ފިނިޕޭޖް

މޯލްޑިވިއަން އައިޑޮލްގެ ޝައްމޫ: އަޑު ވެސް، ސިފަ ވެސް މާ ވައްތަރީ!

އޭނާގެ ނަމާއި އެޑްރެހުން އާކޮށްދެނީ ރާއްޖޭގެ ނިކަން މަޝްހޫރު ލިޔުންތެރިންތަކެއްގެ ހަނދާނެވެ. އެކަމަކު ގއ. ކޮލަމާފުށީ، ކެނެރީގޭ އަބްދުﷲ ސޯދިގު އެންމެ ކުޑައިރު ވެސް ވާން ބޭނުންވީ މޮޅު ލަވަކިޔުންތެރިޔަކަށެވެ. ކްލާހުގައި ކިޔަވައިދޭން އުޅުނު ޓީޗަރު އެކި ކުދިންގެ "އެމްބިޝަންތަކާ" ބެހޭ ގޮތުން ސުވާލުކުރަމުން ގޮސް އޭނާއާ އަރާ ހަމަކޮށް، ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށްތޯ ސުވާލުކޮށްލުމުން ސޯދިގު އެ ދުވަހު ވެސް ބުނީ އޭނާގެ ހުވަފެނަކީ ލަވަކިޔުންތެރިޔަކަށްވުން ކަމަށެވެ.

"އެއީ ގްރޭޑް ތިނެއްގައި އުޅެނިކޮށް. އެއް ދުވަހަކު ޓީޗަރަކު އައިސް ސުވާލު މި ކުރަނީ ކާކަށްހޭ ވާން ބޭނުންވަނީ ބޮޑުވެގެން. ދެން އެކި ކުދިން ދިޔައީ ތަފާތު އެކި ޖަވާބުތައް ދެމުން. ޑޮކްޓަރަކަށް ވާން ބޭނުންވެގެންނާއި ޕައިލެޓަކަށް ވާން ބޭނުންވާ ވާހަކަ. އެކަމަކު އަޅުގަނޑު ހަނދާންހުރޭ، އެ ދުވަހު ވެސް އަޅުގަނޑު ބުނީ ބޭނުންވަނީ ލަވަކިޔުންތެރިޔަކަށް ވާށޭ،" މާ ކުރީގެ ހަނދާނަކުން ފަށައިގެން ސޯދިގު ކިޔައިދިނެވެ.

"އަދި ކިރިޔާ އެ އުއްމީދު އަދި މި ހާސިލުވީ. އޭގެ ފަހުން މިއަދަށް މިއީ 21 އަހަރު."

ބޭނުންވަނީ ލަވަކިޔުންތެރިޔަކަށް ވާންށޭ ބުނުމުން ޓީޗަރު އެ ދުވަހު އޭނާ ލައްވައި ލަވައެއް ވެސް ކިޔުއްވި އެވެ. އެއަށް ފަހު އޭނާ ނަގައި ތަރިތަކުގެ ތެރެއަށް އެއްލައިލީ އެވެ.

"އަޅުގަނޑު ކީ ލަވަ އަކީ، އަލީ ރަމީޒު ކިޔާފައިވާ ލަވައެއް ކަމަށްވާ، ހުންނަންތަވީ އުމުރަށް މިހެން. އެ ލަވަ ކިޔާލީމަ ޓީޗަރު އައިސް އަޅުގަނޑުގެ ސޯޓުގައި ހިފައި އަޅުގަނޑު މައްޗަށް ހިއްލާލީ،" ޓީޗަރު ހެދި ގޮތް އަތުގެ ހަރަކާތުން ދައްކާލާފައި ސޯދިގު ބުންޏެވެ.

