ގުޅިފަޅު

ގުޅިފަޅުން ފްލެޓު ގަތް މީހުނަށް ހުޅުމާލެއިން ފްލެޓު ދޭ ލިޔުންދީފި

ގުޅިފަޅުން ފްލެޓު ގަތް ފަރާތްތަކަށް ހުޅުމާލެއިން ފްލެޓު ދޭން ނިންމާފައިވާ ކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ފްލެޓު ނުލިބި މިހާތަނަށް ވެސް ފައިސާ ވެސް އަނބުރާ ނުލިބިފައިވާތީ، މިދިޔަ ހަފުތާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އެފަރާތްތަކަށް ހުޅުމާލެއިން ފްލެޓު ދިނުމަށް ނިންމާފަ އެވެ.

އެގޮތުން ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ގުޅީފަޅުން ފްލެޓު ގަތް ފަރާތްތަކަށް، ހުޅުމާލެއިން ފްލެޓް ދޭނެކަމުގެ ލިޔުން ރަސްމީކޮށް ހަވާލުކޮށްފަ އެވެ. އެގޮތުން ހައުސިން މިނިސްޓްރީ އިން ވަނީ 158 މީހަކަށް މިލިޔުން ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ ކުރީގެ ސަރުކާރުން ފްލެޓު އަޅަން ނިންމާފައިވީ ނަމަވެސް އެތަނަކީ މީހުން ދިރި އުޅުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަން އޭރުގެ މާހިރުންނާއި އަދި މިހާރު ވެސް އެންމެން ގަބޫލު ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ގުޅީފަޅުގައި މީހުން އާބާދު ކުރާނެ ކަމަށް ނިންމައި ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އެފަރާތްތަކަށް މިހާތަނަށް ވެސް ވަނީ ފްލެޓުވެސް ފައިސާ ވެސް އަނބުރާ ނުލިބިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ކަމުން ރައީސް ޔާމިން ނިންމަވާފައި މިވަނީ ދިވެހި ހުރިހާ ރައްޔިތުންނަކީ ވެސް ހަމަ ހަމަ ރައްޔިތުންކަމުގައިވާތީ ކޮންމެ ރައްޔިތަކަށް ވެސް އެރައްޔިތެއްގެ ހައްގުތައް ލިބެން ޖެހޭނެ ކަން. އެގޮތުން ގުޅީފަޅުން ފްލެޓު ލިބޭނެ ކަމަށް ހީކޮށްގެން ފައިސާ ދެއްކި ފަރާތްތަކަށް ވެސް އިންސާފު ހޯދައިދީ.، ދިރި އުޅެވޭނެ ތަނަކަށް އެމީހުންގެ ދިރި އުޅުން ބަދަލު ކުރުން،" މުއިއްޒު ވިދާޅުވި އެވެ.

ގުޅިފަޅުން ފްލެޓްގަތް ފަރާތްތަކުން، އޭރު އެރަށް ތަރައްގީކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ)އަށް 37 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މުއިއްޒު ވިދާޅުވީ، ގުޅި ފަޅުން ފްލެޓް ގަތް ފަރާތްތަކުގެ އަތުން ގެއްލުނު ފައިސާ ނުހިމެނޭ ގޮތަށް އެމީހުންނަށް ފްލެޓް ދޭން ސަރުކާރުން ނިންމި ނިންމުމަކީ މާލީ ގޮތުން ރައީސް ނެންގެވި ވަރަށް ބޮޑު ރިސްކެއް ކަމަށެވެ.

ގުޅިފަޅަކީ 2010 ވަނަ އަހަރު ޖީޑީޕީ ކުންފުންޏާއި ހަވާލުކޮށްގެން ހިއްކާގެން އެއަށް ފަހު މީހުން ދިރުއުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ނިންމެވި ތަނެކެވެ.