ހަބަރު

ގާނޫނު އަސާސީގެ ހިމާޔަތުގައި އެކުގައި މަސައްކަތްކުރަން ޖޭޕީ-އެމްޑީޕީ އެއްބަސްވެއްޖެ

ގާނޫނު އަސާސީގެ ހިމާޔަތުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ޕާޓީން މިރޭ އެއްބަސްވެއްޖެ އެވެ.

އެ ދެ ޕާޓީން އެގޮތަށް އެއްބަސްވީ ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން އިސްކޮށް އޮވެ، ފެށި މަޝްވަރާތަކުގެ ތެރެއިން މިރޭ މ. ކުނޫޒުގައި ބޭއްވި އޭގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ގާނޫނު އަސާސީއާ ޚިލާފަށް ހިނގަމުންދާ ކަންކަމާއި ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ކުރަމުންދާ ކަންކަން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން މަސައްކަތް ކުރުމަށް އެ ދެ ޕާޓީން މިރޭ އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަމުގައި އެހެން ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށާއި އެ ފަރާތްތަކާ ވެސް ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމާ ގުޅޭގޮތުން ކުރާނެ ވަކިވަކި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވެސް އިތުރު ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް އަމީން ވިދާޅުވި އެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ވަކި ދުވަހެއް އަމީން ވިދާޅެއް ނުވެއެވެ.

"މިރޭ މި ނިންމުމުގެ މަތިން ވަރަށް އަވަހަށް މީގެ ތަފްސީލު މަސައްކަތްތައް ކުރުމަށް ދެ ޕާޓީގެ ދޭތެރޭގައި އަދި އަޅުގަނޑުމެންނާ ގުޅޭ އެހެން ފަރާތްތަކާ އެކީގައި އިތުރު ބައްދަލުވުންތަކެއް ބާއްވައިގެން އިތުރު މަސައްކަތްތައް ކުރިއަށް ގެންދާނެ." އަމީން ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާ އެންމެ އިސްކޮށް ބައިވެރިވި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އެ މަސައްކަތުގައި ބައިވެރިވުމަކީ އެމްޑީޕީ އާއި ޖޭޕީގެ އިތުރުން އެހެން ޕާޓީތަކުގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި ރައްޔިތުންނާ މެދު ބޭނުން ގޮތެއް ހެދިޔަ ނުދިނުމަށް ކުރަންޖެހޭ ކޮންމެ ކަމެއް އެ ދެ ޕާޓީ ގުޅިގެން ކުރާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"ހަގީގަތުގައި މިކަމުގައި އިހްލާސްތެރިކަމާ އެކު އަދި ކާމިޔާބު ކުރެވޭ ނަތީޖާއެއް ވަރަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން." އަލީ ވަހީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ ހިމާޔަތުގައި ކުރާ މަސައްކަތުގައި ސިޔާސީ ޕާޓީތަކުގައި މެދުގައި ބާއްވާ މަޝްވަރާތަކުގައި އަދާލަތު ޕާޓީން ބައިވެރިވުމާ މެދު ގޮތެއް މިހާތަނަށް ގޮތެއް ނުނިންމަ އެވެ.