"އެންމެ އުފާވަނީ އެ ދުވަހު އަޅުގަނޑު ބުނި ބަސް މިއަދު ހަގީގަތަކަށް ހެދުނީމަ. ވަރަށް އުފާވޭ ހަމަ. މިއަދު، ނުދަންމަ މީހާ ވެސް އަޅުގަނޑު ފެނުނީމަ މަގުމަތިން ވެސް ގޮވާލާ. އެގޮތަށް ނުދަންނަ މީހުން އައިސް ގޮވާލީމަ ވަރަށް ތަފާތު އިހްސާސެއް ކުރެވެނީ. ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ލިބެނީ."

އެންމެ ކުޑައިރު އޭނާ ޝޯ ދިނީ ޑަބިޔާ ޖަހައިގެން

މޯލްޑިވިއަން އައިޑޮލްގައި ބާކީ ތިބި ލަވަކިޔުންތެރިންނަށް ބަލާއިރު ސޯދިގުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ހަލަބޮލިކަމާއި އާދަޔާހިލާފު ޑާންސް މޫވްތަކެވެ.

ހަގީގަތަކީ މި މޫވްސްތަކަކީ އޭނާ ސީދާ މޯލްޑިވިއަން އައިޑޮލްއަކަށް ހާއްސަކޮށްގެން ދަސްކޮށްފައިވާ މޫވްސްތަކެއް ނޫން ކަމެވެ. ސޯދިގަކީ އޭނާގެ މުޅި ހަޔާތުގައި ނަށައި ސަކަރާތް ޖަހައި މީހުން ހެއްވާލަދިން ޒުވާނެކެވެ. އެންމެ ކުޑައިރު އޭނާ ރަށުގައި ސްޓޭޖު ޝޯ ދީ އުޅުނީ ޑަބިޔާ އާއި ހުސް ދަޅުފަދަތަކެތި އެއްކޮށްލައިގެން އުފެއްދި "ޑްރަމް ސެޓް" ބޭނުންކޮށްގެންނެވެ.

"އެއީ ސާސްކަފް ފެށުނު ހިސާބު. ދަޅުން ޑަބިޔާއިން ޑްރަމް ސެޓް ހަދައިގެން އެ ޑްރަމްސެޓް ވީލްބަރޯ އަކަށް ލައިގެން ރަށުގެ އެކި ހިސާބުގައި ޝޯ ދެމުން އޭރު ދާނީ. ރުފިޔާއަކަށް ލަވައެއް ކިޔަމުން އޭރު ދާނީ ތަނަކަށް މަޑުކޮށްލާފައި. އެގޮތަށް އަމިއްލަ އަށް ޑްރަމް ސެޓް ހަދައިގެން ރަށުގައި ހުންނާނެ ޝޯ ވެސް ދީފައި މީހުން އެއްވާވަރަށް،" ނިކަން ޝައުގުވެރިކަމާ އެކު ސޯދިގުގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ދަޅުން ޑްރަމް ހަދައިގެން ލަވަކިޔަން އުޅޭއިރު ވެސް ރަށުގައި ޝޯ ދޭން ދައުވަތު ލިބޭނެ. ޝޯގައި ސްމޯކް އަރުވާލާނީ ބޮނބިގަނޑުތަކުގައި އަލިފާން ރޯކޮށްލައިގެން. ވަރަށް ސަޕޯޓް ލިބޭނެ ދެން މިއުޒިކް ކުޅޭއިރު ޑަބިޔާ ޖަހަައިގެން. ވަރަށް ގިނަ މީހުން ވެސް އެއްވާނެ. އޭރު ސްޓޭޖު ހަދާފައި ހުންނާނީ ތެޔޮ ހުސްކުރި ބޮޑެތި ފީފާތައް ޖަހައިގެން."

ސޯދިގު ބުނީ ސްކޫލްގައި އޭނާ ބޮޑަށް މަޝްހޫރުވެގެން ދިޔައީ މިފަދަ ސަކަރާތަށް ކަމަށެވެ. ރައިވަރެއް ކިޔަން ޖެހުނަސް އެންމެ ފުރަތަމަ އަށް ގޮވާލެވޭ ނަމަކަށް އޭރުވެފައި އޮތީ ސޯދިގުގެ ނަމެވެ.

