މަސްތުވާތަކެތި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ. އެ ކުއްޖާ ހައްޔަރުކުރީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ގިނަ އަދަދެއްގެ ސެލޯފިންކޮޅުތަކަކާއެކުގަ އެވެ.

މި މައްސަލާގައި އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ސްޓޭޝަން ހިންގި އޮޕަރޭޝަނެއްގައި މި ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

އެ ކުއްޖާއަށް ފުލުހުން ފެނުމާއެކު ފުލުހުންނަށް ފިލަން ވެލިދޫ ފަޅު ގޯއްޗަކަށް ވަންނަން މަސައްކަތްކުރަނިކޮށްއެ ކުއްޖާ ހައްޔަރުކޮށްފައިވަނީ އޭނާގެ ހަށިގަނޑާއި އެވަގުތު އޭނާ ހުރި ތަން ބަލައިފާސްކުރިއިރު އޭނާ އެވަގުތު ހުރިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 183 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ކުއްޖާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.