ވިޔަފާރި

ނާފިއުއަށް ދެ އީދު އެއްފަހާރާ: ބަނޑު ފުރެންދެން ޗޮކްލެޓް ކާންވީ!

Feb 24, 2016
  • ނާފިއު ޗޮކްލެޓް ގަތީ ވަޒީފާ ލިބުނީމަ ހަދިޔާ ދޭން
  • އޭނަ މަސައްކަތް ކުރަނީ އާސަންދަ އޮފީހުގައި
  • ޗޮކްލެޓް ވީކްގެ އިނާމު ލިބުނީ 300ރ. ގެ ޗޮކްލެޓުން

މީގެ މަހެއްހާ ދުވަސް ކުރިން އޭނާ އަށް އުފަލުން ރޮވުނެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވީ ނަމަވެސް އޭނާގެ އުންމީދުތައް އާވެގެނެވެ، ސަރުކާރުން ވަޒީފާއެއް ދިނީ އެވެ. މި އުފަލުގައި އޭނާ ބޭނުންވީ މުޅި އާއިލާ ބައިވެރި ކުރާށެވެ. އެހެންވެ ބައްޕައާއެކު އޭނާ ދިޔައީ އެސްޓީއޯ ސުޕަމާޓަށެވެ. އެ ތަނަށް ގޮސް ގަތީ ޗޮކްލެޓެވެ. މިއީ އެސްޓީއޯ ޗޮކްލެޓް ވީކްގެ އެއްވަނަ އިނާމަކަށް ދޭ 7،000ރ. ގެ ޗޮކްލެޓް ބޮނޑި ލިބުނު އަހުމަދު ނާފިއުގެ ވާހަކަ އެވެ.

"އޭނާ [އަހުމަދު ނާފިއު] އަށް އާސަންދަ އޮފީހުން ވަޒީފާ ލިބުނީމަ ބޭނުންވީ އާއިލާ އަށް ޗޮކްލެޓް ދޭން. އެހެންވެ ގޮސް ޗޮކްލެޓް ގަތީ އެސްޓީއޯ އިން،" އެސްޓީއޯ ޗޮކްލެޓް ވީކްގެ އެއްވަނައަށް ހުށަހެޅި 7،000ރ. ގެ ޗޮކްލެޓް ލިބުނު ނާފިއުގެ ބައްޕަ، މުހައްމަދު ނާޒިމް ބުންޏެވެ.

އެސްޓީއޯ އިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ "ޗޮކްލެޓް ވީކް" ގައި 200ރ. ގެ ވިޔަފާރިއެއް ކޮށްގެން ހާއްސަ އިނާމުތަކެއް ލިބެ އެވެ. އެގޮތުން ތިން އިނާމެއް ލިބޭނެ އެވެ. އެއްވަނަ އިނާމަކަށް ދެނީ 7،000ރ. ގެ ޗޮކްލެޓް ބޮނޑި އެކެވެ. މި ޗޮކްލެޓް ބޮނޑީގައި ލިންޓް ބައުންޓީ ޗޮކްލެޓާއި ކެޑްބަރީ އަދި ޓްވިކްސް ޗޮކްލެޓާއި ސްނިކާސް އަދި މާސްގެ އިތުރުން ބަލްސަން އާއި ގެލެކްސީގެ އިތުރުން ކިޓްކެޓް ޗޮކްލެޓާއި ޓޮބްލެރޯން އަދި ޖެމްސްގެ އިތުރުން ފެރޭރޯ ފަދަ އެތައް ޗޮކްލެޓެއް ހިމެނެ އެވެ.

ނާފިއުގެ ބައްޕަ ނާޒިމް ބުނީ އެސްޓީއޯ އިނާމު ލިބުނީ 300ރ. ގެ ޗޮކްލެޓް ގަނެގެން ކަމަށެވެ.

"އޭނާގެ އުފަލުގައި ހުރިހާ މީހުން ބައިވެރި ކުރަން ވެގެން މި ގަތީ ޗޮކްލެޓް. އެގޮތަށް ގޮސް މި ލިބުނީ،" މ. ދޮނަކުޅި، ނާޒިމް ބުންޏެވެ.

ނާޒިމް ބުނީ ދަރިފުޅަށް ލިބުނު މި ހަދިޔާ އާއިލާގެ މެންބަރުންނަށް ބަހާލާނެ ކަމަށެވެ.

"ކެޑްބެރީ ފަދަ ޗޮކްލެޓްތައް މިގަތީ. އޭނާ ބޭނުން ވެގެން އާއިލާ އަށް ބަހަން މި ޗޮކްލެޓްތައް މި ގަތީ. ކޭޝް ކާޑު ލިބުން ލަސްވެގެން ކާޑު ލިބުނު ދުވަހު މި ވިޔަފާރި ކުރީ،" ނާޒިމް ބުންޏެވެ.

"އާއިލާގައި ތިބެނީ ފަސް މެންބަރުން. އެކަމަކު މަންމަ އާއި ބައްޕަގެ އާއިލާ ސައިޑުގައި ތިބި މީހުންނަށް މި ބަހާލަން ވިސްނަނީ."

ނާޒިމް ބުނީ ސަރުކާރުން ހަމަޖައްސައިދިން މި ފުރުސަތުގެ ސަބަބުން މުޅި އާއިލާ ވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.

"މި ފުރުސަތު ހަމަޖައްސައި ދިނީ މެޑަމް ފާތުން. އެ ކަމަށް މުޅި އާއިލާ ވެސް ތިބީ ވަރަށް އުފަލުން. ހާއްސަކޮށް އޭނާ (ނާފިއު) ބޭނުންވެގެން ޗޮކްލެޓް ގަތީވެސް،" ނާޒިމް ބުންޏެވެ.

ކޮންމެއަކަށް ނާފިއު އަށް މި އޮތީ ޗޮކްލެޓް ބޮނޑިއެއް ލިބިފަ އެވެ. މި އުފަލުގައި އޭނާ ބޭނުން ވަނީ މުޅި އާއިލާ ބައިވެރި ކުރާށެވެ. ވަޒީފާ ލިބުމުގެ އުފަލުގައި ގަތް ޗޮކްލެޓުތަކުން މިއޮތީ ލައްކަ ގިނަ ޗޮކްލެޓް ލިބިފަ އެވެ. އޭނާ ހިތް ފުރެންދެން ޗޮކްލެޓް ކާންވީ އެވެ.