"ކިޔަވަން ދިޔައިރު ވެސް، އަޅުގަނޑުގެ ކަމަކަށް އޮންނާނީ ބެރު ޖެހުން. ކްލާހުގައި އުޅޭއިރު ވެސް ޑެސްކުގައި ތަޅައިގެން ބެރު ޖެހުން އޮންނާނީ. އެގޮތަށް ބެރު ޖަހާނީ ކިޔަވައިދީފައި ދެ ޓީޗަރުން ބަދަލުވާ ގަޑީގައި. އެ ގަޑީގައި ކްލާހުގެ އެންމެ ފަހަތަށް ގޮސް ކުދިންތައް އެއްކޮށްލައިގެން އަޅުގަނޑުގެ ކަމަކަށް އޮންނާނީ ބެރުޖެހުން،" ސޯދިގު ކިޔައިދިނެވެ.

"ސްކޫލްގައި ވެސް އެފަދަ އިތުރު ހަރަކާތެއް އޮވެއްޖެ ނަމަ ފުރަތަމަ ނަގާ ކުއްޖަކަށް ވާނެ އަޅުގަނޑު. އަދި މިސާލަކަށް އެސެމްބްލީގައި ރައިވަރެއް ކިޔައިދޭން ޖެހުނަސް ނުވަތަ އެހެން ކަމެއްގައި އައިޓަމެއް ހުށަހަޅައިދޭން ޖެހުނަސް ފުރަތަމަ ނަގާނީ އަޅުގަނޑު."

ކުރިން މަހަށް ވެސް ދިޔަ، ހިތް ވަރަށް ބޮޑު!

ސޯދިގަކީ އޭނާގެ ސްކޫލް ދުވަސްވަރުގައި ނިކަން ބަލިކަށިކޮށް ނުވަތަ ކަމީނާކޮށް އުފެދިފައި ހުރި ކުއްޖެކެވެ. އޭނާގެ އުމުރާ ނުބައްދަލު ސިފައާ ހެދި މިހާރު ވެސް އުމުރު ޔަގީންކުރަން ޖެހެނީ އައިޑީ ކާޑު ދައްކައިގެން ކަމަށް ސޯދިގު ބުންޏެވެ.

"އަދި ސްކޫލްގައި އުޅުނުއިރު އަޅުގަނޑު ވަރަށް ކުޑަކޮށް ހުންނާނީ. ހިކިހިކޮށް. އަމިއްލަ އަށް ގޮނޑި ވެސް ނުއުފުއްލޭނެ. އެހެންވީމަ އަޅުގަނޑުގެ ފޮތާއި ގޮނޑި ތަނަކަށް ދާނަމަ ގެންގޮސްދޭނީ ވެސް ޓީޗަރު،" ސޯދިގު ބުންޏެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ ސްކޫލް ނިންމާލި ގޮތަށް އޭނާ އެންމެ ފުރަތަމަ އަދާކުރި ވަޒީފާ އަކީ މަހަށް ދިއުމެވެ.

"އެއަށް ފަހު ދެން އުޅުނީ ރަށުގެ ރައްޔިތުންގެ އިންޖީނުގޭގައި. އެއަށް ފަހު ރިސޯޓަކަށް ގޮސް އެތަނުގައި ވަޒީފާ އަދާކުރަން އުޅެނިކޮށް ޓީވީއެމްގެ ވޮއިސް އޮފް މޯލްޑިވްސް އިއުލާނުކުރީ. އެފަހަރު އޭގައި ބައިވެރިނުވެވުނީ ޖޮބަށް ވަން ދުވަސްކޮޅު ކަމަށް ވެފައި ލީވް ހަމަނުޖެހިގެން،" ސޯދިގު ބުންޏެވެ.

