާރު ކިޔަވަނީ ވެސް ސައިކޮލޮޖީ އެވެ.

"ސައިކޮލޮޖީގެ ދާއިރާ އިން ބޭނުން ވަނީ ކުރިއަށް ދާން. ސައިކެޓްރިސްޓަކަށް ވެސް ވެވޭނެ. ސައިކޮލޮޖިސްޓަކަށް ވެސް ވެވޭވެ. އަދި ޑިސައިޑެއް ނުކުރަން އެކަމަކު. އަސްލު ވާން ބޭނުންވީ މެރިން ބައިޔޮލޮޖިސްޓަކަށް. އެކަމަކު ސައިކޮލޮޖީ ކިޔަވަން ފެށީމަ މާ ބޮޑަށް އެއަށް ޝައުގުވެރިވީ،" އާއިލީ ގޮތުން ގދ. ތިނަދޫ އަށް ނިސްބަތް ވިޔަސް މާލޭގައި އުޅެބޮޑުވި ނަބްއަތު ބުންޏެވެ.

"ލަވަކިޔުމަކީ ހޮބީއެއް އެންމެ ކުޑައިރުން ފެށިގެން ވެސް. އެންމެފަހުން ކާމިޔާބުވެއްޖެ ނަމަ ވަރަށް އުފާވާނެ. ކޭޝް ޕްރައިޒް ލިބިއްޖެ ނަމަ އައި ކޭން ސީން މައި ޑްރީމް ކަމް ޓްރޫ. ހެސްކިޔާފަ ކިޔަވާނީ އޭރުން."

ނަބްއަތު ބުނީ މޯލްޑިވިއަން އައިޑޮލް އަދި ރަނގަޅަށް ފެށެނީ ކަމަށާއި ކުރިއަށް އޮތް ގާލާ ރައުންޑްގައި ބަލި އެކަކު ވެސް ސްޓޭޖުމަތިން ނުފެންނާނެ ކަމަށެވެ.

"ޝޯ ހޭޒް ޖަސް ބިގޭން. މިހާރު މި ތިބަ ބައިވެރިން އެއްވެސް ވަރަކަށް ފަސޭހައެއް ނޫން. އެކަކު ވެސް ފަސޭހައެއް ނުކޮށްލެވޭނެ. މިވެނި މީހަކު އީޒީވާނެއެކޭ ވެސް ބުނެވޭކަށް ނެތް. އިޓްސް ގޮނަ ބީ އަ ޓަފް ކޮމްޕެޓިޝަން. ބަޓް އައިއެމް ރެޑީ ފޯ އިޓް. މިހާރު،" ނަބްއަތު ބުންޏެވެ.

"މިހާތަނަށް އައިއިރު ވަރަށް ގިނަ ކޮންސިކުއެންސް، ވަރަށް ގިނަ ޕްރޮބްލެމްސްތައް ފޭސްކޮށްފައި މިހުރީ. އެހެންވީމަ އަޅުގަނޑަށް އެނގޭ އަޅުގަނޑަށް މިކަން ކުރެވިދާނެކަން."