"ވަރަށް ދެރަވި އެފަހަރު. އެކަމަކު ދެ ވަނަ ފަހަރަށް ވޮއިސް އޮފް މޯލްޑިވްސް އިއުލާނުކޮށްގެން އޮޑިޝަނަށް ވެސް ދިޔައިން. އެކަމަކު ނުއެއް ހޮވުނު. އެ ދުވަހު ވަރަށް ދެރަވި. ރޯން ވެސް ރޮވުނު ދުވަހެއް އެއީ."

މޯލްޑިވިއަން އައިޑޮލް އިން ފުރުސަތު ލިބުނުއިރު ސޯދިގު އުޅެނީ ކޫއްޑޫގެ ފުޅި ބަންދުކުރާ ފެކްޓަރީއެއްގަ އެވެ.

"އަޅުގަނޑު ވަޒީފާ އަދާކުރަނީ ކޫއްޑޫ ބޮޓްލިން ޕްލާންޓްގައި. ހަފުތާއަކު އެއް ފަހަރު ރަށަށް ދެވޭ. އެތަނުގައި ހެނދުނު ހަތްގަޑި ބައިގައި ދާ ގޮތަށް ހަވީރު ފޯ ތާޓީގަ ނިމޭނީ. އެތަނުގައި މިހާރު އުޅޭތާ ތިން އަހަރުވެއްޖެ،" ސޯދިގު ކިޔައިދިނެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވަނީ މިފްކޯ އަށް. ކުންފުނިން ދިން އެއްބާރުލުން އަޅުގަނޑަށް މިކަމުގައި ކުރިއަށް ދާން. މިފްކޯގެ މެނޭޖުމަންޓަށް ޝުކުރު އަދާކުރަން. ދެން. ގއ. އަތޮޅުގެ އެންމެނާއި ސަޕޯޓްކުރާ އެންމެނަށް އަދި ހާއްސަކޮށް އާއިލާ އަށް ޝުކުރު އަދާކުރަން ބޭނުންވޭ."

ޝައްމޫނަކާ ވައްތަރެއް ނޫން! އެހެން ކިޔާތީ ލަދުގަނޭ!

ސޯދިގު ބުނަނީ މިހެންނެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލްއާ އެކު ސޯދިގު އެންމެންގެ މެދުގައި ވެސް މަޝްހޫރުވެފައި ވަނީ އީކުއެޓިވް ވައިބްގެ ލަވަކިޔުންތެރިޔާ ޝައްމޫ ނުވަތަ މުހައްމަދު ޝައްމޫންގެ "ދެ ވަނަ ވާޝަން" ގެ ގޮތުގަ އެވެ. ޚުދު ޝައްމޫ ވެސް ބުނަނީ މި ސޯދިގެއް އޭނާއާ ވައްތަރު ކަމަށެވެ. މިހެން ދޭހަވާ ގޮތަށް ޝައްމޫ ޓްވީޓެއް ވެސް ކުރި އެވެ.

އެހެން ނަމަވެސް ސޯދިގު ބުނަނީ ޝައްމޫއަކާ އޭނާ ވައްތަރެއް ނޫން ކަމަށެވެ.

"ޝައްމޫނާ އަޅުގަނޑު ވައްތަރޭ މީހުން ކިޔާތީ ބައެއް ފަހަރަށް ލަދުވެސް ގަނޭ. އާންމުކޮށް މިހާރު ވެސް ފޭސްބުކުން ދިމާވެގެން ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ މި ގޮވާލަނީ ޝައްމޫއޭ ކިޔާފައި. ދެން އަޅުގަނޑު މި ބުނަނީ ނޫނެކޭ. މިއީ ސޯދުއޭ. ބުނީމަ ދެން މި ބުނަނީ އަސްލު ވެސް ހާދަ ވައްތަރޭ ޝައްމޫއާ،" ނިކަން ލަދުންހުރެ ސޯދިގު ކިޔައިދިނެވެ.

އޭނާ ބުނީ އެންމެފަހުން މީހަކު އޭނާ ގޮވައިގެން ގޮސް މިހަރު ޝައްމޫއާ ބައްދަލުވެސް ކުރުވައިފި ކަމަށެވެ. އަދި އެކަން ދިމާވި ގޮތަކީ ނިކަން ބޮޑު ސަޕްރައިޒެއް ކަމަށް ވެސް ބުންޏެވެ.

"ރައްޓެއްސަކު އެއް ދުވަހަކު އައިސްފަ މި ބުނަނީ ހިނގާބަލާށޭ ކޮންމެވެސް ތަނަކަށް ޖައްސާލަން. ދެން ސައިކަލަށް އަޅުގަނޑު އަރުވައިގެން ގޮސް މަޑުކުރީ ޝައްމޫން ކައިރިއަށް. ވަރަށް ހިނިވެސް އައި. ވަރަށް އުފާވެސްވި. އަލަށް ހަމަ ފުރަތަމަ ފަހަރަށް ބައްދަލުވީ ޝައްމޫންއާ އެ ދުވަހު،" ސޯދިގު ބުންޏެވެ.

"ޝައްމޫއާ ވާހަކަ ދައްކާލީމަ ވަރަށް ސަޕޯޓް ލިބުނު. އަޅުގަނޑަށް ވޯޓް ހޯދައިދޭން މަސައްކަތްކުރާކަން ވެސް އެނގުނު. އަޅުގަނޑުގެ ލަވަތަކާ ގުޅުވައިގެން ޓްވީޓް ވެސް ކޮށްލާ އޭނަ. އެހާ މަޝްހޫރު ލަވަކިޔުންތެރިޔަކު އެގޮތަށް ޓްވީޓްކޮށްލީމަ ވެސް ވަރަށް އުފާވޭ."

ސޯދިގު ބުނީ ޝައްމޫއާ ވައްތަރުއޭ ކިޔައި މީހުން އެކަން ހިންގާލައިގެން އުޅެނީ އޮޑިޝަނުގައި "މަލެކޭ" ލަވަ ކިޔުނު ހިސާބުން ކަމަށެވެ. އެކަމަކު އޭގެ ކުރިން އޭނާގެ ބައެއް ރައްޓެހިންނާއި ރަށު މީހުން ވެސް އޭނާ އަށް "ޝައްމޫ" އޭ ކިޔާފައި ގޮވާ ވާހަކަ ބުންޏެވެ. އަދި ޝައްމޫންއާ ވައްތަރު ގޮތެއް ހުންނަ ކަމަށް ބުނާ ވާހަކަ ވެސް ބުންޏެވެ.

"އަސްލު މޯލްޑިވިއަން އައިޑޮލްގެ ކުރިން ވެސް މީހުން ކިޔާ ޝައްމޫނާ ވައްތަރޭ. އެހެން ހުއްޓައި މޯލްޑިވިއަން އައިޑޮލް އަށް ދިޔަތަނުން އޮޑިޝަނުން ވެސް ބުނެފި ވަރަށް ވައްތަރޭ. އެކަމަކު އަޅުގަނޑަށް ހީއެއް ނުވޭ އަޅުގަނޑު ޝައްމޫއާ ވައްތަރުހެނެއް،" ސޯދިގު ބުންޏެވެ.

"ނިމިހެން މިދިޔަ އެލިމިނޭޝަން ރައުންޑަށް ފަހު ޝައްމޫއޭ ކިޔާ މިންވަރު މާ ބޮޑަށް އިތުރުވެއްޖެ މިހާރު. އޭގައި ހެދުން އަޅައިގެން ހުރި ގޮތުންނާއި ތޮއްޕެއް އަޅައިގެން ހުރީމަ. އަސްލު ޝައްމޫއާ ވައްތަރޭ ކިޔާވަރުން ތެދުތެދަށް ބުނަނީ ނަމަ އަޅުގަނޑަށް ވެސް އަޅުގަނޑު ވައްތަރުވި ޝައްމޫއާ އެ ޝޯއިން."